ދެމަފިރިންކުރެ ކޮންމެ މީހަކު އެދުނަސް އެއްދާންކުރުމަށް ޢުޛުރް ނުދައްކާށެވެ! ޢުޛްރު ދެއްކުން ކަމަށް މިބުނަނީ ފުރިހަަމ ޞިއްޙަތެއްގައި ހުރެ އެކަން ނުކުރަން ބަހަނާ ދެއްކުމަށެވެ. އެއީ އަހުރެމެންގެ ދީންވެސް ހުއްދަކުރާ ކަމެއް ނޫނެވެ. އެއިގެ އިތުރުން އެއީ ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯތްބާއި ގުޅުންތައްވެސް ކެނޑިގެންދާކަމެކެވެ.
މިއީ އެންމެންވެސް ދަންނަ ކަންކަމެވެ. ކޮންމެ އަންތބަކުވެސް އަދި ފިރިއަކުވެސް އޭނާގެ ބައިވެރިޔާ އާއިއެކު އަނބިފިރިކަމުގެ ގުޅުން ހިންގަންވާނެއެވެ. ޞިއްޙީ މައްސަލަތައް ކުރިމަތިވާނަމަ ފަރުވާކުރާށެވެ! ދެމީހުން ގުޅިގެން ޙައްލު ހޯދަން މަސައްކަތްކުރާށެވެ. ޑޮކްޓަރުން ގާތަށް ގޮސް ކިޔައިދިނުމަކީ ލަދުގަނަންނަން ޖެހެންވީ ކަމެއް ނޫނެވެ. އެއީ އެއްވެސް މީހަކު އަމިއްލައަށް ލިބިގަންނަ ޙާލަތަކަށް ނުވާތީއެވެ.
"އަހަންނަށް އިނގޭ ވަރަށް ގިނަ މީހުން ބުނާނެކަން ތިމާ ކުރާހިތް ނެތިއްޔާ ކުރާކަށް ބޭނުމެއް ނޫނޭ. އެކަމަކު، ފިރިހެނުން އެކަމަށް ބޭނުންވޭ އަންހެނުންނަށްވުރެ ބޮޑަށް. އެއީ އެމީހުންގެ ޠޮބީއަތް. ފިރިހެނަކު ގުޅުމެއްގަ ސީރިއަސް ވާނަމަ، ދެމަފިރިކަމުގެ ގުޅުމަކީ އެކަކު އަނެކަކަށް ގުޅުވައިދޭ ކަމެއްގެ ގޮތުގަ އެމީހުން ދެކެނީ. ފިރިމީހާ އޭނާގެ އަމިއްލަ ނަފްސަށް އޮތް ޤަދަރަށްވެސް އަސަރު ކުރާނެ. ސަބަބަކީ އޭރުން އޭނާއަށް އިޙްސާސް ކުރެވޭނެ އޭނާގެ އަނބިމީހާއަށް އޭނަ އެކަށީގެން ނުވެއޭ."
"އަންތބަކު އޭނާގެ ފިރިމީހާއަށް އެކަމަށް އެދުމުން ފިރިމީހާ ދެކޮޅުހަދާނަމަ އެކަމުން ހަމައެކަނި އެދެމެދުގަ އޮތް ގުޅުމެއް ނޫން ހަލާކުވާނީ. އެއީ ތަފާތު ވޭންތައްވެސް އުފުލަންޖެހޭ ކަމެއް! ތަފާތު ބަލިތައްވެސް ޖެހޭ ކަމެއް. ދިރިއުޅުންމަތިން ފޫހިވާކަމެއް!"
މިވާހަކަތައް ދައްކަން ޖެހެނީ މިކަމަކީ ދެމަފިރިންގެ މެދުގައި އެންމެ ގިނައިން މައްސަލަތައް ޖެހެން މެދުވެރިވާ ސަބަބުކަމަށްވާތީއެވެ. ކައިވެނި ރޫޅުމުން ކުރިމަތިވާ އިޖުތިމާޢީ މައްސަލަތައްވެސް ކުރިމަތިވާތީއެވެ.
ނިކަން ވިސްނައިލަބަލާށެވެ! ދެމަފިރިން އެކުގައި ރޭކުރުމަކީ ޘަވާބުދެއްވަވާ ކަމެއްކަމަށް ޙަދީޘްފުޅުގައި އެބައޮތެވެ. އަނބިން ގާތު ރޭނުކޮށް (އަނބިމީހާ އެކަމަށް ބޭނުންވެގެން އޮއްވައި ބޭނުން ފުއްދައި ނުދީ) ރޭއަޅުކަން ނުކުރަން އެބައޮތެވެ. އެފަދަ ޙަދީޘްބަސްފުޅެއް އޮންނާނީ އެކަމުގެ މުހިންމުކަން ކިހައި ބޮޑުވީމައި ހެއްޔެވެ؟
ވާހަކައަކީ ލަދުވެތި ޥާހަކައަކަސް ނުދައްކައި ތިބެވެން ނެތީ ހޭލުންތެރިކަން ކުޑަވެ އިހްމާލްވުން ބޮޑުވަމުން އަންނާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން