ތިމާގެ ބޭނުންތައް ފުދިގެން ހުރިނަމަވެސް ސިކުނޑިއަށް ބާރުބޮޑުވާ ފަދަ ކަންކަން މެދުވެރިވުމުން މީހުންގެ ވިސްނުން ހަމައިން ނެއްޓިގެންދެއެވެ. އެޙާލަތުގައި ހުންނައިރު އެހެން މީހުންދޭ ހެޔޮ ނަޞޭޙަތް އަޑުއަހަންވެސް އުނދަގޫވެއެވެ.
މިޙާލަތުގައި އޭނާގެ ވިސްނުން އެހެން މިސްރާބަކަށް ބަދަލުކޮށްލަން އެންމެ ކާމިޔާބު އެއްގޮތަކީ ކުރިމަތިވެގެން އުޅޭ މައްސަލައިގެ ވާހަކައިގެ އިތުރުން އޭނާ ޝައުޤުވެރިވާފަދަ އެހެން ކޮންމެވެސް ވާހަކައެއް ދެއްކުމެވެ. ނަމަވެސް އެކަމަށް ވިސްނަނީ މަދު ބައެކެވެ. ގިނަ މީހުން ކިތަންމެ ގިނައިރެއްވަންދެންވެސް ދައްކާނީ އަނެކާއަށް ކުރިމަތިވެފައިވާ މައްސަލައިގެ ވާހަކައެވެ.
އެގޮތަށް ކަންކަންތައް ކުރުމުން ވާގޮތަކީ އަނެކާގެ ހިތުގައި ރޯވެފައިވާ ހުޅުގަނޑަށް އިތުރަށް ޕެޓްރޯލް އުކެނީއެވެ. ނަތީޖާއެއްގެ ގޮތުން ހުޅުގަނޑު ދާނީ އިތުރަށް ބޮޑުވަމުންނެވެ. އެކަން ވެގެންދާނީ އޭނާއަށް ދެވޭ އިތުރު އަނިޔާއަކަށެވެ. ވޭންތައް ދާނީ ބޮޑުވަމުންނެވެ.
އެހެންވެ ތަޖުރިބާހުރި މީހަކަށް ޝަކުވާތައް ހުށަހަޅައިފިނަމަ އަޑުއަހައި ނިންމާލުމަށްފަހު އޭނާގެ ވާހަކަ ފަށާނީ މުޅިން ތަފާތު ކަމަކުންނެވެ. އެގޮތަށް ވާހަކަދައްކަމުން، ދައްކާ ވާހަކައިގެ ތެރެއިން އަނެކާއަށް ދޭން ބޭނުންވާ މެސެޖްތައް ދެމުން ގެންގޮސް ވާހަކަ ނިންމައިލާއިރު އަނެކާއަށް ވާނީ ރަނގަޅު ހެޔޮ ބަދަލެއް އައިސްފައެވެ.
ވީމާ އެކުވެރިއަކަށް ނުވަތަ ތިމާގެ ބައިވެރިޔާއަށް ކަންބޮޑުވާންޖެހޭ ޙާލަތެއް ކުރިމަތިވެގެން އުޅޭނަމަ މިބުނެދިން މޭރުމުން އޭނާއާއި ވާހަކަދައްކާށެވެ. އޭނާއަށް ވިސްނައިދޭން މިމޭރުމުން މަސައްކަތްކުރާށެވެ. ކާމިޔާބުވާނެއެވެ. އިން ޝާ ﷲ
- ކައުންސިލިންގ ދިނުމުގައި ދުނިޔޭގެ ފެންވަރުގެ މަޝްހޫރު މީހަކު ދައްކާފައިވާ ވާހަކައަކުން