ބޭފުޅުންނޭ، ޢިލްމަކީ އޭގެ ޒަރިއްޔާއިން ދެ ދުނިޔޭގެ ޢިއްޒަތް އެމީހާޔަށް ލިބިގެން ދާ ކަމެއް. ﷲ ތަބާރަކަ ވަތަޢާލާ ޢިލްމުވެރިކަން މީހަކަށް ދެއްވައިފިއްޔާ، އެމީހާޔަށް ދުނިޔޭގަވެސް އަދި އެ ޢިލްމަކީ ރަނގަޅު ޢިލްމެއް ކަމަށް ވެއްޖެއްޔާ އެމީހާޔަށް އުޚުރަވީ ހަޔާތުންވެސް ޢިއްޒަތް ލިބިގެން ދާނެ. މި ދެންނެވީ ދީނީ ޝަރުއީ ޢިލްމެއް ލިބިއްޖެއްޔާ. ދެން ދުނިޔަވީ ގޮތުން ޢިލްމު ލިބިއްޖެއްޔާ އެމީހާ ދުނިޔަވީ ގޮތުންވެސް ހަމަ ޢިޢްޒަތާ އެމީހާޔަށް ކުރިއެރުންތަކާ ކަންކަން ލިބިގެންދޭ. އަޅުގަނޑުމެންނަށް އެ މަންޒަރު މި ފެންނަނީ. ކަންކަމުގެ ތެރޭގަ ޢިލްމީގޮތުން ބަސްބުނާ މީހުންގެ ބަހަކީ އެއީ މީހުންގެ ގާތުގަ މަޤްބޫލު ބަހަކަށް، ޤަބޫލު ކުރެވޭ އެއްޗަކަށް އެބަވޭ. އަދި ވަކިން ޚާއްސަ ގޮތެއްގަ ދީނީ ޝަރުއީ ޢިލްމު ހޯދައިފިއްޔާ ދެދުނިޔޭގެ ބާއްޖަވެރިކަން އެމީހާޔަށް ފަހިވެގެން އެބަދޭ.
މާތްﷲ ރުއްސުން ލެއްވި ޢަބްދުﷲ ބުން ޢައްބާސް ރަޟިޔަﷲ ތަޢާލާ ޢަންހު، އެކަލޭގެ ފާނަކީ ޞަހާބީ ބޭކަލުންގެ ތެރެއިން އުމުރުން ހަގު ބޭކަލެއް. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބޮޑުބޭބެ، ޢައްބާސްގެފާނުގެ ދަރިކަލުން. ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެން އިރުވެސް އުމުރުން ހަގު، ޒުވާން ބޭފުޅެއް. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގަތުމުން، އެކަލޭގެފާނު ވިދާޅުވަނީ އެކަލޭގެފާނުގެ އެކުވެރިއަކަށް، އަންޞާރިއްޔަ ބޭކަލަކަށް ،ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންނަ މެންނާ ވަކިވެގެން ވަޑައިގަތިއްޔޭ. ވަރަށް ބައިވަރު ޢިލްމު ތިމަންނަމެންނަށް ލިބުމުގެ ދޮރުތައް، މަގުތަށް ބަންދުވެގެން ދިޔައިއްޔޭ. ހިނގާށޭ މިހާރު ދެން ބާކީ ދުނިޔޭގަ ތިބި ބޮޑެތި ޞަޙާބީ ބޭކަލުންގެ ކިބައިން ޢިލްމު ވީހާ އަވަހަކަށް ގިނައިން ހޯދަން މަސައްކަތް ކުރަން.
އެކުވެރި ރަޙްމަތްތެރިއަކާ ވާހަކަ މި ދައްކަވަނީ. އެބޭފުޅާ މި ވިދާޅުވަނީ، އެތިބީނުންހޭ އަބޫބަކުރުގެފާނު، އުމަރުގެފާނު، ބޮޑެތި ބޭބޭފުޅުން. ދެން އެބޭފުޅުންނާ ހަމަޔަށް ދާން ކީއްކުރަންހޭ މަސައްކަތް ކުރަންވީ. ތިޔަށްވުރެން ދުނިޔަވީ އެހެން ކޮންމެސް މަސައްކަތެއް ކުރިއްޔާ މާ ރަނގަޅުވާނެ ނޫންހޭ. އެކަންކަން ކުރާނެ މީހުންވެސް ބޭނުންވާނެ ނޫންހޭ.
ކޮންމެއަކަސް ރަޙްމަތްތެރިޔާ ވަޑައިގަތީ މަސައްކަތުގެ ދިމަޔަކަށް. ޢަބްދުﷲ ބުން ޢައްބާސް ރަޟިޔަﷲ ތަޢާލާ ޢަންހު ހަމަ ވަޑައިގެންނެވީ ޢިލްމުގެ ތެރެއިން، މަސައްކަތްޕުޅު ކުރައްވަން. އެހެން ދޭތެރެޔަކުން އުޅުއްވާފަ އެއްކަލަ ރަޙުމަތްތެރިޔާގެ ޙާލު އަހުވާލު ބެއްލެވުމަށްޓަކާ އެގެއަށް އިބްނު އައްބާސް ރަޟިޔަﷲ ތަޢާލާ ޢަންހު ވަޑައިގަންނަވާ ކަމަށްވެ.
އެއްފަހަރެއްގަ އެހެން ވަޑައިގެންނެވި އިރުގަ ޚަބަރު ލިބުނީ ރަޙްމަތްތެރިޔާ އަވަހާރަފުޅު ލައްޕަވާފަ ކަމަށް. ދޮރުމަތީގަ އޮޅިގަނޑުގަ މަޑުކުރައްވައިގެން އިންނަވަނީ. އެތައް އިރެއް ފަހުން ނުކުމެ ވަޑައިގަތީ، ކީއްވެތޯ ތި އިންނަވަނީ؟ ކިހިނެއް ވީތޯ؟ ވިދާޅުވަނީ އަރާމު ނިދީގަ އޮތީމަ ތިމަންނަ ބޭނުން ނުވިއްޔޭ އުނދަގޫ ކުރަން. ހަމަޖެހިލައިގެން ނުކުތީމަ ދައްކާނެ ވާހަކަ ހުންނާނެޔޭ، އެހެންވެގެން މަޑުކޮށްލައިގެން އިނިއްޔޭ. މި އުސޫލުން މި ގާތްކަމާ ރަޙްމަތްތެރިކަން ބޭއްވި. ޒަމާންގަނޑަކަށް ފަހުގަ އިބްނު އައްބާސް ރަޟިޔަﷲ ތަޢާލާ ޢަންހު މާ ބޮޑެތި ޢިލްމުވެރިންގެ ތެރޭގަ ހިމެނިވަޑައިގެން، އެތައް ބަޔަކު އެބޭފުޅާޔަށް ބޭނުން ޖެހިފައިވާ ހާލުގަ އެތައް ބައިވަރު މައްސަލަތަކެއް، ކަންކަމެއް އޮޅުން ފިލުވާ، މިކަހަލަ މަންޒަރު ފަހުން ފެނިވަޑައިގެން އެބޭފުޅާގެ އެކުވެރިޔާޔަށް. އެހެންމެ އޭރުގަ އަސްލު ޙަޤީޤަތުގަ އަމިއްލަޔަށް ވަޒަންކޮށްލަން އެބޭފުޅާޔަށް ފުރުސަތު މި ލބުނީ ޢިލްމަކީ ކިހާ މަތިވެރި މުހިއްމު ކަމެއްކަން. މީހުންގެ ދަރަޖަ ކިހާބޮޑަކަށް ތަފާތު ކުރާ އެއްޗެއްކަން ޙަޤީޤަތުގަ ޢިލްމަކީ.
ބޭފުޅުންނޭ މީކީ ވަކި މީހަކަށް އޮންނަ ކަމެއް ނޫން. ޢިލްމަކީ ވަކި ޢާއިލާ އަކަށް ވަކި ނަސަބަކަށް ވަކި މީހަކަށް އޮންނަ ކަމެއް ނޫން. އެ ޢިލްމު ޙާސިލު ކޮށްފިއްޔާ، އިޚުލާސްތެރި ނިޔަތަކައިގެން މަސައްކަތް ކޮށްފިއްޔާ ﷲ އެމީހަކަށް އެ މަގުތައް ފަހިކޮށްދެއްވާ. އެހެންމެ އޭގެ ސަބަބުން އެމީހާޔަށް ކުރިއެރުމާއި ކަންކަން ﷲތަޢާލާ ފަހިކޮށް ދެއްވަވާ. ވަކިން ޚާއްސަ ގޮތެއްގައި ދީނީ ކަންކަން މީހާޔަށް އެނގިގެން ދިޔުމަކީ، އެއީ އެމީހާޔަށް ވަރަށް ބޮޑު ހެވެއް ﷲ އިރާދަ ކުރައްވާފަ ވާކަމުގެ ޢަލާމާތެއް.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން