މީސްތަކުންގެ ތެރެއިން ﷲ ތަޢާލާ ބާރު ދެއްވަވަނީ އެކަލާނގެ އިރާދަކުރައްވަވާ އަޅުންނަށެވެ. އެއްވެސް ޙާލެއްގައި ބާރު ދެއްވަވާ ކޮންމެ މީހަކީ އެހާ ރަނގަޅު މީހަކަށްނުވެދާނެއެވެ. އޭނާއަށް ބާރު ދެއްވަވަނީ ކޮންމެހެން އޭނާ ރަނގަޅު މީހަކަށްވެގެނެއް ނޫނެވެ. އިމްތިޙާން ކުރެއްވެވުމުގެ ގޮތުންނެވެ. އެކަން މިއަދު ގިނަ ބައަކަށް މިވަނީ ހަނދާން ނެތިފައެވެ. އެކަން އެގޮތަށް މެދުވެރިވާނެކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
ކޮންމެ މީހަކާއިވެސް މަސްއޫލިއްޔަތުތަކެއް ޙަވާލުކުރައްވަވައެވެ. ޤައުމުގެ ނުވަތަ ރަށެއްގެ ވެރިކަމަކީވެސް މަސްއޫލިއްޔަތެކެވެ. ޢާއިލާއެއްގެ ވެރިކަމަކީވެސް މަސްއޫލިއްޔަތެކެވެ. އަދި އެންމެ ބޮޑު މަސްއޫލިއްޔަތަކީ ތިމާ ﷲ ތަޢާލާއަށް އަޅުވެތިވުމެވެ. ކިޔަމަންތެރިވުމެވެ.
އެއްވެސް ޙާލެއްގައި މިދައްކަނީ ޤައުމުތަކާއި މުޖުތަމަޢުތަކާއި ބޮޑެތި ޖަމާޢަތްތަކުގެ އެންމެ އިސް ވެރިންގެ ވާހަކަ އެކަންޏެއް ނޫނެވެ! ފަރުދީ ބާރުލިބުންވެސް ހިމެނެއެވެ. އަނބިން، ދަރިން، ޢާއިލާގެ މައްޗަށް ބާރުލިބުންވެސް ހިމެނިގެންވާ ގޮތުގައެވެ. ޚުލާޞާކޮށް ބުނާނަމަ އެމީހަކާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާ ކޮންމެ ބާރެކެވެ!
وَاللَّـهُ غَالِبٌ عَلَىٰ أَمْرِهِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ (سورة يوسف:21)
"اللَّه އީ، އެކަލާނގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ ރަސްކަލާނގެއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ."
"مصر ން އެކަލޭގެފާނު ގަތް މީހާ، އޭނާގެ އަންހެނުންނަށް ބުންޏެވެ. ކަނބުލޭގެ، އެކަލޭގެފާނުގެ ހުންނެވުން ރަނގަޅުގޮތަކަށް ހަމަޖައްސާށެވެ! އެއީ އެކަލޭގެފާނު، ތިމަންމެންނަށް މަންފާއެއް ކުރޭތޯއެވެ. ނުވަތަ ތިމަންމެން އެކަލޭގެފާނު ދަރިއެއްކަމުގައި ހަދާނީއެވެ. އެފަދައިން، ތިމަންރަސްކަލާނގެ يوسف ގެފާނު (مصر ގެ) ބިމުގައި ބާރުވެރި ކުރެއްވީމެވެ. އަދި ހުވަފެނުގެ ވާހަކަތައް މާނަކުރެއްވުން އެކަލޭގެފާނަށް ދަސްކޮށްދެއްވުމަށްޓަކައެވެ. اللَّه އީ، އެކަލާނގެ ކަންތައްތައް ހިންގެވުމުގައި، ބާރުވެރިވަންތަ ރަސްކަލާނގެއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ." މިފަދައިންނެވެ.
މިއާޔަތުން އެނގިގެންދަނީ ﷲ ތަޢާލާ އިރާދަކުރައްވައިފި އަޅަކު ބާރުވެރިކުރައްވަވާނެ ކަމެވެ. އަދި އިރާދަކުރައްވަވައިފި އަޅަކު ނިކަމެތި ކުރައްވަވާނެ ކަމާއި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތައާލާއަށް ކަމެވެ.
އެހެންކަމުން މިއީ މަޤާމްތައް ލިބުމުންނާއި އަދި ނުލިބިވެސް ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި ދެކޮޅު ހަދައި އަމިއްލަ ގޮތްތައް ކުރިއަށް ނެރޭ މީހުންނަށް އޮތް ވަރަށް ރަނގަޅު ފިލާވަޅެކެވެ. އަނބިން ދެއްވެވުމުން އަނބިންނާއިމެދު އަދި ދަރިން ދެއްވެވުމުން ދަރިންނާއިމެދު ޢަމަލުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުނުކުރާ ކޮންމެ މީހަކަށް އޮތް ފިލާވަޅެކެވެ.
އާޔަތުގައި ﷲ ވަހީ ކުރައްވަވާފައިއެވަނީ އެންމެހައި ބާރުތައް ލިބިވޮޑިގެންވަނީ ﷲ ތަޢާލާ އަށް ކަމަށާއި ނަމަވެސް މީސްތަކުންނަށް އެކަން ނުއެނގެނީ ކަމަށެވެ. އެކަން މީސްތަކުންނަށް އެނގޭނަމަ، ޤަބޫލުކުރެވޭ ނަމަ ﷲ ތައާލާގެ ޙުކުމްފުޅުތަކާއި ދެކޮޅު ހަދަން ބިރުވެތިވާނެއެވެ!
ވީމާ ބާރެއް ލިބޭއިރަށް މާބާރުގަދަ މީހަކަށް ހެދިގެން ތިއައުޅެނީ ޙަޤީޤަތުގައި ތިބާގެ ކިބައިގައި ކޮން ބާރެއްވާތީހެއްޔެވެ؟ ކިތަންމެ ބޮޑު ބާރެއް ލިބިގެން ހުރިނަމަވެސް ﷲ ތަޢާލާ އިރާދަކުރައްވަވާ ކޮންމެ ވަޤުތަކު އެމީހަކު ކުނަމެއްސަކަށްވުރެ ނިކަމެތިކުރައްވަވަން ﷲ ތަޢާލާ ކުލަދުންވަންތައެވެ. ދުނިޔޭގައި އުޅުނު އެންމެ ބާރުގަދަ ވެރިންގެ ތެރޭގައި ހިމެނުނު ނަމްރޫދްގެ މައްޗަށް ގަދަވެގަތީ ކުޑަކުޑަ މަދިރިއަކަށްވުމުން ޢިބްރަތަކަށް ނުފުދެނީހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން