ބުނަން މިއުޅޭ ކަންކަމަކީ ހަމަ އެންމެންވެސް ޤަބޫލުކުރާނެ އަދި އެއްބަސްވެސްވާނެ ކަންކަމެވެ. ނަމަވެސް ޢަމަލުކުރަންވުމުން ފަސްޖެހެވެނީއެވެ. އެއީ ތިމާގެ އަމިއްލަ އެދުންތައް ކުރިއަށް ނެރެވޭތީއެވެ. ވީމާ ޙަޤީޤަތަށާ އިންޞާފަށް ލީބިކޮށްގެން ހުރެ މިކަންކަމަށް ވިސްނައިލަމާ ހިނގާށެވެ!
އުޑުމަތިން ފެންނަ ވިއްސާރަ ދުނިންވެސް ފެންނާނީ 7 ކުލައެކެވެ. ވިއްސާރަދުނީގެ 7 ކުލައެކުގައި ފެންނައިރު ރީތިވާފަދައިން ކައިވެންޏަށްފަހު 7 ކަމެއް ދަމަހައްޓައި އެކަންކަން 2 ހިތް ހިއްޞާކުރާނަމަ އުފާވެރިކަން ނޫން ކަމެއް ނުލިބޭނެ އެވެ.
އެއީ 1 އިޙްޞާޞްތައް 2 ލޯބި 3 ހިތާމަ އާ އުފާވެރިކަން 4 ތެދުވެރިކަން 5 ސިއްރުތައް 6 އިތުބާރާ ޔަޤީންކަން 7 އަމާޒަކީ އެކުގައި ސުވަރުގެ ދިއުންކަމަށް ހެދުން މި 7 ކަންތަކެވެ.
ވިއްސާރަދުނީގެ ކުލަތައް ކިތަންމެ ރީތި ނަމަވެސް ގެއްލިގެންދެއެވެ. އެއީ ހަމަ ކުލަތައް ފަނޑުވާތީއެވެ. ވީމާ ދެމަފިރިން އެކުގައި ދިރިއުޅުމުގައި މިބުނި ކަންކަން ފުރިހަމަ ނުކޮށް ފަރުވާ ކުޑަކުރާނަމަ ނުވަތަ އިހްމާލްވާނަމަ ދިރިއުޅުމުގެ ފޮނިމީރުކަން ދާދިއަވަހަށް ފަނޑުވަމުން ގޮސް ގެއްލިގެން ހިނގައިދާނެއެވެ.
މި 7 ކަމުން ކުރެ ކަމެއް ފަނޑުވިއަ ނުދީ ހިފަހައްޓާނަމަ ދެމަފިރިން އަބަދުވެސް ތިބޭނީ އުފަލުން ފޮޅިފައެވެ. އިން ޝާ ﷲ
--އަލަފް / މިއަދުނޫސް