ގިނަފަހަރު ދެރަ ގޮތެއް މެދުވެރިވަނީ ނުވަތަ ހިތާމަކުރަންޖެހޭ ފަދަ ކަމެއް މެދުވެރިވަނީ އަހުރެމެންނަށް ކުރެވޭ ކުށެއްގެ ސަބަބުންނެވެ. ބައެއް ފަހަރު އެއީ ކުރެވޭ ކުށަކަށްވެސް ވެދާނެއެވެ. އަދި ކުރެވޭ ފާފައެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އަދި ތިމާއަށް ނިންމުނު ނުބައި ނިންމުމެއްގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.
އެމީހަކަށް ކުރެވުނު ކަންތައް އެންމެ ރަނގަޅަށް އެނގޭނީ އެމީހަކަށެވެ. މިބުނި ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ހަމަޖެހިލައި ފުންކޮށް ވިސްނާށެވެ. ހަނދާންވާނެއެވެ. ކޮންމެއަކަސް ވާނީ އެމީހެއްގެ މާޒީގައި ކުރެވިފައި އޮތް ކަމަކަށެވެ.
އެޙާލަތުގައި ފުރަތަމަ ކަމަކަށް ކުރަން އޮތް ކަމަކީ މާޒީއަކީ ތިމާ އޮށޯވެ އޮންނަ ތަންމައްޗަކަށް ނުހެދުމެވެ. އެތަންމަތިން ތެދުވެ ކުރިއަށްދާން މަސައްކަތްފަށާށެވެ! ފާފައެއް ކުރެވިފައިވާނަމަ އަވަހަށް ތައުބާވެ ހެޔޮ ޢމަލުތައް ކުރުން ގިނަކުރާށެވެ. ތިމާއަށް ކުށެއް ކުރެވޭނަމަ އެކުށެއް ތަކުރާރުނުކުރާށެވެ.
ތިމާއަށް ނުބައި ނިންމުމެއް ނިންމިފައިވާނަމަ އެކަން ނުވާކަމަކަށް ނުހެދޭނެއެވެ. ނަމަވެސް އެކަން ތިމާއަށް ފައިދާކުރާނެ ގޮތަކަށް ބަދަލުކޮށްލަން މަސައްކަތްކުރާށެވެ.
ހަމައެއާއިއެކު އެހެންވެސް އެހެން މީހަކު ކުށްވެރިނުކުރާށެވެ! ތިމާއަށް ކުރެވުނު ކަންތަކުގެ ޒިންމާ އުފުލަން ކެރޭމީހަކަށްވާށެވެ! ޒިންމާ އުފުލާށެވެ! ހަމައެއާއިއެކު މިޙާލަތު ކުރިމަތިކުރެއްވެވީ ﷲ ތަޢާލާކަން ޤަބޫލުކޮށް ކުރިންވެސް ބުނި ފަދައިން ހެޔޮ ޢމަލުތައްކުރުން ގިނަކޮށް ތިމާގެ ޙާލަތު ބަދަލުކޮށްދެއްވެވުން އެދިގެން ދުޢާކުރަން ފަށާށެވެ! އެމީހެއްގެ ޙާލަތު ބަދަލުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ
- ޔާސްމީން މުޤާހިދުގެ ދަރުސަކުން