ﷲ ތަޢާލާ މީހަކަށް ހެވެއް އިރާދަކުރައްވައިފިއްޔާ އެމީހާޔަށް ދީނުގެ ޢިލްމު އުނގަންނާދެއްވަވާ!- ޙަދީޘް: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ
ﷲ ތަޢާލާ މީހަކަށް ހެވެއް އިރާދަކުރައްވައިފިއްޔާ އެމީހާޔަށް ދީނުގެ ޢިލްމު އުނގަންނާދެއްވަވާ!- ޙަދީޘް: ޑރ. ޢަލީ ޒާހިރު

"من يرد الله به خيرا يفقهه في الدين ": ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ ﷲ ތަޢާލާ މީހަކަށް ހެވެއް އިރާދަކުރައްވައިފިއްޔާ އެމީހާޔަށް ދީނުގެ ޢިލްމު އުނގަންނާދެއްވައޭ. މީހަކަށް ދީނުގެ ޢިލްމު އިޚްލާސްތެރި ހެޔޮ ނިޔަތެއްގަ ހެޔޮގޮތުގަ އެމީހާޔަށް ބޭނުންކުރަން ޢިލްމު އެމީހާޔަށް ﷲ ދެއްވައިފިއްޔާ އޭގެ މާނަޔަކީ ﷲ އެމީހަކާ މެދުގަ ހެވެއް އިރާދަކުރައްވައިފިއެވެ. ވަރަށް ބޮޑު ޢަލާމަތެއް. ރަސޫލާޞައްލަﷲ ޢަލައިހި ވަސައްލަމަ އެހެން ޙަދީޘް އެ ކުރެއްވީ ،އެއީ ހަމަ ޙަޤީޤަތުގައިވެސް އެކަން އެހެން އޮތަތީވެ.

އެހެންވީމަ، ބޭފުޅުންނޭ މިކަމަށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ، އެމީހެއްގެ ފެންވަރުން، އެމީހަކު ހުރި ހިސާބަކުން، ކަންކަން އަބަދުވެސް އޮޅުން ފިލުވަން، އަބަދުވެސް ފޮތް ކިޔަން، އަބަދުވެސް އެއްޗެހި އަޑުއަހަން. އޭރަށް އެމީހާއަށް ދީނީ މަޢުލޫމާތުތައް އެމީހާޔަށް އިތުރުވަމުން އެނގެމުން ދާނީ އެހެން ނޫނިއްޔާ ކިތަންމެ ކިޔަވައިގެން ހުރި މީހެއްވެސް އަބަދާ އަބަދު އެކަމުގެ ތެރޭގަ ނޫޅެންޔާ މީހާ ހުލިވަމުން ހުލިވަމުން އެއްޗެހިތައް ހަނދާން ނެތެމުން ނެތެމުން ދާނީ ހަމަ، އާޚިރުގަ އެމީހާގެ އަތުގަ އޮންނާނީ ސެޓްފިކެޓެއް، އެމީހާގެ އަތުގަ ޢިލްމެއް، އެމީހާގެ އަތުގަ މަޢުލޫމާތެއް ހަރެއް ނުވެއްލާނެ.  

އަނެއްކާ، ޢިލްމަކީ ނޫރެއް. ﷲ ތަބާރަކަ ވަތަޢާލާ އެކަލާނގެ އިރާދަކުރެއްވި އަޅަކަށް އެކަން މިންވަރު ކޮށްދެއްވަނީ. ކުށް ފާފައިގެ ސަބަބުން، އެމީހާގެ ކިބައިން އެނޫރު އެއަލިކަން ފުހެވިގެން ދާއެއްޗެއް އެއީ. ވަކިން ޚާއްޞަ ގޮތެއްގައި ދީނީ ޝަރުޢީ ޢިލްމަކީ އެކަހަލަ އެއްޗެއް. އެހެންވީމަ ދީނީ ޢިލްމު އުނގެނޭކަށް ވަކި ޚާއްސަ ތަނަކުން ކިޔަވާކަށް ވަކި ޚާއްސަ ތަނެއްގަ ރަޖިސްޓަރީ ވާކަށް، މިހެންނެއް ލާޒިމެއް ނޫން. އެމީހާ ހަމަ ކަންކަން ހޯދަންވީ. މީހުންކުރެން، އިތުބާރު ހުރި މީހުންކުރެން އޮޅުންފިލުވާ އަހާ ފޮތް އެއްޗެހި ކިޔާ، އެއްޗެހި އަޑުއަހާ ބަލާ ދެނެގަނެގެން، ޢިލްމު އެމީހާޔަށް ހަމަ އެމީހާ ބޭނުން ވަރަކަށް މިހާރު މި ޒަމާނުގާ ޙާސިލް ކުރެވެން އެބައޮތް. ތިމާޔަކީ ކިތަންމެ ނިކަމެތި މީހެއް ކަމަށްވިޔަސް، ޝަރުޢީ ޢިލްމުގެ ސަބަބުން އެމީހާގެ ދަރަޖަ ﷲ ތަބާރަކަ ވަތަޢާލާގެ ޙަޟްރަތުގައި މަތިވެރިކުރައްވަވާ.  

"يرفع الله الذين آمنوا منكم والذين أوتوا العلم درجات": ﷲ ވަޙީ ކުރައްވަނީ: ﷲތަޢާލާއަށް އީމާންވި މީހުންނާ ޢިލްމު ދެވުނު މީހުންގެ ދަރަޖަ މަތިވެރި ކުރައްވައެވެ. އުފުއްލަވައެވެ. މާތްﷲ އެމީހެއްގެ ދަރަޖަ މަތިވެރި ކުރައްވަން އިރާދަކުރެއްވި މީހަކު ދަށްކޮށް ނިކަމެތި ކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެ.  

އެހެންމެ ޢިލްމަކީ އެއީ އަބަދާ އަބަދު އަޅުގަނޑުމެން ހަމަ ކޮންމެ އުމުރެއްގަވެސް ކޮންމެ ހިސާބެއްގަ ކޮންމެ ތަނެއްގަ އުޅުނަސް އެ ޝަރުޢީ ޢިލްމަކީ ދީނީ ޢިލްމަކީ އަބަދުވެސް ހޯދާ އެއްކުރަން ރަނގަޅު އެއްޗެއް. އެހެންމެ އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ. ބައްލަވާ އަޠާ ބުން އަބީ ރަބާހް. އަޠާ ބުން އަބީ ރަބާހަކީ ރަހިމަހުﷲ ތަޢާލާ، ތާބީ ބޭކަލުންގެ ތެރޭގަ އެދުވަސްވަރުގަ އުޅުއްވި ބޭކަލެއް. ބުނެވޭގޮތުން، އެހާ ސިފަ ރީތި ބޭފުޅެއް ނޫން. ހަށިކޮޅުގަ އައިބުކަމެއް، ތަފާތު އެކިއެކި އައިބުތައް ހުރި. އަނެއްކާ އަޅެއްގެ ގޮތުގައި ހުރީ. ސާޙިބު މީހާ ޢަޠާ ގެ ކިބައިން އެކިއެކި ބޭނުންތައް ހިފުމަށް އެކިއެކި ކަންކަން އޭނަޔާ ހަވާލުކުރި، ދުވަހަކުވެސް ކާމިޔާބު ވާގޮތެއް ނުވި. ހަވާލުވާ އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވި، ދެން މިކަހަލަ ގޮތަކަށް ކަންކަން ދަނީ. އެހެންވެ ސާޙިބުމީހާ ހިތްހަމައެއް ނުޖެހުނު، ދެން މީނާ ކިބައިން ދުނިޔަވީގޮތުންވެސް ހިފޭނެ ފައިދާއެއް ނެތް، ހަށިގަނޑުގަ އުނިކަމެއް އެބަހުރި، ބައިވަރު ކަންކަން. އެންމެ ފަހުން ހިތައް އެރީ ދެން މިގޮތަށް ގެންގުޅޭނެކަމެއްނެތޭ. މިނިވަންކޮށްފަ ދޫކޮށްލާނިއްޔޭ. ކޮންމެއަކަސް ސާޙިބު މީހާ ދުނިޔަވީގޮތުން މަންފާއެއް ނުކުރެވޭ، ދެން މިނިވަން ކޮށްފިއްޔާ ﷲ ގެ ރަޙްމަތުން އާޚިރަތުގަ ކޮންމެސް ފައިދާއެއް ކޮށްފާނެ ކަމަށް ކަންނޭންގެ އެ ބެއްލެވީ.  

ޢަޠާ މިނިވަން ކޮށްފި. އާންމު ގޮތެއްގައި އަޅަކު މިނިވަން ކުރީމަ، އަޅުން ވާނީ އުފާ. އެޔާ ޚިލާފަށް ޢަޠާއެއް މާ އުފަލެއް ނުވި. އޭނަ ރޯންފަށައިފި. އޭނާ ދެރަވެއްޖެ. ކޮންކަމަކާ ދެރަވަނީ؟ ކޮންކަމަކާ ކަންބޮޑުވަނީ؟ ކުރީގަ ކާންދޭނެ ޚަރަދުކުރާނެ މީހަކު އެބަހުރި. މިހާރަކު ނެތް އެއްވެސް މީހެއް. އެމީހާގެ އަމިއްލަ ނަފްސަށް އެބަ ޤަބޫލުކުރެވޭ ތިމަންނާގެ އެއްވެސް ކަހަލަ ހައިސިއްޔަތެއް، އެއްވެސް ކަހަލަ ކަމެއް އެއްޗެއް ނެތޭ އެހެންވީމަ ތިމަންނާ މުޖްތަމައުން ހަމަ ބޭކާރު މީހަކަށޭ ވާނީ. މިގޮތަށް ރޮމުން، ކޮންމެއަކަސް ދިޔަކަމަށް ވަނީ މަންމަ ކާރިއަށް. ކީވެތޯ ތިޔަ ރޮނީ؟ ބުނަނީ މިއޭ ހާލަތަކީ، ތިމަންނާ ކުރީގަ ވެއްޖިއްޔާ ދެން ބަލަހައްޓާ ކާންދީ، ތިމަންނަގެ ކަންކަމައިގެން އުޅޭނެ މީހަކުއެބަހުއްޓޭ. މިހާރަކު ނެތޭ އެކަހަލަ މީހެއް. ތިމަންނަ އެކަނިއޭ،  

ތީ ދެން ވަރަށް އުނދަގޫ މައްސަލައެކޭ. މަންމަ ނަސޭހަތް ދެނީ ދަރިފުޅާއޭ ޢިލްމު ޙާސިލް ކުރާށޭ. ޢިއްޒަތް ލިބޭނޭ. މަންމަގެ އިޒްނަޔާ އެކުގަ މައްކާއަށް ދަނީ ޢިލްމު ޙާސިލްކުރަން. ބުނެވޭގޮތުން، މައްކާގަ ނުނުކުމެ ގާތްގަނޑަކަށް ބާރަ އަހަރު ޢިލްމު ޙާސިލް ކުރަން އުޅުނު. އެކިއެކި އުސްތާޛުން ކައިރިން ޝެއިޚުން ކައިރިން ޙަރަމްފުޅުގަ ޢިލްމު ޙާސިލްކުރުމުގަ. ބާރަ އަހަރޭ ބުނީމަ އެއީ ކުރު މުއްދަތެއް ނޫން. ދިގު މުއްދަތެއް. އެކަމަށް ހުސްވެގެން ޢިލްމު ޙާސިލްކުރަން. ﷲތަބާރަކަ ވަތަޢާލާ، އެއްކަލަ އެތައްގޮތަކުން އުނިކަން ހުރި ބޭފުޅާ އެ އުނގެނުނު ޢިލްމުގެ ސަބަބުން ﷲ ޢިއްޒަތް ދެއްވި މިންވަރަކީ ޚަލީފާ އެބޭފުޅާގެ ކުރިމަތީގަ ނިކަމެތި ވާންޖެހުނީ. ޚަލީފާ، އޭރުގެ ޚަލީފާއިންނަކީ މިހާރުގެ ވެރިން ހެންނެއްނޫން. އެއަށްވުރެ މާ ހައިބަތު ބޮޑު ބައެއް.  

ޙައްޖު މޫސުމުގައި، ސުލައިމާނު ބުން ޢަބްދުލް މަލިކު، އޭރުގެ ޚަލީފާ، އޭނަގެ ދެ ދަރިންނާ އެއްކޮށް ތިބި މަޖިލިސް ހަދައިގެން. ޙައްޖުގެ ކަމެއްގައި ކުރިމަތިވި ސުވާލަކަށް ބޭފުޅުން ގެނެސް ސުވާލު ކުރައްވަނީ، މިކަމުގައި ދީނީ ގޮތުން ކޮބާހޭ މިކަމުގަ އޮތް ހައްލަކީ، ޖަވާބަކީ. އެކި ބޭބޭފުޅުން އެކި ވާހަކަ ދެއްކީ، ކަމުގެ ހައްލެއް ނުވެއް ލިބުނު. އޭގެ ރަނގަޅު ޖަވާބެއް ނުލިބުނު.  

ބޭފުޅުން ވިދާޅުވަނީ ތިކަމުގެ ޖަވާބެއް ރަނގަޅަށް ދެވޭނީ ޢަޠާ ބުން އަބީ ރަބާހް އަށޭ. އެބޭފުޅާވެސް ހުންނެވި. ޙަރަމްފުޅުގެ ތެރެއިން ތަނެއްގަ އެބޭފުޅާ އެބަ ހުންނެވި. ޚަލީފާ ވިދާޅުވަނީ މީހަކު ފޮނުވައިގެން ޢަޠާޔަށް ދަންނަވާށޭ ވަޑައިގަންނަވަން. އެ ހިނދު އަޠާ ކައިރިޔަށް ނެތް ކައިރިވެވޭކަށް. ޙައްޖުގެ މީހުން ސުވާލުކުރަން ބޮނޑިވެފަ އޮތްލެއް ގިނަކަމުން. ވިދާޅުވަނީ ތިމަންނަ ކިހިނެއްހޭ ދާނީ. މިމީހުން ކަންތައް ކިހިނެއްހޭ ހައްލު ކުރާނީ.  

އެންމެ ފަހުން، ޚަލީފާއަށް މަޖުބޫރުވަނީ ކޮންކަމެއް. ޢަޠާ ބުން އަބީ ރަބާޙް ގެ މަޖިލީހަށް އެބޭފުޅާގެ ގާތަށް އަންނަން. މީހުންތައް އެއްފަރާތް ވާނެ ޚަލީފާ، ރަސްގެފާނު ވަޑައިގަންނަވަން. ވަޑައިގެން ރަސްގެފާނު ސުވާލު ކުރައްވަނީ. ޙައްޖުގެ މިވެނި މިވެނި މިކަހަލަ ކަމެއް ދިމާވެއްޖެއޭ. މީގަ ދެން ކިހިނެއްތޯއޭ ދީނީ ގޮތުން އޮންނާނީ. ޢަޠާ އެ ދެއްވަނީ އެކަމުގެ އަސްލު ރަނގަޅު ޖަވާބު. ޚަލީފާ އަމިއްލައަށް އިޙްސާސް ކުރެވެނީ ތިމަންނައަކީ ހާދަ ނިކަމެތި މީހެކޭ. ދެ ދަރިންނަށް ވިދާޅުވަނީ ޢިލްމު އުނގެނޭށޭ. ތިމަންނަ ދުވަހަކު މީހެއްގެ ކުރިމަތީގަ ނިކަމެތި ނުވާ ވަރަށް ޢަޠާ ކުރިމަތީގަ ތިމަންނަ ނިކަމެތި ވާންޖެހިއްޖެއޭ.  

އެހެންވީމަ ޢިލްމަކީ ވަރަށް ތަފާތު އެއްޗެއް. ވަކިން ޚާއްސް ގޮތެއްގަ ﷲ ތަބާރަކަ ވަތަޢާލާ މަޢްރިފާކޮށް ދެނެގަނެވޭ، ދީނުގެ ޝަރުއީ ޢިލްމު، އެމީހާ އިޚްލާސްތެރިކަމާއެއްކޮން ހޯދާ އޭގެ ހައިބަތު ހުރެ، އޭގެ ޢިއްޒަތް އެމީހަކަށްޓަކައި ދެދުނިޔޭގަވުން.  

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

މިއަދު އޮންލައިން