ޢާންމު ގޮތެއްގައި ގިނަމީހުން ނިދާނީ ވަރުބަލިކަންމަތީގައެވެ. އެއީ ކޮންމެ ދުވަހަކީވެސް އެތައް ބައިވަރު މަސައްކަތްތަކެއް ކުރަންޖެހޭ ދުވަހަކަށްވާތީއެވެ. އެހެންކަމާއިއެކުވެސް ނިދުމުގެކުރިން ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރަން ފަށައިފިނަމަ އެކަންކަން ކުރަން އާދަވާނެއެވެ. އަދި އެކަންކަން ކުރުމަކީ ނިދަން ފަސޭހަވާ ސަބަބަކަށްވެސްވެގެންދާނެއެވެ.
މިސާލެއްގެ ގޮތުން ކުޑަކަމެއް ބުނެފާނަމެވެ. ނިދުމުގެ ކުރިން ވިތުރިކުރަން ފަށައިފިނަމަ އެކަންކުރަން އާދަވާނެއެވެ. އާދަވީމާ ވިތުރިނުކޮށް ނިދަން އުނދަގޫވާނެއެވެ. ވިތުރިކުރެވުނީމާ ނިދަން ފަސޭހަވާނެއެވެ. މިއީ ވަރަށް ގިނަ ބައަކު ތަޖުރިބާކޮށްފައިވާ ކަމެކެވެ.
ނިދުމުގެ ކުރިން 4 ކަމެއް ކުރަމުން ދިއުމަކީ އެމީހަކާއި ﷲ ތައާލާ އާއި ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަވިގެންދާ ކަމެކެވެ. ވީމާ ކޮންމެ މީހަކުވެސް ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން މި 4 ކަންތައް ފުރިހަމަކުރަން މަސައްކަތްކުރާށެވެ!
ފުރަތަމަ ކަމަކީ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް ފުރިހަމައަށް އަދާކުރުމެވެ. މިސާލަކަށް ކިތަންމެ ބޮޑަށް ވަރުބަލިވެފައި ހުރި ނަމަވެސް ޢިޝާ ނަމާދު ނުކޮށް ނިދައިގެން ނުވާނެއެވެ. މިހެން މިބުނީ ނިދަންވާއިރު ދެން އޮތް 4 ނަމާދު ކުރެވިފައިވާނެ ކަމަށް ބަލައިގެންނެވެ! އެދުވަހު ކުރަންޖެހޭ ނަމާދުތައް އެނަމާދުގެ ވަގުތުގައި ކޮށްފައިވާނެކަމަށް ބަލައިގެންނެވެ.
ދެވަނަ ކަމަކީ އެއްވެސް މީހަކާއި އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާ ނަމަ އެކަމެއް ޙައްލުކޮށް ހިތްސާފުކުރުމެވެ. އެ މައްސަލައިގައި ކުށްވެރިވަނީ ތިބާ ނޫން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް މަޝްވަރާކޮށް މައްސަލަ ހައްލުކުރާށެވެ! ކުށްވެރިއަކީ ތިބާ ނޫންނަމަވެސްއަދި ކުށްވެރިއަކީ އޭނާ ނަމަވެސް އަނެކާއަށް މާފުކުރާށެވެ!
ޚާއްޞަގޮތެއްގައި ޢާއިލާގެ ތެރޭގައި މައްސަލައެއް ޖެހިފައިވާނަމަ އެކަމެއް ހައްލުކުރާށެވެ! ވަކިން ޚާއްޞަކޮށް ދެމަފިރިންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހިފައިވާނަމަ އެކަމެއް ކޮންމެހެންވެސް ޙައްލުކުރަންވާނެއެވެ.
3 ވަނަ ކަމަކީ ނިދަން އޮށޯތުމުގެ ކުރިން ފުރަތަމަ ތަނެއްގައި އިށީންނާށެވެ! ރަނގަޅީ މުސައްލަ މަތީގައި ނުވަތަ އެނޫންވެސް އެފަދަ މަޤާމެއްގައި އިށީނުމެވެ. އިށީނދެއިނދެ އެދުވަހު ތިމާއަށް ކުރެވިފައިވާ ފާފަތައް މަތިން ހަނދާންކުރާށެވެ. އަދި އެފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާ ކުރާށެވެ! އެއްވެސް ފާފައެއް ކުރެވިފައިވާކަން ފާހަގަ ނުކުރެވުނު ނަމަވެސް ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާ ކުރާށެވެ! އެހެނީ ނިދީގައި މަރުވެއްޖެނަމަ އެ ފުރުޞަތު ނުލިބޭނެތީއެވެ.
4 ވަނަ ކަމަކީ ނިދީން ނުހޭލެވިދާނެ ކަމަށް ބަލައި ކުރަން ޖެހޭ ވަޞިއްޔަތްތައް ފުރިހަމަކުރުމެވެ. ދަރިންނަށް އަންގަން ޖެހޭ ކަންކަން އަނގާފައި ނިދުމެވެ.
މިއީ ބައެއް މީހުން ސުވާލު އުފައްދާ ކަމެކެވެ. ނިދަން ތިއުޅެނީ ދެން ނުހޭލަންތޯ؟ ސުވާލުކުރެއެވެ. ނިދަނީ ހޭލުމަށް އުންމީދުކޮށްގެންނެވެ. ނަމަވެސް ނިދީން ހޭލެވޭނެ ކަމުގެ ޔަޤީންކަން އޮތީ ކާކަށް ހެއްޔެވެ؟ ވީމާ ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ވަޞިއްޔަތްތައް ފުރިހަމަކުރާށެވެ! އެކަމުގެ މުހިންމުކަން އެންމެ ބޮޑުވާ ސަބަބަކީ ތިމާކުރަންޖެހޭ ވަޞިއްޔަތެއް އޮވެ، އެވަޞިއްޔަތް ނުކޮށް ހުއްޓައި މަރުވުމުން، އެކަން ދަރިންނަށް ނުއެނގުމުގެ ސަބަބުން ޤިޔާމަތް ދުވަހު މައްސަލަތަކެއް ކުރިމަތިވެދާނެއެވެ. ދަރިންނަށް އެނގިފައި އޮތުމުން އެކަން ފުރިހަމަ ކުރުމުގެ ފުރުޞަތު ދަރިންނަށް ލިބޭނެއެވެ.
މިބުނަނީ ކޮންމެ ރެއަކު ނިދުމުގެ ކުރިން ހުރިހާ ދަރިން އެއްކުރާ ވާހަކައެއް ނޫނެވެ. ނަމަވެސް ކުރަންޖެހޭ ވަޞިއްޔަތެއް އޮތް ނަމަ މާދަމާ ކުރަން ނުބާއްވައި ނިދުމުގެ ކުރިން ވަޞިއްޔަތް ކުރުމުގެ މުހިންމު ކަމުގެ ވާހަކައެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން