ދަމުނަމާދު ކުރަންފަށާފަހުން ހުރިހާ ރޭތަކުގަ ނުހޭލެވިދާނެކަމުގެ ބިރަށް ދަމުނަމާދުކުރަން ނުފަށައި މަޑުނުކުރާށެވެ! އެއީ ޝައިޠޯނާ ދޭ އެންމެ ނުބައި އެއް ވަސްވާސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދަމުނަމާދު ކުރަންފަށާފަހުން ހުރިހާ ރޭތަކުގަ ނުހޭލެވިދާނެކަމުގެ ބިރަށް ދަމުނަމާދުކުރަން ނުފަށައި މަޑުނުކުރާށެވެ! އެއީ ޝައިޠޯނާ ދޭ އެންމެ ނުބައި އެއް ވަސްވާސް!

ގިނަ ބައަކަށް ދަމުނަމާދު ނުވަތަ ރޭއަޅުކަން ނުކުރެވޭ އެންމެ ބޮޑު ސަބަބަކީ ޝައިޠޯނާދޭ ނުބައި ވަސްވާސްތަކެވެ. އެކަމަށް ހޭލުންތެރިވެ ރޭއަޅުކަންކުރަން ފަށާށެވެ! އިން ޝާ ﷲ އެމީހަކަށް ކާމިޔާބު މިންވަރުކުރައްވަވާނެތެވެ. ދަލީލުވެސް މިއޮތީއެވެ. މީހަކު ﷲ ތަޢާލާއާއި ކުއްތަންވާން މަސައްކަތްފަށައިފިނަމަ އެމީހަކަށްވުރެ މާބޮޑަށް ﷲ ތަޢާލާ ކައިރިވެވޮޑިގަންނަވާ ކަމެވެ.

ދަމުނަމާދު ނުކުރަނީ ކީއްވެގެންތޯ ސުވާލުކުރުމުން ގިނަ ބައަކު ބުނެއެވެ. "ޢާންމުކޮށް ކޮންމެ ރެއަކު ނުހޭލެވިދާނެކަމުގެ ބިރުއޮތުމުންނެވެ." ޤަބޫލުކުރާށެވެ! ތިއަ ވިސްނުމަކީ ނުބައި ނުލަފާ ޝައިޠޯނާ ތިބާގެ ސިކުނޑިއަށް ވައްދުވާ ވަރަށް ނުބައި ވިސްނުމެކެވެ.

ދަމު ނަމާދަށް ނުހޭލެވިދާނެ ކަމުގެ ބިރަށް ދަމުނަމާދުކުރަން ނުފަށަން ނުހުންނާށެވެ! އިޚްލާޞްތެރި ނިޔަތާ، ހިތްވަރާއި ޢަޒުމާއި އަދި އުންމީދާއިއެކު ކުރަން ފަށާށެވެ. އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރަމުން ގެންދާށެވެ! ދެން އޮތް ބައި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ!

އަޅުކަމުގެ ތެރެއިން ﷲ ތައާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ އެކަމަކީ ކިތަންމެ ކުޑަ ކަމެއް ނަމަވެސް ޤަވާއިދުން ކުރެވޭ އަޅުކަމެވެ. ޤަވާއިދުން ކުރަން މަސައްކަތްކުރާ މީހަކަށް ﷲ ތަޢާލާ މަގުފަހިކޮށްދެއްވަވާނެތެވެ! ބޭނުންވަނީ އިޚްލާޞްތެރި ނިޔަތެކެވެ.

މީސްތަކުންނޭވެ! ޤަވާއިދުކޮށް ކަމެއް ކުރެވޭނީ އެކަމެއް ކުރަން ގަދައަޅައި މަސައްކަތްކުރުމުންނެވެ. ވީމާ ބިރުގަންނަންވީ ޤަވާއިދުން ނުކުރެވިދާނެތީއެއް ނޫނެވެ. ޤަވާއިދުން ކުރަން މަސައްކަތް ނުކުރެވިދާނެތީއެވެ. މަސައްކަތް ކުރެވިއްޖެ ނަމަ އެކަމެއް ކާމިޔާބު ކުރެވޭނެއެވެ. އިން ޝާ ﷲ

ތިމާ ކުރަން ބޭނުންވާ ކަމެއް ތިމާއަށް ނުކުރެވިދާނެ ކަމުގެ ބިރު އޮތް ނަމަ ގިނަގިނައިން ދުޢާ ކުރާށެވެ! ﷲ ތަޢާލާއަށް ފޯރުކޮށް ނުދެއްވެވޭނެ ނިޢްމަތެއް ނުވެއެވެ. ފަހިކޮށް ނުދެއްވެވޭނެ އެއްވެސް ކަމެއް ނުވެއެވެ. ވީމާ ކިތަންމެ ނިދި ގަދަ ނަމަވެސް ދަމުނަމާދަށް ތެދުވަން މަސައްކަތްކުރަމުން އެކަމަށް އެދި ދުޢާ ކުރާށެވެ! ދަމު ނަމާދުކުރާ މީހާގެ ހިތަށް ލިބިދޭ ހަމަޖެހުން އެނގޭނީ ހަމަ ނަމާދުކުރާ މީހަކަށެވެ. އަމިއްލައަށް އިޙްޞާޞްކޮށްލާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން