އަނބިމީހާގެ މަތިން ފޫހިވިނަމަވެސް، އަނބިމީހާ އާއި ވަކިވާން ބޭނުންވިނަމަވެސް އެވާހަކަ ގިނަ ފިރިހެނުން ދުލުން ބުނާނީ އެންމެ ފަހުވަޤުތުގައެވެ. ނަމަވެސް އެއިގެ ކުރިން އެކަން އޭނާގެ ޢަމަލުތަކުން ދައްކާނެއެވެ.
ގެއަށް ލަހުން ނިދަން އަންނަން ފެށުން، އެއްދާންކުރުން މަދުކުރުން، ވާހަކަދެއްކުން މަދުކުރުން، ކަންކަން ޙިއްޞާކުރުން މަދުކުރުން ފަދަ ކަންކަމަކީ އަނބިން ދެކެ ފޫހިވުމުން ފިރިހެނުން އެމީހުންގެ ޢަމަލުތަކުން ދައްކާނެ ބައެއް ކަންކަމެވެ.
އަނބިންނަށް އޮތީ ފިރިހެނުން އެދޭ މެސެޖް ޤަބޫލުކުރުމެވެ. އެމީހުންގެ މިބުނި ޒާތުގެ ޢަމަލުތައް ބަދަލުނުކުރާނަމަ ގެއިން ބޭރުކޮށްލުމުގެ ކުރިން ގެއިން ނުކުންނަން އަވަހަށް ތައްޔާރުވާށެވެ. ސަބަބަކީ ދުލުން ނުބުނި ނަމަވެސް އޭނާގެ ޢަމަލުތަކުން އެބުނަނީ އިތުރަށް ތިބާއާއިއެކުގައި އުޅެން ބޭނުންނުވާ ކަމަށެވެ.
ލޯތްބަކީ އާދޭސްކޮށްގެން ހޯދޭނެ އެއްޗެއް ނޫނެވެ. ލޯތްބަށް އެދި އާދޭސްނުކުރާށެވެ. އާދޭސްކުރަން ވަޤުތުތައް ނަގައިނުލާށެވެ! ވަޤުތުގެ އަގު މާބޮޑެވެ. ދެވަނަ ގޮތެއް ހޯދޭނީވެސް ވަޤުތުގެ ބޭނުން ހިފާމީހުންނަށެވެ. ވަޤުތު ނަގާނުލައި ފިޔަވަޅު އަޅަންކެރިގެންނެވެ.
މިބުނި ވާހަކައަކީ މިބުނި ޒާތުގެ ކަމެއް ފެންނައިރަށް ދެމީހުން އަވަހަށް ވަކިވުމެއްވެސް ނޫނެވެ. އެބާވަތުގެ ކަންކަން ކުރިމަތިވާނަމަ ފުރަތަމަ ކަމަކަށް އެކަންކަމަށް ޙައްލެއް އޮތްތޯ ބަލަންވެސް ޖެހޭނެއެވެ. މަޝްވަރާކުރުމުންވެސް ޙައްލުނުކޮށްފިނަމަ އެއިގެ މާނައަކީ އިތުރަށް އެއަނބިމީހާއާއިއެކުގައި އުޅެން ބޭނުންނުވާ ކަމެވެ.
- ކައިވެނީގެ މައްސަލަތަކުގައި ލަފާދޭ ދުނިޔޭގެ ފެންވަރުގެ މީހެއްގެ ވާހަކައިން