ނަމާދަށް ފަރުވާކުޑަކުރާ މީހުންނާ ސުވާލުކުރުމުން އެނގެނީ އެމީހުން ނަމާދުނުކުރަނީ ނުކުރަން ބޭނުންވެގެން ނޫންކަމެވެ. ގިނަ މީހުން ބުނަނީ އެމީހުން ނަމާދަށްދާން އުޅޭއިރަށް ޝައުޤުވެރިވާ ނުވަތަ ކުރަންޖެހޭ އެހެން ކަމެއް ވިސްނުމުން އެކަމެއްގައި އުޅެން ހަދައިގެން ނަމާދަށް ނުދެވެނީ ކަމެވެ.
އިންސާނުންނަށްވާ ގޮތަކީ ބޮޑަށް ސަމާލުކަން ދެވެނީ އެވަޤުތަކު ބޮޑު ފައިދާ އަތަށް އަރާނެ ކަންކަމަށެވެ. އެވަޤުތު އެކަމެއް ނުކޮށްފިނަމަ ވަޤުތުން ބޮޑެތި ގެއްލުންތައް ލިބޭނެ ކަންކަމަށެވެ. ނަމާދު ނުކުރުމަކުން އެވަޤުތަކު ގެއްލުމެއް ނުލިބެއެވެ. އެހެންވެ ފަރުވާކުޑަކުރެވެނީއެވެ. ނަރަކައިގެ ޢަޛާބު ކިތަންމެ ގަދަފަދަ ނަމަވެސް އެކަމަށް ސަމާލުކަން ނުދެވެނީއެވެ. ވަޤުތުން ޢަޛާބު ނުލިބޭތީއެވެ.
ބައެއް މީހުން ދޭ ތަޤްރީރުތަކާއި ދޭ ފިލާވަޅުތަކުގައިވެސް ނަމާދަށް ނުދާކަށް ނުބުނެއެވެ. ދައްކާނީ ވަގުތު ދެމިގެންވާކަމާއި ކޮންމެ ވަގުތަކުވެސް ނަމާދުކޮށްލެވިދާނެ ވާހަކަތަކެވެ. މީސްތަކުން ބިރުން މިސްކިތަށްދާން ޖެހިލުންވާނެފަދަ ވާހަކަވެސް ދައްކާނެއެވެ.
ދީނީ ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ނަމާދުނުކުރުމާއި މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ނުދިއުމަށްވުރެ ނުބައި އަމަލެއް ނުވެއެވެ. އަދި ނަމާދުނުކުރުމަށްވުރެ ތިމާއަށް ލިބޭނެ ގެއްލުން ބޮޑު ކަމެއްވެސް ނުވެއެވެ. އެކަން ޤުރްއާނާއި ޙަދީޘްފުޅުތަކުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ.
ވީމާ ނަމާދުކުރަން ޝައުޤުވެރިކަން ކުޑަވާގޮތަށް އެއްވެސް މީހަކު ދައްކާ ވާހަކަ ޤަބޫލުނުކުރާށެވެ. އެހެން ހުރިހާ ކަންކަމަށްވުރެ ބޮޑަށް ނަމާދުކުރުމަށް އިސްކަންދޭށެވެ! ޚާއްޞަކޮށް ޖަމާޢަތުގައި ނަމާދުކުރަން ސަމާލުކަންދޭށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން