ޢިބްރަތްތެރި ވާހަކަ: ހުރިހާ ބޭނުންތަކެއް ފުއްދައިދިނަސް އަޅާލުމާ ލޯބި ނުދެވޭނަމަ ހެޔޮލަފާ އަނބިންގެ ލޯބި ނުލިބޭނެކަން ތަޖުރިބާކުރަންޖެހުނު ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ
ޢިބްރަތްތެރި ވާހަކަ: ހުރިހާ ބޭނުންތަކެއް ފުއްދައިދިނަސް އަޅާލުމާ ލޯބި ނުދެވޭނަމަ ހެޔޮލަފާ އަނބިންގެ ލޯބި ނުލިބޭނެކަން ތަޖުރިބާކުރަންޖެހުނު ފިރިއެއްގެ ވާހަކަ-

ކުރަންޖެހޭ މަސައްކަތް ހުސްވާނީ މަދު ފަހަރަކުއެވެ. ކޮންމެ ދުވަހަކީވެސް މަސައްކަތްކުރަންޖެހޭނެއެވެ. ބުރަކޮށް މަސައްކަތްކުރާނަމަ މަސައްކަތުގައި ގިނަ ވަޤުތު ހޭދަކުރަންވެސް ޖެހެއެވެ. އެހެންކަމާއިއެކުވެސް ކައިވެނިކުރުމަށްފަހު ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ. ދަރިން ލިބުމުން އެކަމަށް ބޮޑަށް ވިސްނަންވެސް ޖެހެއެވެ. 

ބައެއް އަންހެނުންނަށް އެމީހުންގެ ބޭނުންތައް ފުދޭނަމަ ޝަކުވާނުކޮށް ތިބެފާނެއެވެ. ނަމަވެސް އެއިގެ މާނައަކީ އެމީހުން އުފަލުގައި ތިބުމެއް ނޫނެވެ. ކޮންމެ އަންހެނަކަށްވެސް އުފަލުގައި އިނދެވޭނީ އޭނާއަށް ބޭނުންވާ އަޅައިލުމާއި ލޯބި ލިބޭނަމައެވެ. ހަމަ އެއާއިއެކު އެމީހަކަށް އުފާވެރިކަން ނުލިބޭނަމަ އަނެކާއަށް އުފާވެރިކަން ހޯދައިދިނުމަކީވެސް ކުރަން ފަސޭހަ ކަމަކަށް ނުވާނެއެވެ. 

ޚާއްޞަކޮށް ހެޔޮލަފާ އަނބިން ބޭނުންވާނީ ބޮޑު ތަނަވަސްކަމަކަށް ނޫނެވެ. މާބޮޑު ތަނަވަސްކަމެއް ނުލިބުނަސް އެމީހުންނަށް އަޅައިލުމާއި ލޯބި ލިބުމަށެވެ. އެމީހެއްގެ އަނބިމީހާ ބޭނުންވާ ގޮތް ދެނެގަތުމަކީ އެމީހަކު ކުރަންޖެހޭނެ ކަމެކެވެ. 

މިބާވަތުގެ މައްސަލަތައް ކުރިމަތިވާ މީހުންނަށް ތިރީގައިވާ ވާހަކައަކީ ޢިބްރަތްތެރި ފިލާވަޅެކެވެ. އިން ޝާ ﷲ 

އަޅުގަނޑަކީ އަބަދުވެސް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އައި މީހަކީމެވެ. ކައިވެނިކުރީވެސް ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. ކައިވެންޏަށްފަހުގައިވެސް އައީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. އަނބިމީހާއަށް ބޭނުންވާނެ ހުރިހާ އެއްޗެއް ހޯދައިދެމެވެ. ދަރިން ލިބުމުން ދަރިންނަށް ބޭނުންވާނެ ހުރިހާ ކަންކަންވެސް ކޮށްދެމެވެ. ރީތި ގެއެއް އަޅައި އެމީހުން ދިރިއުޅެން ދިނީމެވެ. 

އެހުރިހާ ކަންކަން ކޮށްދިނުމުންވެސް އަނބިމީހާގެ ލޯތްބެއް އަޅުގަނޑަކަށް ނުލިބެއެވެ. އަދި ދަރިންގެ ސަމާލުކަމެއްވެސް ނުލިބެއެވެ. އެކަންކަން އިޙްޞާޞްކުރެވެން ފެށީ 4 ވަނަ ދަރިފުޅުވެސް ލިބުނު ފަހުންނެވެ. 

އަނބިމީހާއަކީ ވަރަށް ތެދުވެރި އަދި ތަޤްވާވެރިވެސް އަންހެނެކެވެ. ދުވަހަކުވެސް އެއްވެސް ކަމަކާއި ޝަކުވާއެއްވެސް ނުކުރެއެވެ. އެހެންކަމަށްވާއިރުވެސް އޭނާގެ ލޯބި އަޅުގަނޑަށް ނުލިބޭތީ ވަރަށް ގިނަ ސުވާލުތަކެއް އުފެދުނެވެ. އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވެފައި ހުއްޓައި އެއްރެއަކު ކައިނިމިގެން އަނބިމީހާ ކުރި ސުވާލަކުން ދިއައީ ތަރިބުރައިގެންނެވެ. "ކައިވެންޏަށް 10 އަހަރުފުރުނީއެވެ! މިކައިވެނިން އަހަރެންނަށް ލިބުނީ ކޮން އުފަލެއް ހެއްޔެވެ؟ ކަލެއަށްވެސް ލިބުނީ ކޮން އުފަލެއް ހެއްޔެވެ؟" 

ސިއްސައިގެން ގޮސްފައި ބުނެވުނީ ތިއަބުނަނީ ކީކޭހެއްޔެވެ؟ ކަލެއަށް އުނިވެފައިވަނީ ކޮންކަމެއް ހެއްޔެވެ؟ ލިބެނީ ކޮން އެއްޗެއް ހެއްޔެވެ؟ބޭނުންވާހައި ކަމެއް އެބަކޮށްދެމެވެ. ދިރިއުޅެން ރީތިގެއެއްވެސް ދީފީމެވެ. ވީމާ މަދުވާކަމެއް ނިކަން ބުނެބަލާށެވެ."

އިރުކޮޅަކު މަޑުން އިނދެފައި އަނބިމީހާ ބުންޏެވެ. "ތިއަ ހުރިހާ އެއްޗަކަށްވުރެ އަހަރެންނަށްވެސް ދަރިންނަށްވެސް މުހިންމީ ކަލޭގެ ލޯތްބެވެ! ލޯބިން ހޭދަކޮށްލެވޭ ވަގުތެވެ. ދަރިންނަށް މުހިންމީ ލޯބިދޭނެ ބައްޕައެކެވެ. އަހަރެންނަށް މުހިންމީ ލޯބިދޭނެ ފިރިއެކެވެ." އެހިސާބުން ދެން އަޅުގަނޑު ކުރި އެއްވެސް ސުވާލަކަށް އަނބިމީހާ ޖަވާބުނުދީ މަޑުން އިނީއެވެ. 

އެކަމާއި ގުޅިގެން ދީނީ ޢިލްމުވެރިއެއްގެ ލަފާ ހޯދައިލުމުން ދިރިއުޅުމާއިބެހޭ ގޮތުން ވަރަށް ގިނަ ސުވާލުތައް ކޮށްފައި އޭނާ ބުންޏެވެ. "އެމީހުންނަށް ތިބާ ކަންކަން ކޮށްދޭގޮތް ވަރަށް ރަނގަޅެވެ. ނަމަވެސް އެންމެ މުހިންމު އުފަލުން ތިބާވަނީ އެމީހުން މަޙްރޫމްކޮށްފައެވެ. އެއީ އަޅައިލުމާއި ލޮބިދިނުމެވެ. އެކުގައި ވަގުތު ހޭދަކުރުމެވެ. 

ނިކަން އެކަންކަން އިޞްލާޙްކޮށްލަބަލާށެވެ! ހީވެސް ނުކުރެވޭވަރުގެ ބޮޑެތި ބަދަލުތަކެއް ދިރިއުޅުމަށް އަންނާނެއެވެ. ނުލިބިގެން ތިއައުޅޭ އަނބިމީހާގެ ލޯތްބާ ދަރިންގެ ސަމާލުކަންވެސް ލިބޭނެއެވެ. ތިއައީ ދަރިންގެ ބައްޕަ ނަމަވެސް، ދަރިންނަށް ކިތަންމެ ބައިވަރު ކަންކަންކޮށްދީ ކުޅޭ ސާމާނު ހޯދައިދިންނަމަވެސް އެދަރިންނަށް ލޯބިނުދޭނަމަ އެކުދިންނަށް ތިބާވާނީ ގެއަށްވަދެނުކުމެވާ މެހްމާނަކަށެވެ." 

އޭނާ ދިން ނަޞޭޙަތް ޤަބޫލުކޮށް ދިރިއުޅުމުގެ ކަންކަން ބަދަލުކޮށްލިތަނުން ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. އަނބިމިހާގެ ލޯބިވެސް ލިބެންފަށައިފިއެވެ. ދަރިންގެ ސަމާލުކަންވެސް ލިބެން ފަށައިފިއެވެ. އެހައިތަނަށް އަޅުގަނޑަކީ ހަފްތާގެ ބަންދު ދުވަހުވެސް ގޭގައި މަޑުކުރާ މީހެއް ނޫނެވެ. ނަމަވެސް މިހާރު ކޮންމެ ހުކުރު ދުވަހަކީވެސް ޢާއިލާ އާއިއެކުގައި ހޭދަކުރާ ދުވަހެކެވެ. މިހާރު އަޅުގަނޑަވުރެ އުފަލުގައި ދިރިއުޅޭ ފިރިއަކު މަދުވާނެކަމަށް ބުނަން ޖެހިލުމެއް ނުވެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅު ޙިއްޞާކޮށްލަން އަޅުގަނޑު ބޭނުންވީ އަނބިންގެ ލޯބި ނުލިބިގެން ގިނަ ބައަކު ޝަކުވާކުރާތީ އަޅުގަނޑުމެންނަށް ކުރެވޭ ކުށުގެ ވާހަކަ ބުނެލާށެވެ. އެކަން އެހެން ވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބުގެ ވާހަކަ ބުނެލާށެވެ. 

ފަހުން އަޅުގަނޑުގެ ގާތުގައި އަނބިމީހާ ބުންޏެވެ. "ހުރިހާ އަންހެނުންނަކީ އަގުބޮޑު އެއްޗެއްސަށް ބޭނުންވާނެ ބައެއް ނޫނެވެ. ލޯތްބާއި އަޅައިލުމަށްވުރެ ބޭނުން އެހެންކަމެއް ނެތް އަންހެނުންވެސް މަދެއް ނުވާނެއެވެ." އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. އެއްޗެއްސަށް އުޅޭ އަންހެނުން ވެސް ބައިވަރެވެ. ނަަމވެސް އަޅުގަނޑުގެ އަނބިމީހާ މިވީ ތަފާތު އަންހެނަކަށެވެ. އަޅުގަނޑުގެ އަނބިމީހާ ފަދަ އަނބިންވެސް ތެދޭނެކަން ވިސްނައިލުން ބުއްދިވެރި ނޫންތޯއެވެ؟

 

- ޚާލިދް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން