އެއްވެސް މަޤާމެއް ލިބިއްޖެނަމަ ތިމާއަށް ލިބުނު އެމަޤާމެއްގައި މަރުވަންދެން ހުންނަން ބޭނުންވުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. މަޤާމުގެ ދަހިވެތިކަމުގައި ނުކުރާ ކަމެއް ނެތެވެ. އެކަމަށް ހުރަހަކަށްވާކަމަށް ޤަބޫލުކުރެވޭ މީހުން މަރަންވެސް ފަސްނުޖެހޭއިރު މަޤާމުގައި ދެމިހުންނަން ނުކުރާނީ ކޮންކަމެއް ހެއްޔެވެ؟ މިއީ އިތުރަށް ވިސްނާލަންޖެހިފައިވާ ކަމެކެވެ.
އެކަންކަން ނުކުރެވުނީތީ ޤިޔާމަތް ދުވަހު ހިތާމަކުރަން ޖެހޭނެ ކަންކަމުގެ ތެރެއިން 2 ވަނަ ކަމެއްގެ ގޮތުގައި މިފާހަގަކުރަނީ ތިމާއަށް ލިބޭ މަޤާމަކީ ތިމާގެ މުޅި އުމުރަށް ލިބޭ މިލްކެއް ކަމަށް ޤަބޫލުކޮށް ގަދަކަމުން ދާއިމަށް މަޤާމުގައި ހުންނަން ބޭނުންވިކަމެވެ. މާނައަކީ މަޤާމުގައި މުޅި ޢުމުރަށް ހުންނަން ބޭނުންވުމަކީ ހިތާމަކުރަންޖެހޭނެ ކަމެއް ކަމެވެ.
މިކަން ރަސޫލް (ﷺ) ސިފަކޮށް ދެއްވަވާފައިވަނީ ވަރަށް ރިވެތި މިސާލަކުންނެވެ. ކުއްޖާއަށް އެންމެ ފައިދާހުރި ކާނާއަކީ މައިމީހާގެ ގާތުން ލިބޭ ކިރުފޮދު ނަމަވެސް އެވެސް ލިބެނީ ވަކި މުއްދަތަކަށް ކަމަށާއި އެމުއްދަތު ހަމަވުމުން މައިމީހާގެ ގާތުން ކިރުބުއިން ހުއްޓާލަން ޖެހޭ ކަމަށެވެ.
މީސްތަކުންނޭވެ! މަޤާމުތަކަށްޓަކައި ވާދަކޮށް ތަޅައިފޮޅާނެ ދުވަސް އަންނާނެކަން ރަސޫލް (ﷺ) ވަނީ ބަޔާން ކުރައްވަވައިފައެވެ. މީސްތަކުންގެ ތާއީދު ގެއްލިއްޖެ ނަމަ އެއޮތީ މަޤާމު ނިމުމަކަށް އައިސްފައެވެ. ވަކި މުއްދަތަކަށް ކަނޑައެޅޭ މަޤާމެއް ނަމަ އެ މުއްދަތު ހަމަވުމުން އެއޮތީ މަޤާމް ނިމިފައެވެ. ނަމަވެސް މިއަދު ގިނަ ބައަކު ބޭނުންވެގެން މިއުޅެނީ މީސްތަކުންގެ ކުރިމަތީގައި ގަދަކަމުން ނަމަވެސް އެމީހާގެ ހައިބަތު ދެއްކުމަށެވެ. އޮޅުވައިލުމށާއި މަކަރު ހެދުމާއި ރިޝްވަތުގެ ތެރެއިން ވެސް މަޤާމުގައި ދެމިހުންނާށެވެ!
އެ ވިސްނުމުގައި ކަންކަން ކުރާ މީހާއަކީ ޤިޔާމަތް ދުވަހު ހިތާމަކުރަން ޖެހޭނެ މީހެކެވެ. މަޤާމަށް ދަހިވެތި ނުވެނުނަމަ ކިހައި ރަނގަޅުވީސް ކަމަށް ހިތަށް އަރާނެ މީހެކެވެ. ވީމާ މަތީ މަޤާމުތަކަށް ދަހިވެތިނުވާށެވެ! ގަދަކަމުން މަޤާމުގައި ހުންނަން ބޭނުންވާ މީހަކަށް ނުވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން