ކައިވެނިކުރެވުން ކިތަންމެ ލަސްވިނަމަވެސް މާޔޫސްވެ ﷲ ތަޢާލާގެ ރަޙްމަތުން މަޙްރޫމް ނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކައިވެނިކުރެވުން ކިތަންމެ ލަސްވިނަމަވެސް މާޔޫސްވެ ﷲ ތަޢާލާގެ ރަޙްމަތުން މަޙްރޫމް ނުވާށެވެ!

ކައިވެނިކުރަން ބޭނުންވެ އެކަމަކު ކައިވެނިނުކުރެވިތިބެ ދުނިޔެއިން ވަކިވާންޖެހޭ މީހުންގެ ތެރޭގައި ތަނަވަސްކަމާއި އާރާއި ބާރުހުރި އެތައް ބައަކު ހިމެނެއެވެ. އެކަމުން އެނގެނީ ކައިވެނިކުރުމަކީވެސް ﷲ ތަޢާލާ އިރާދަކުރެއްވެވުމުން ކުރެވޭނެ ކަމެއްކަމެވެ.

ކައިވެނިކުރާ ޢުމުރަށް އެޅުމުން ކޮންމެ މީހަކުވެސް ކައިވެނިކުރަން ބޭނުންވާނެއެވެ. ވީހައި އަވަކަށް ކައިވެނިކުރެވުމަށް އެދެވޭނެއެވެ. އެއީ އިންސާނުންގެ ކިބައިގައި ލައްވަވާފައިވާ ކަމެކެވެ. އެހެނަސް ކައިވެނިކުރެވުމަކީ ކަންބޮޑުވެ ތެޅިފޮޅެން ޖެހޭ ކަމެއް ނޫނެވެ. ކަމުގެ ޙަޤީޤަތަށް ވިސްނައިލަމާ ހިނގާށެވެ! 

ކައިވެނި ނުކުރެވި ލަސްވުމަކީ ވަރަށް ގިނަ ބައަކު ކަންބޮޑުވާ ކަމެކެވެ. އަދި މާޔޫސްވުން ވެސް އިތުރުވާ ކަމެކެވެ. އެ މާޔޫސަކަމުގައި ބައެއް އަންހެނުން މަގުމައްޗަށް ނުކުމެ އެމީހުންގެ ޢިއްފަތްތެރިކަންވެސް އެބަ ނަގައިލައެވެ. އަބުރުވެސް އަމިއްލައަށް އެބަ ކަތިލައެވެ. 

ބުނެލަން އޮތީ ކައިވެނި ނުކުރެވި ލަސްވާތީ ކަންބޮޑުނުވާށެވެ! ﷲ ތިބާއަށް ބައްލަވައި ވޮޑިގެންވެއެވެ. ތިބާގެ ޙާލަތު ދެނެވޮޑިގެންވެއެވެ. ކުރާ ދުޢާ އައްސަވައިވޮޑިގެންވެއެވެ. އެހެންކަމުން ކައިވެނި ކުރެވުން ލަސްވާނަމަ ﷲ އެވަނީ ތިބާ ވަރަށް ޚާއްޞަ ފަރާތަކަށްޓަކައި ރިޒާވްކުރައްވަވާފައިކަމަށް ޔަޤީންކުރާށެވެ!

އަތުންފައިން ގޯސް ހެދެނީ މި ބުނިފަދައިން ޔަޤީންނުކުރެވޭތީއެވެ. ފަށަމުން ބުނިފަދައިން އަމިއްލައަށް އަބުރު ކަތިލެވި އަދި ޢިއްފަތް ނަގައިލުމުން ﷲ ތަޢާލާގެ ލައްނަތް ލިބޭ އަޅުންގެތެރޭގައި ތިބާ ހިމެނިދާނެއެވެ. އެހެން ވެއްޖެ ނަމަ ހުރިހާ ނިޢްމަތަކުން މަހްރޫމްވީއެވެ. ދެ ދުނިޔެވެސް ގެއްލިދިއައީއެވެ.

ޙަޔާތުގައި ދެރަ ގޮތްތައް މެދުވެރިވެފައިވާ އެތައް ބައަކީ ކެތްތެރި ނުވެ މަގުމައްޗަށް ނުކުމެވުނު މީހުންނެވެ. ގިނަ ބައަކު އެކަމަށް އިޢްތިރާފްވެއެވެ. އަނެއްބައަކު އެކަމަށް އިޢްތިރާފް ނުވެދާނެއެވެ. ނަމަވެސް އެމީހުންގެ އަމިއްލަ ނަފުސަށް އަހަރެން ދެންމެ މިބުނި ބަސްތަކުގެ ތެދުކަން ޔަޤީންކުރެވޭނެއެވެ! ވީމާ މި ވާހަކަކޮޅުން ޢިބްރަތް ޙާޞިލުކުރާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން