ތިބާއަކީ ތިބާގެ ހިތުގެ އީމާންކަން ވަރުގަދަވެފައި ﷲ ތަޢާލާ ކުރިމަތިކުރައްވަވާ ޙާލަތަށް ޝުކުރުވެރިވާ އަޅަކު ކަމުގައި ވެއްޖެނަމަ އެމީހަކަށް ދުނިޔެއާއި އާޚިރަތުގައިވެސް އޮތީ އުފާވެރިކަމެވެ. ހިތްހަމަނުޖެހިގެން އުޅޭކަށް ނުޖެހޭނެއެވެ. ކަންބޮޑުވެގެންވެސް އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
ގަދައަޅައި މަސައްކަތްކުރަންވީ އީމާންކަން ވަރުގަދަކުރުމަށެވެ. އެއީ އެކަމަށް އެދިގެން މަސައްކަތްކުރާ އަޅުންނަށް ދެއްވަވާ ނިޢުމަތެކެވެ. ވީމާ އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އީމާންކަން ވަރުގަދަކުރުމަށެވެ. ބައެއް ޢިލްމުވެރިން ސިފަކުރައްވަވަނީ އީމާންކަމަކީ ކާމިޔާބީގެ ތަޅުދަނޑި ކަމަށެވެ. އެހެނީ ދެންހުރި ހުރިހާ ކަމެއްވެސް އަންނާނީ އީމާންކަމުގެ ފަހަތުން ކަމަށްވާތީއެވެ.
ގިނަ ބައަކު ފޭލްވެގެންދާ އެންމެ ބޮޑު އެއް ސަބަބަކީ ޝުކުރުވެރި ނުވެވުމެވެ. މިޘާލަކަށް ކަންބޮޑުވާންޖެހޭ ޙާލަތެއް ކުރިމަތިވުމުން އެޙާލަތު ކުރިމަތިކުރެއްވެވީ ﷲ ތަޢާލާކަމާއި ޘާބިތުވެއްޖެނަމަ ތިމާގެ ދަރަޖަ މަތީ ދަރަޖައަކަށް އުފުއްލަވާނެކަން ޤަބޫލުކުރެވެން އެބަޖެހެއެވެ. ޝުކުރުވެރިވެވޭނީ އެއިރުންނެވެ.
ޞަހާބީންގެ ޒަމާނުގައި އެބޭކަލުން ދިރިއުޅުއްވަމުން ގެންދެވީ ވަރަށް ދަތި ޙާލުކޮޅުގައެވެ. އެފަދަ ޙާލުކޮޅުގައި އުޅުއްވެވިއިރުވެސް އުފުއްލަވަމުން ގެންދެވި ތަކްލީފްގެ މައްޗަށް ތަކްލީފެއް އުފުއްލަވަން ޖެހިވަދައިގެންނެވިނަމަވެސް ކަންބޮޑުވެވަޑައިގަތީއެއް ނޫނެވެ. އެކަމަށް އުފާފުޅު ކުރެއްވެވީއެވެ. އެއީ އެކަމަށް ކެތްތެރިވެވަޑައިގެންފިނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަޖަ އުފުއްލެވިގެންދާނެކަން ޤަބޫލުފުޅުކުރައްވަވާތީއެވެ.
އެހެނަސް މިއަދު މިފެންނަނީ މުޅިން ތަފާތު ގޮތެކެވެ. ކަމެއް ދިމާވާއިރަށް ހަތަރު އުދަރެސް ފެނުޖެހިގެން އުޅޭ މީހަކުފަދައިން ތެޅިފޮޅެވޭތަނެވެ. ދުނިޔެއާއި އާޚިރަތް ކާމިޔާބުވުމަށް އެދޭމީހާ ޞަޙާބީން އަމަލުކުރެއްވެވި މަގު އިޚްތިޔާރުކުރަން މަސައްކަތްކުރާށެވެ!
- މަޢުލޫމާތު: ޢުމަރު ސުލައިމާންގެ ދަރުސަކުން