އަހަރެންގެ ވިސްނުމުގައި އެއީ އެހައި ބޮޑު ބުރަތަކެއް އުފުލަންޖެހެންވީ ކަމެއް ނޫނެވެ. އެހެނީ ﷲ ތައާލާގެ ހިނިތުންވެވޮޑިގަތުން ލިބޭނެ 3 މީހުންގެ ތެރެއިން އެކަކީ ނިދަން އޮތް އަރާމު ތަންމައްޗާއި ލޯބިވާ ބައިވެރިޔާ ދޫކޮށްލުމަށްފަހު ޜޭ އަޅުކަމަށް ނިދީން ހޭލާ މީހާއެވެ. މިއީ ހަމަ އެއްވެސް ބުރަކަމެއް ނޫނެވެ. ކޮންމެހެން ދަންވަރު 2 ޖަހާއިރު ތެދުވުމެއްވެސް ނެތެވެ. އެކަން އޮތީ އެއަށްވުރެ ވެސް މާ ލުއިކޮށެވެ.
މުސްލިމުންނަކީ ފަތިސް ނަމާދަށް ހޭލާނެ ބައެކެވެ. ވީމާ ކުރަންޖެހޭ ކަމަކީ 30 ވަރަކަށް މިނިޓް ކުރިން ހޭލުމެވެ. ހޭލައި ދަމުނަމާދުކޮށްލުމެވެ. ދުޢާ ކުރުމެވެ. މިއީ އެކަން ކުރަން ބޭނުންވި މީހަކަށް އެއްވެސް ބުރަ ކަމަކަށް ނުވާނެއެވެ.
ރަނގަޅެވެ. ކޮންމެ އަޅުކަމަކީވެސް ކޮންމެވެސް މިންވަރެއްގެ ތަކްލީފެއް އުފުލަން ޖެހޭނެ ކަމެކެވެ. އެކަން ކުރުމުން ސަވާބު ލިބެނީވެސް ތަކްލީފެއް އުފުލާތީއެވެ. ތަކްލީފެއް އުފުލަން ޖެހޭނެތީއެވެ.
ނިކަން ބުނެބަލާށެވެ. 10 ޑޮލަރަށް 100 ގަރާމް ރަން ގަންނަން ލިބޭނެ ނަމަ ނުގަންނާނީ ކާކުހެއްޔެވެ؟ 100 ގްރާމް ރަން ގަތުމަށްޓަކައި 10 ޑޮލަރު ހޭދަކުރަންޖެހުމަކީ ޖީބަށް ބުރަ ކަމެއް ކަމަށް ދެކޭނީވެސް ކާކު ހެއްޔެވެ؟ ވީއިރު ބިރުވެރިކަމުން ފުރިގެންވާ ޤިޔާމަތް ދުވަހު އެއްވެސް ބިރުވެރިކަމަކާއި ކުރިމަތިލާން ނުޖެހި ސުވަރުގެ ވަނުމަށްޓަކައި ރޭގަނޑުގެ ނިދިން 30 ވަރަކަށް މިނިޓް ހޭދަކޮށްލުމަކީ ތަކްލީފެއް ކަމަށް ދެކޭނީ ކާކުހެއްޔެވެ؟
އަހަރެން ޤަބޫލުކުރާ ގޮތުގައި ދަމުނަމާދަށް ތެދުވުމުން ލިބެން އޮތް ބޮޑު ފައިދާ ހިތުގެ އަޑިން ޤަބޫލުކުރާ އެއްވެސް މީހަކަށް ދަމުނަމާދަށް ހޭލުމަކީ އެއްވެސް ބުރަ ކަމަކަށް ނުވާނެއެވެ!
މީސްތަކުންނޭވެ! ދިގުކުރަން ކިތަންމެ ގިނަ ވާހަކަތަކެއްވެސް ދެއްކިދާނެއެވެ. މިކަމުގައި ކިޔައިދޭން ހުރީ ހަމަ އެއް ވާހަކަތަކެކެވެ. އަހުރެންގެ އާދޭހަކީ ހަމަ ކޮންމެ މީހަކީވެސް ﷲ ތައާލާގެ ހިނިތުންވެ ވޮޑިގަތުން ލިބުމަށް އެދި ގަދައަޅައި މަސައްކަތްކުރާ މީހަކަށްވުމެވެ!
އެމީހަކު ދުނިޔޭގައި ހުއްޓައި ﷲގެ ހިނިތުންވެވޮޑިގަތުން ލިބިއްޖެ މީހަކަށް ޢާޚިރަތް ދުވަހު އެއްވެސް ބިރުވެރިކަމެއް ނެތެވެ! އުފަލުންހުރެ ސުވަރުގެ ވަންނަންވީއެވެ! އެކަން ޤަބޫލުކުރާ ގިނަ ބައެއްގެ ސުވާލަކީ އެ މަތިވެރި ނިޢްމަތް ލިބިގަންނާނީ ކިހިނަކުން ހެއްޔެވެ؟ އަދި އެ މަތިވެރި ނިޢްމަތް ލިބިގަތުމަށްޓަކައި ބައެއް މީހުން ވަރަށް ބޮޑެތި ބުރަތައްވެސް އުފުލައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން