ރަސޫލް ޞޢޥ ގެ ޒަވާޖީ ޙަޔާތްޕުޅުން: އަނބީންގެ ގައިގަ ހިލޭ ފިރިހެނުން އަތްލީމަ މައްސަލައަކަށް ނުވަނީ ހިލޭ އަންހެނުންގެ ގައިގަ އަތްލާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ރަސޫލް ޞޢޥ ގެ ޒަވާޖީ ޙަޔާތްޕުޅުން: އަނބީންގެ ގައިގަ ހިލޭ ފިރިހެނުން އަތްލީމަ މައްސަލައަކަށް ނުވަނީ ހިލޭ އަންހެނުންގެ ގައިގަ އަތްލާތީ!

އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން ސަވާރީއަށް އަރައިވަޑައިގަތުމަށް އެހީވެރިވެވަޑައިގެންނެވި!

އެއްދުވަހަކު ޞަފިއްޔާ رضي الله عنها އެކަމަނާގެ ޖަމަލަށް އަރައިވަޑައިގަތުމައްޓަކައި، ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ ކަކޫފުޅުގެ މައްޗަށް ޞަފިއްޔާ رضي الله عنها ގެ ފައިންޕުޅު އަޅުއްވައި ޖަމަލު މައްޗަށް އަރުއްވަން ނަބިއްޔާ صلى الله عليه وسلم ތިރިވެވަޑައިގެންނެވިއެވެ. البخاري 2893، المسلم1365. 

މިއާ ޚިލާފަށް މިއަދުގެ ގިނަ ފިރިހެން އެމީހުންގެ އަނބީން އުޅަނދު ފަހަރަށް އެކަނިމާ އެކަނި އެރެން އޮތް ގޮތަކަށް އަމިއްލައަށް އަރަން ދޫކޮށްލާ މަންޒަރު ފެންނަލެއް މަދު ހެއްޔެވެ؟ ނުވަތަ ކޮންމެވެސް ހިލޭ ފިރިހެނެއްގެ އެހީގައި އެމީހާގެ އަތުގައި ހިފައިގެން ދޯންޏަށް ނުވަތަ ޕިކަޕުލޮރީއަށް އަރަން ދޫކޮށްލާފައި، އެތަކެއްޗަށް ސާމާނު އެރުވޭތޯ އުޅޭ މަންޒަރު ފެންނަލެއް މަދުތޯއެވެ؟ 

ފަހެ އެމީހުންނަށް އެމީހުންގެ އަނބީންނަށް ވުރެ އެހެން ކަންކަން މުހިއްމު ވަނީ ބާއެވެ؟ ނުވަތަ އެކަނބަލުން އެހާލުގައި އަރަނިކޮށް ކޮންމެ ފަދަ ގެއްލުމެއް ނުވަތަ ހާނީއްކައެއް ވިޔަސް ވަރިހަމައީ ބާއެވެ؟ ނުވަތަ ތިމާގެ ޙަލާލު އަނބިމީހާގެ ގައިގައި ދުރުހިލޭ ފިރިހެނުން ބީހެން ވަރިހަމައީ ބާއެވެ؟ 

އެހެން ކަމުގައިވާނަމަ އެއީ ހަމަ ދައްޔޫޘުންނެވެ. ގިނަ ފަހަރު މިފަދައިން ކަން ހިނގަނީ، ފިރިމީހާއަކީވެސް އެހެން ހިލޭ އަންނުންނާ ސަމާސާކޮށް ގައިގަ އަތްލާ މީހުން ކަމުގައި ވާތީއެވެ. އެމީހުންގެ ކައިރީގައި އެހެން މީހުންގެ އަނބިންނާއި އަންހެން ދަރިންނަކީ، ތިމާގެ އަމިއްލަ އަނބިމީހާ އެކޭ އެއްފަދައިން ބޭނުން އިރަކު އަތްލައި މޮޑެން ހަމަ އެންމެ ރަނގަޅު ބައެކެވެ.

އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެމީހުން ކައިރީގައި އަންހެނުންނަކީ އެއްވެސް އަގެ ހުރި ބައެއް ނޫނެވެ. އަމިއްލަ ޖީބުގައި އޮންނަ ވޮލެޓުގައި ހުންނަ ފައިސާ ނުވަތަ ކޭޝް ކާރޑަށް ވުރެ ވެސް އަންހެނުންނަކީ އަގު ދަށް ބައެއްކެވެ. ނަތީޖާއެއްގެ ގޮތުން ތިމާގެ އަނބިމީހާގެ އަގުވެސް ވަޒަން ނުކުރެވެއެވެ. ހިތުގައި ޣީރަތްތެރިކަމުގެ ކަންފުޅެއްވެސް ނުހުންނަ ފަދައެވެ. މިއީ ދިވެހިންގެ ތެރޭގައި އެންމެ އިހުން ފެށިގެން ކަން ހުރި ގޮތެކެވެ. އަދި ކަމެއްދަމެއް ގޯސްކޮށް ހިނގައިފިކަން ރޭކާލަނީ އެހެން މީހެއްގެ ދަރިއަށް ރަށް މެދަށް ވިހާ ހިސާބުންނެވެ. ނުވަތަ ތެޔޮ ނާށި ކާލު ޖަހައިގަންނަ ހިސާބުންނެވެ. والله المستعان. 

ނުނިމޭ 

- ޝައިޚް ޒަމްޒަމް ފާރިޝް

 

 

 

މިއަދު އޮންލައިން