އެންމެ މަތީ ޤަދަރެއް ޙައްޤުވެގެންވަނީ މަންމައަށެވެ. މިއީ އެއްވެސް މުސްލިމަކަށް ދެބަސްވެވެން އޮތް ކަމެއް ނޫނެވެ. އެންމެ ބޮޑަށް ހެޔޮކޮށް ހިތަންޖެހޭނީ މަންމައަށް ކަމަށް ވިދިވިދިގެން 3 ފަހަރު ޙަޑީޘްފުޅުކުރައްވަވާފައި އޮތުމުންނެވެ. އަދި ކީއްހެއްޔެވެ؟ މިޙަދީޘްފުޅު އޮތްކަން ނުއެނގޭ ކާފިރުންވެސް މިކަން މިގޮތަށް ޤަބޫލުކުރެއެވެ.
ދެން އޮތީ އެންމެ ބޮޑު އުޖޫރައިގެ ވާހަކައެވެ. އުޖޫރަ މިތަނުގައި އަހުރެން މާނަކުރާނީ މުސާރައަށެވެ. ނޫންނަމަ އެއްފަހަރާ ފައިސާތަކެއް ދީފައި ނިންމައިލެވިދާނެއެވެ. މައިންނަށް ދޭންޖެހޭ އުޖޫރައަކީ އެގޮތަށް ނިންމައިލެވެން އޮތް އުޖޫރައެއް ނޫނެވެ. މަންމަ ދުނިޔޭގައި އިންހާދުވަހަކު ދޭންޖެހޭ އުޖޫރައެކެވެ. ވީމާ ދޭންޖެހޭ އުޖޫރަ ހަދަންޖެހޭނީ މުސާރައަކަށެވެ. ކޮންމެ މަހަކުވެސް ކޮންމެ ދުވަހަކުވެސް ދޭންޖެހޭނެތީއެވެ.
ދެން އޮތީ މަންމައަށް ދޭންޖެހޭ މުސާރަ ކަނޑައެޅުމެވެ. ކޮންމެ މީހަކަށްވެސް މުސާރަ ކަނޑައަޅަންޖެހޭނީ އެމީހަކު ކުރާ މަސައްކަތަކާއި އަޅުވައެވެ. އެގޮތުން ބަލައިފިނަމަ ދަރިންނަށްޓަކައި އެންމެ ބޮޑު ބުރަ އުފުލަނީ މައިންނެވެ. އެންމެ ބޮޑު ޤުރްބާނީއެއް ވަނީވެސް މަންމައެވެ. ވީމާ އެންމެ ބޮޑު މުސާރައެއް ޙައްޤުވާނީ މަންމައަށެވެ.
ދެން އޮތީ ރިސްކް އެލަވަންސްއެވެ. ކޮންމެ ދަރިއަކުވެސް ދުނިޔެއަށް އުފަންވަނީ މަންމަ އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެން ފުރާނައިން ރިސްކްނަގާތީއެވެ. ވީމާ އެންމެ ބޮޑު ރިސްކް އެލަވަންސެއްވެސް ޙައްޤުވާނީ މައިންނަށެވެ.
ކޮންމެ ދަރިއަކަށްވެސް އޮތީ މައިންނާއިމެދު މިބުނި މަގުން ކަންކަން ކުރުމެވެ. ތިމާމެން އެންމެ ބޮޑަށް ޤަދަރުކުރާ މީހަކީ މަންމަކަމަށް ހަދަންޖެހެއެވެ. އެންމެ ބޮޑު މުސާރަވެސް އަދި އެންމެ ބޮޑު ރިސްކް އެލަވަންސްވެސް ދޭންޖެހެއެވެ. ނުދީފިނަމަ ދުނިޔޭގެ ކޯޓަކަށް ނުދިއަ ނަމަވެސް ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެދަރިއަކަށް ޙުކުމް އިއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން