އިސްލާމް ދީނުގެ ކަންކަން ރަނގަޅަށް ނުއެނގިތިބެ އަޅުކަމުގެ ގޮތުގައި ނުވަތަ ތިމާއަށް މަންފާކުރާނެ ކަމުގެ އުންމީދުގައި ޝިރުކުގެ ބައެއް ޢަމަލުތައް ކުރެވުނު މީހުން އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިކަން ފާހަގަކުރެވެއެވެ. އެއިގެ ތެރެއިން ބައެއް މީހުންނަށް އަދިވެސް އުޅެނީ އެމީހުންނަށް ކުރެވުނީ ޝިރުކުގެ ޢަމަލެއްކަން ޤަބޫލުކުރަން އުނދަގޫވެގެންނެވެ.
މީގެތެރޭގައި ފަރުޟުނަމާދުތަކުގެ އިތުރުން ޖަނާޒާނަމާދުތައް (ކަށުނަމާދު) ކޮށްއުޅޭ މީހުންވެސް ހިމެނެއެވެ. އެހެންވެ އެމީހުންގެ ބަސް ޤަބޫލުކުރާ ބައަކު ޒުވާނުންގެ ތެރޭގައިވެސް އެބަތިބިކަން ފާހަގަކުރެވެއެވެ.
އެމީހުންނަށް ބުނެލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ. ވަރަށް ގިން މަޢުލޫމާތު ލިބޭނެއެވެ. އިން ޝާ ﷲ
ބައެއް މީހުން ރަސޫލު الله صلى الله عليه وسلم އަވަހާރަ ވުމަށްފަހުވެސް، އެކަލޭގެފާނު މެދުވެރިކޮށް الله سبحانه وتعالى އާއި ކުއްތަންވުމަށް މަސައްކަތް ކުރެއެވެ. އަދި ހަމަ އެފަދައިން އެހެނިހެން ޞާލިޙް އަޅުތަކުން މެދުވެރިކޮށްވެސް الله سبحانه وتعالى އާއި ކުއްތަންވާން މަސައްކަތް ކުރެއެވެ. މިގޮތުން ދުޢާ ކުރާއިރު އެބޭކަލުންގެ ނަމުންގޮވައި އެހީއަށް އެދި ނުވަތަ އެބޭބޭކަލުންގެ ނަމުގައި ނަދުރު ބުނެ ނުވަތަ އެބޭބޭކަލުންގެ ޤަބުރު ދޮށަށް އެއްވެ ޠަވާފްކޮށް ނުވަތަ ރޮއެ އާދޭސްކޮށް އަދިވެސް މިފަދަ އެތައް އެތައް ޢަމަލެއް ހިމެނެއެވެ.
މިއީ އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ ގޮތްތަކާއި މުޅިން ޚިލާފް ގޮތްތަކެވެ. އެއްވެސް މީހަކު މަރުވަށްފަހު އޭނާމެދުވެރިކޮށް الله سبحانه وتعالى އާއި ކުއްތަން ނުވެވޭނެއެވެ. އެއީ ކިތަންމެ މާތް މީހަކަށް ވިޔަސްވެއެވެ. އެފަދައިން ޢަމަލު ކުރާ މީހާ އެކުރަނީ الله سبحانه وتعالى އަށް ޝިރްކެވެ. ސަބަބަކީ އެއްވެސް ފުރާނައެއް ނެތް އާރެއްބާރެއް ނެތް، ފައިދާއެއް އަދި ގެއްލުމެއްވެސް ނުދެވޭ މީހެއްގެ ކިބައިން މަދަދަށް އެދޭތީއެވެ. މިކަމާ ބުދަށް އަޅުކަން ކުރުމާއި އެއްވެސް ތަފާތެއް ނެތެވެ. الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަހީ ކުރައްވަނީ:
"إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ" (النساء: 48)
"ހަމަކަށަވަރުން الله އަށް ޝިރުކު ކޮށްފައިވާ އެއްވެސް އަޅެއްގެ ފާފަ، އެކަލާނގެ ނުފުއްސަވާ ހުއްޓެވެ. އަދި އެނޫން އެހެން ހުރިހާ ފާފަތަކެއް، އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ފުއްސަވާ ދެއްވާ ހުއްޓެވެ." (ސޫރަތުއް ނިސާ:48)
އާދެ ޝަރުޢުގައި އަޅުކަމުގެ އަޞްލަކީ، ﷲ ތަޢާލާއާއި ކީރިތި ނަބިއްޔާގެ ޞައްޙަ ޙަދީޘްފުޅުތަކުން ޘާބިތުނުވާ ކޮންމެ އަޅުކަމަކީ ޙަރާމް އަދި ބާޠިލް އެއްޗެއް ކަމުގައިވުމެވެ. އެހެންކަމުން އެއްވެސް މީހަކަށް ދީނުގެ އަޅުކަމަކަށް ކުޑަވެސް ބަދަލެއް ގެނެސް އަދި އައު ކަންތައްތައް ގެނެސްގަތުން ހުއްދަވެގެން ނުވެއެވެ. ދީނުގެ ކަންތައްތައް ޝަރުޢުކުރައްވާ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. އެކަންކަން ބަޔާންކޮށްދެއްވެވީ އަޅުގަނޑުމެންގެ ކީރިތި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެވެ. އެދެފަރާތުން އަންގަވާފައިނުވާ އެއްވެސް އަޅުކަމެއް ކުރުމީ މަގުފުރެދިގެންވާ ބޮޑު ބިދުޢައެކެވެ. އަދިކިއެއްހެއްޔެވެ. އެކަންކަން ޝިރުކުގެ ތެރެއަށް ވަދެ އިންސާނާގެ ހުރިހައި ހެޔޮ ޢަމަލުތަކެއް ބާޠިލް ކޮށްލުން ގާތެވެ.
ޔަހޫދީންނާއި ނަޞާރާއިން މަގުފުރެދިގެން ދިޔައީ އެމީހުންގެ ދީނުގެ ކަންތައްތައް ގަޑުބަޑުކޮށް އެމީހުން ހިތުހުރިހާ ކަމެއް ދީނުގެ ތެރެއަށް ވައްދައި ހަދައިގެންނެވެ. އަޅުގަނޑުމެންގެ މައްޗަށް ބާއްވާލެވުނު އިސްލާމްދީންވަނީ ފުރިހަމަ ކުރެވިފައެވެ. އެހެންކަމުން ދީނުގައި ޝަރުޢު ކުރައްވާފައިނުވާ ކިތަންމެ ކުޑަކަމެއްވެސް ގެނެސްގަތުމުން އެދަލީލުކޮށްދެނީ އެފަދަމީހަކީ، އިސްލާމްދީނަކީ ފުރިހަމަވެފައިވާ ދީނެއް ނޫންކަން ޤަބޫލުކުރާ މީހެއް ކަމުގައެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
"الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْأِسْلامَ دِيناً" (المائدة: 3)
"ފަހެ މިއަދު ތިމަން ﷲ ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ދީން ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށްވާ ތިމަން ﷲގެ ނިޢުމަތްތައްވެސް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިޔަބައިމީހުންނަށްވާ ދީނަކީ އިސްލާމްދީން ކަމުގައި ރުހިވޮޑިގެންފީމެވެ."
- ޝައިޚް އާދަމް ނިޝާން ޢަލީ