ކޮންމެ ދުވަހަކުވެސް މިއާޔަތުގައިވާމަގުން ދިރިއުޅުމުގެ ކަންކަން ތަރުތީބުކުރާ މީހަކަށް ކާމިޔާބުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ކޮންމެ ދުވަހަކުވެސް މިއާޔަތުގައިވާމަގުން ދިރިއުޅުމުގެ ކަންކަން ތަރުތީބުކުރާ މީހަކަށް ކާމިޔާބުވާނެ! އިން ޝާ ﷲ

ކޮންމެ ކަމެއްވެސް ކުރަން އޮތީ ވަކި ތަރުތީބަކުންނެވެ. މިޘާލަކަށް ހެނދުނު ހޭލައިގެން ފުރަތަމަ ސައިބޮނީއެއް ނޫނެވެ. ފާޚާނާއަށް ވަދެ ސާފުތާހިރުވަނީއެވެ. ދަންއުނގުޅަނީއެވެ. ފެންވަރަނީއެވެ. ނުކުމެ ފޭރާންލަނީއެވެ. ސައިބޮނީ އެއިގެފަހުންނެވެ.

ދުވަހު ތާވަލު ރާވައި ތަރުތީބުކުރަންޖެހެނީ އެހެންވެގެންނެވެ. އަދި ދުނިޔަވީ ކަންކަމުގައި ކާމިޔާބު ހޯދަމުން އަންނަނީ ކަންކަން ތަރުތީބުކޮށް އެތަރުތީބަށް ޢަމަލުކުރާ މީހުންކަމަސްވެގެންދަނީވެސް އެހެންވެގެންނެވެ.

ވީމާ ކީރިތި ޤުރްއާނުގެ މިއާޔަތުގައިވާ ތަރުތީބަށް ބަލައިލަމާހިނގާށެވެ!

"އިސްރާއީލްގެ ދަރިންގެ ކިބައިން، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ ޢަހްދު ހިއްޕެވިހިނދު، ހަނދުމަކުރާށެވެ! އެއީ، ﷲއަށް މެނުވީ ތިއަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި، މިސްކީނުންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި ތިއަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ! އަދި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ! އަދި ޒަކާތް ދޭށެވެ! ދެން ތިއަބައިމީހުން ދެކޮޅުވެރިވެގެންވާ ޙާލް، ތިއަބައިމީހުންގެ ތެރެއިން މަދު ބައަކު މެނުވީ (ޢަހްދު ފުއްދުމަށް) ފުރަގަސްދިނީއެވެ." (ބަޤަރާ: 83)

1 ﷲއަށް މެނުވީ އަޅުކަން ނުކުރުން

2 މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި، މިސްކީނުންނަށް ހެޔޮކޮށް ހިތުން

3 މީސްތަކުންނަށް ހެޔޮބަސްބުނުން

4 ނަމާދު ޤާއިމުކޮށް އަދި ޒަކާތް ދިނުން

އެއްވެސް ޝައްކެއް ނެތެވެ. ފުރަތަމަކަމަކަށް މުސްލިމުންނަށް އޮތީ ﷲ ތަޢާލާއަށް އީމާންވުމާއި ﷲ ތަޢާލާ ނޫން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމެވެ.

ނަމާދަކީ ސުވަރުގެ ވަނުމުގެ މައި ތަޅުދަނޑިކަމަށްވީއިރުވެސް ނަމާދުކުރުމުގެ ވާހަކަ މިއާޔަތުގައި މިއޮތީ 4 ވަނަ އަށެވެ. އެއިގެ ކުރިއަށް 3 ކަންތައް އޮތުމަށްފަހުގައެވެ.

މީސްތަކުންނޭވެ! އަހަރެމެންނަށް އެނގިގެން މިދަނީ ހަމައެކަނި ނަމާދުކުރުމަކުން ނުފުދޭނެ ކަމެވެ. ނަމާދުކުރާ މީހާއަކީ މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި، މިސްކީނުންނަށް ހެޔޮކޮށް ހިތާ މީހަކަށް ވާންޖެހޭނެ ކަމެވެ. ހަމަ އެއާއިއެކު މީސްތަކުންނަށް ހެޔޮބަސްބުނާ މީހަކަށްވެސް ވާން ޖެހޭނެ ކަމެވެ. މިކަންކަމަކީ ﷲ ތަޢާލާއަށް އަހަރެމެން ކޮންމެ މީހަކުވެސް އަދާކުރަން ޖެހޭ މަސްއޫލިއްޔަތު ކަމެވެ. އަހަރެމެންގެ މައްޗަށް އޮތް މތިވެރި ވާޖިބެއް ކަމެވެ.

"މީސްތަކުންނަށް ހެޔޮބަސްބުނާ މީހަކަށްވެސް ވާން ޖެހޭނެ" ކަމަށް އޮތް އޮތުމާއިމެދު ކުޑަ ބަހެއް ބުނެލާނަމެވެ. އެހެނީ މިހާރަކަށް އައިސް ކިތަންމެ ކުޑަނަމަވެސް ހިތް ހަމަނުޖެހޭ ކަމެއް މެދުވެރިވެއްޖެ ނަމަ ބޭނުންހައި ބަސްތަކެއް ދުލުން ބުނެލުން މިވަނީ ޢާންމު ކަމަކަށް ހަދައިފައެވެ. ނަމަވެސް އެކުރެވޭ ކަމަކީ ކަނޑައެޅިގެން ﷲ ތަޢާލާގެ މި ވަޙީބަސްފުޅާއި ދެކޮޅުވުމެވެ. ވީމާ ހަމަ އެއްވެސް މީހަކާއި ހިތަށް އެރިބަސްތައް ނުބުނާށެވެ. ކިތަންމެ ގަދައަށް ރުލި އައި ނަމަވެސް ދުލުން ހެޔޮ ބަހެއް ނޫނީ ނުބުނާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން