އެކަމަކު ޢިލްމަކީ އެމީހާގެ އުޅޭ މުޖްތަމައިން ވެސް ދަސްކުރާ އެއްޗެއް. މީހުން އެކަކު އަނެކަކާ ވާހަކަ ދައްކާއިރުވެސް އޭގެން ހޯދާ އެއްޗެއް. ޢިލްމަކީ ލިޔެފަ ހުންނަ އެއްޗެހިންނާ، މީހުން ކުރާ ކަންކަމުންނާ، މުޖްތަމަޔަށް ފެންނަ މަންޒަރުތަކުންނާ މި ހުރިހާ ކަމަކުންވެސް ޙާސިލުކުރާ އެއްޗެއް. ޢިލްމުގެ ތަފާތު ބާވަތްތައް ހުރިއިރުގަ އެންމެ މާތް އެންމެ މަތިވެރި ޢިލްމަކީ ޝަރީޢަތުގެ ޢިލްމު. ދީނުގެ ޢިލްމު. އެ ޢިލްމު ތަކުގެ ތެރޭންވެސް ވަކިން ޚާއްސަ ގޮތެއްގާ ތައުޙީދުގެ ޢިލްމު، ﷲ ތަބާރަކަ ވަތަޢާލާ މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމު، ހުރިހާ ޢިލްމެއްގެ މައްޗަށް މާތް ކުރައްވާ މަތިވެރި ކުރައްވާފަވަނީ. ބޭފުޅުންނޭ، ޢިލްމުގެ ޒަރިއްޔާއިން، މީހާގެ ކިބާގަ ހުންނަ ޖާހިލުކަން ފިލާގެންދާނެ. މީހާގެ ކިބާގަ ހުންނަ ނާތަހުޒީބީ ގޮތްތައް ފިލާގެންދާނެ. އަދި އެމީހާޔަކީ ޝަރުއީ ޢިލްމުގެ ތެރެއަށް، ދީނީ ޢިލްމުގެ ތެރެއަށް، ފައިދާކުރަނިވި ޢިލްމުގެ ތެރެއަށް ވަންނަ މީހެއްކަމަށް ވަނީނަމަ، މާތްﷲ އާ އެމީހަކާ ކާރިވުން ކުއްތަންވުމުގެ ފުރުސަތު ފަހިވެގެންގޮސް އެމީހާޔަށް ﷲ ތަބާރަކަ ވަތަޢާލާ މުޢުމިނުތަކުންނަށް ތައްޔާރުކުރައްވާފަވާ ސުވަރުގެ ތަކަށް ދިޔުމުގެ މަގު ފަހިވެގެންދާނެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވަނީ "من سلك طريقا يلتمس فيه علما سهل الله له به طريقا إلى الجنة ": ޢިލްމު ހާސިލް ކުރުމުގެ މަގަކުން ހިނގައިފި މީހާ "من سلك طريقا يلتمس في علما " އޭގެ، އެ ޢިލްމުގެ މުރާދަކީ ޝަރުޢީ ދީނީ ޢިލްމު. އެ ޢިލްމު ޙާސިލު ކުރާ މަގަކުން އެމީހާ ހިނގައިފިއްޔާ " سهل الله له به طريقا إلى الجنة " ސުވަރުގެއަށް އެމީހަކު ވަންނާނެ މަގު ﷲ އެމީހާއަށްޓަކާ ފަސޭހަކޮށްދެއްވައޭ.
އަނެއްކާވެސް އަޅުގަނޑު މިދަންނަވަނީ ކޮންމެހެން ކިޔަވައިދޭ އެދުރު ގެއަކަށް ވަކި ހާއްސަ ގޮތަކަށް ކިޔަވާ ކިޔެވުމުގެ ވާހަކައެއްނޫން. ވުޟޫ ކުރާގޮތް، ނަމާދު ކުރާގޮތް، ކީރިތި ޤުރުއާން ކިޔަވާނެގޮތް، އޭގެ ޢިލްމުތާކާ، ކަންކަމާ އެއްޗެހި އުނގެނި މީހާ ދީނީ ޢިލްމުގެ ތެރެއަށް ބޮޑަށް ވަން ވަރަކަށް، އޭނައަށް ސުވަރުގެއަށް ދިޔުމުގެ މަގުތައް އޭނާއަށް ފަސޭހަވެގެން ދާނީ. ﷲ އެކަމަށް މަގު ދައްކަވާނެ.
ނަމާދުކުރާ މީހާޔަށް ނަމާދަކި ކިހިނެއް ކުރަންވީ އެއްޗެއްކަން ރަނގަޅަށް އެނގިގެން ކުރާ މީހާޔަށް، ސުންނަތުގަ އޮތްގޮތަށް ކުރާ މީހާޔަށް ލިބޭ ދަރުމަޔާ ސަވާބާ ހަމަ އެޔަށްވުރެން މަދު ނުވަތަ އޭގެ އެންމެ ރަނގަޅުގޮތަށް ނޭންގި ކޮށްލާ މީހަކަށް ލިބޭ ދަރުމަޔާ ސަވާބާ ވަރަށް ބޮޑަށް ތަފާތުވާނެ. ކަންކަން ކުރާއިރުގަ ދީނުގަ އެކަމެއް އަންގަވާފަވާ ގޮތަށް އެނގޭ، ކުރާ މީހާޔާ އެކަން ނޭންގި ކުރާ މީހާޔާ ވަރަށް ބޮޑަށް ތަފާތު ވާނެ.
އަޅުގަނޑުމެންގެ ތެރޭގަ ބައެއް ބޭފުޅުންނަށް މިވާ ގޮތަކީ ދުނިޔަވީ ގޮތުން ހުރިހާ ޢިލްމެއް ހުރޭ ލިބިފަ. ކޮންމެ ފަދަ ކަމަކާ ބެހޭގޮތުން އަހާލިޔަސް، ކޮންމެ ޤައުމަކާ ބެހޭގޮތުން، ކޮންމެ ތަނަކާ ބެހޭގޮތުން، ކޮންމެ އެއްޗަކާ ބެހޭގޮތުން އަހާލިޔަސް ވަރަށް ގިނަ މަޢުލޫމާތު އެމީހާގެ ހުރޭ. އެކަމަކު، ދީނުގެ ކުޑަކުޑަ ކަމަކާ ބެހޭގޮތުންވެސް އެމީހާ ވަރަށް ބޮޑު ޖާހިލަކަށް އެބަވޭ. މިހާ ފަސޭހަކޮށް މި ޒަމާނުގަ ދީނުގެ ޢިލްމު ހޯދުމަށް، ކަންކަން ދެނެގަތުމުގެ ފުރުސަތުތައް ފަހިވެފާވާއިރުވެސް، ބައެއް މީހުން އެކަންކަމާ ވަރަށް ދުރުގަ ތިބިކަން ފާހަގަ ކުރެވޭ.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން