ވަޒިފާ ދިން މީހާގެ ރުހުންވެސް، އަމިއްލައަށް ކުރާ މަސައްކަތުގަ ކުރިއެރުންވެސް، ތަނަވަސްކަންވެސް ލިބޭނެ ވަރަށް ފަސޭހައިން ކުރެވިދާނެ 6 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ވަޒިފާ ދިން މީހާގެ ރުހުންވެސް، އަމިއްލައަށް ކުރާ މަސައްކަތުގަ ކުރިއެރުންވެސް، ތަނަވަސްކަންވެސް ލިބޭނެ ވަރަށް ފަސޭހައިން ކުރެވިދާނެ 6 ކަމެއް!

ވަޒީފާގައި ކުރިއަރަން ބޭނުންވާ ކޮންމެ މުވައްޒިފަކު ގަޑި ނުޖެހި އޮފީހަށްދާނެއެވެ. ވީހައި ކުރިން ހާޒިރީގައި ސޮއިކޮށް އޭނާ ވަޒީފާއަށްދޭ ސަމާލުކަން ވެރިންނަށް ދައްކަން ބޭނުންވާނެއެވެ. ސުވާލަކީ ތިބާއަކީ މުސްލިމަކަށްވީހިނދު މިވަރުން ފުދޭނެ ހެއްޔެވެ؟ ތިއަވަރުން ރުހުން ހޯދަން މަސައްކަތްކުރާ ވެރިމީހާގެ ވެރިފަރާތް ކޮބައިހެއްޔެވެ؟

އޮފީހުގެ ވެރިމީހާ ކިތަންމެ ބޮޑަކަށް ރުހުނަސް އެއްވެސް ކަމެއް ކޮށްދެވޭނީ ﷲ ތަޢާލާ އެކަމަކަށް ރުހިވޮޑިގަތުމުންނެވެ. އެކަމެއް ތިބާއަށް ދެއްވެވުމަށް އިރާދަކުރެއްވެވުމުންނެވެ. އަދި ނުރުހި ކިތަންމެ ކުޑަނަމަވެސް ދެރައެއް ދެވޭނީވެސް ހަމަ އެކަމަށް ﷲ ތަޢާލާ މިންވަރުކުރައްވަވައިފިނަމައެވެ.

މިބުނާ ވާހަކައަކީ އޮފީހުގެ ނުވަތަ ވެރިންގެ ރުހުން ހޯދަން ކުރާ މަސައްކަތަށްވުރެ ﷲ ތަޢާލާ އަށް އިސްކަންދޭށެވެ! އެކަލާނގެ އެންގެވުންތަކަށް ބަލައިގެން ދުވަސް ފަށާމީހަކަށް މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

ކޮންމެ މީހަކު ވެސް ބޭނުންވާނީ އެންމެ ފައިދާހުރި ގޮތުގައި ދުވަސް ފަށާށެވެ. އެންމެ ފައިދާހުރި ގޮތުގައި ދުވަސް ފެށޭނީ ގަޑި ނުޖެހި މަސައްކަތު ދިއުމަކުން ނޫނެވެ. އެއިގެ ކުރިން ކުރަން ޖެހޭ 6 ކަމެއް ވެއެވެ.

އެއީ:

1 ފަތިސްވުމުގެ ކުރިން ދަމުނަމާދުކުރުން

2 ފަތިސްވުމުން ފަތިސް ނަމާދުގެ އިހު ސުންނަތް ކުރުން

3 ފަތިސް ނަމާދުކުރުން

4 ޛިކްރުކުރުން

5 ކީރިތި ޤުރްއާނުން މިންވަރެއް ކިޔެވުން

6 ޟުޙާ ނަމާދުކުރުން މިއެވެ.

މިއީ މިކަންކަން ކުރަން ޢަޒުމް ކަނޑައަޅައިފި މީހަކަށް ކުރަން އެއްވެސް ބުރަކަންކަމެއް ނޫނެވެ. މި 6 ކަންތަކުން ދުވަސް ފަށާ މީހާއަށް ﷲ ތަޢާލާގެ ރަޙްމަތް ދާނީ އޮހެމުންނެވެ. އަދި ކޮންމެ ދުވަހަކުވެސް އެމީހަކު ހުންނާނީ ﷲ ތަޢާލާގެ ބެލެނިވެރިކަމުގެދަށުގައެވެ. އެމީހަކަށް އެއްވެސް ދެރައެއް ގެއްލުމެއް ދެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ.

މަސައްކަތު ދިއުމަށްފަހު ޟުޙާ ނަމާދު ކުރެވޭނެ ކަމުގެ ޔަޤީންކަން ނެތް މީހުން މަސައްކަތު ދިއުމުގެކުރިން ކޮންމެ ގޮތަކުން ނަމަވެސް ޟުޙާ ނަމާދުކުރަން އާދަކުރާށެވެ! އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ފެންނާނެއެވެ! އިންޝާ ﷲ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން