އަބޫ ޒައްރު ރަޟިޔަﷲ ތައާލާ އަންހު އެއްދުވަހެއްގަ ބާޒާރަށް ވަޑައިގެން، އެތާ މިހުންތައް ބާޒާރުގެ ތެރޭގައި ހޭބޯނާރާ އެއްޗެހި ގަނެ ވިއްކާ، ދުނިޔަވީ މަންފާ އަށްޓަކައި ކަންތައްތައް ކުރާތަން މި ފެންނަނީ. ވިދާޅުވަނީ ކަލޭމެން ކޮންކަހަލަ ބައެއްހޭ. މިސްކިތުގަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތަރިކަ ބަހަމުންދާއިރުވެސް، ކަލޭމެން ތިތިބެނީ މިތާންގައޭ. މީހުންތައް ދުއްވައިގެންފި މިސްކިތާ ދިމާލަށް، ކިހިނެއްތޯ މި ވަނީ ބަލަން. ދިޔައިރު އެތަނުން މި ފެންނަނީ ގުރޫއްޕު ގުރޫއްޕަށް މީހުން އިށީނދެ ތިބެގެން އެކިއެކި ވާހަކަ ދައްކާ، މި ދެންނެވި ދީނީ މަޢުލޫމާތު އުނގެނޭތަން.
އެބޭކަލުން ދެންނެވި ތިމަންނަމެންނަކަށް ތި ބަހާ އެއްޗެއް ނުފެނުނޭ. ވިދާޅުވަނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސްލަމަ ގެ ތަރިކައަކީ އެއީއެ. އެކަލޭގެފާނު ދޫކުރައްވާ ވަޑައިގަތީ ކޯންޗެއް؟ ވަޑައިގެންނެވީ ޢިލްމު. ދީނުގެ ޢިލްމު." العلماء ورثة الأنبياء" އެހެންނޫންތޯ. ހަދީޘް ކުރައްވާފަވަނީ ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެ. އެބޭކަލުން ވާރުތައިގެ ގޮތުގަ މުދަލެއް ނޫނޭ ދޫކުރައްވާ ވަޑައިގަތީ. "إنما ورّثوا العلم" އެބޭކަލުން ވަޑައިގަތީ ކޯންޗެއް ދޫކުރައްވާފަ. ޢިލްމު ދޫކުރައްވާފަ. " فمن أخذه أخذ بحظ وافر" އެ ލިބިގެންފި މީހަކު އެ ލިބިގަތީ ވަރަށް ބޮޑު އެއްޗެކޭ. ރަސޫލުބޭކަލުންގެ ނަބީބޭކަލުންގެ ތަރިކައަކީ ކޯންޗެއް؟ އެ ޢިލްމު. ވަކިން ޚާއްސަ ގޮތެއްގައި އިލާހީ ހަޟްރަތުން ބާއްވާލައްވާފައިވާ ޢިލްމު. އެ ލިބިއްޖެއްޔާ އެ ލިބިގަތީ ވަރަށް ބޮޑު އެއްޗެއް.
ﷲގެ ރަޙްމަތުން އަޅުގަނޑުމެން އަތުގައި އެ ވަސީލަތްތައް އެ ފަސޭހަތައް އެބައޮތް، އަޅުގަނޑުމެން ދަސްކުރަން، ކަންކަން އުނގެނެން. މިސާލަކަށް ކުދިކުދި ކަންކަން ކުއްޖަކު ޤުރްއާން ކިޔެވުން، އޭގެ މާނަ ދެނެގަންނަން، ނަމާދު، ރޯދަ، ޒަކާތް، ޙައްޖު،ރަޖަބުމަސް މި ކަންކަމާ ބެހޭގޮތުން ކޮބާހޭ ޢިލްމު. ރަޖަބު މަހާ ބެހޭގޮތުން، ޝައުބާން މަހާ ބެހޭގޮތުން،ރަމްޟާން މަހާ ބެހޭގޮތުން ކޮބާހޭ މިކަމުގެ ޢިލްމުތައް. ކޮބާހޭ މިކަންކަމާ ބެހޭ މަޢުލޫމާތުތައް. ކޮބާހޭ ސުންނަތް ކަންތައްތަކަކީ. ކޮބާހޭ މަނާ ކަންކަމަކީ. ކޮބާހޭ ބިދުޢަ ތަކަކީ. ކޮބާހޭ ޚުރާފާތް ތަކަކީ މިކަމުގަ ހިމެނޭ. މިކަންކަމަކީ ބޭފުޅުންނޭ ކޮންމެސް ވަރަކަށް ވަގުތު ދީގެން އަމިއްލައަށް އެހެން ކަންކަމަށްވެސް ހަމަ އަޅުގަނޑުމެން ވަގުތު ހޭދަކޮށްގެން ހޯދަނީތާ. އެހެން ވެއްޖެއްޔާ އަޅުގަނޑުމެން އެބަ ޖެހޭ ރަނގަޅު ނުރަނގަޅު ގޮތްތައްވެސް ހޯދަން.
ބައެއްފަހަރަށް އަޅުގަނޑުމެންނަށް ހަމައެކަނި ސިކުނޑިއަށް ވިސްނުމަށް ބުއްދިއަށް ބުރަވެ އެބަބުނޭ "އާ ތިމަންނައަށް ފެންނަނީ ދީނުގަ އޮންނަނީ މިހެންނޭ" ނޫން ނޫން. އެ އަޅުގަނޑުމެން އެބަ ޖެހޭ ދީނީ ކަންކަން ރަނގަޅަށް ދަސްކުރަން. ބައެއްފަހަރަށް މީހުން ވަކިގޮތެއްގަ ހިފަހައްޓައިގެން ގޮތް ދޫނުކޮށް ބައެއް ކަހަލަ ކަންކަން ހުންނަނީ އެމީހާގެ ޢިލްމު ކޮޅު ވަރަށް ބޮޑަށް މަދުވީމަ. އެކަމަކު ދީނުގަ އޮންނަ ގޮތް އޭނާއަށް އެނގުނީމަ، މީ މިކަން އޮންނަ ގޮތްކަން، މީ މިކަމުގެ ދަލީލުކަން، މީ މިކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބާރު އެޅުއްވި ގޮތްކަން، މިކަންކަން އެނގިގެން ދިޔައީމަ އޭރަށް އެކަންކަން އެމީހާ ކުރިން އެދެކުނު ގޮތާ މިހާރު އޭނާއަށް ފެންނަގޮތާ ވަރަށް ތަފާތުވާނެ.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން