ކައިވެނިކޮށްގެން އެކުގައި ދިރިއުޅެންފަށާތަނުން ބައިވެރިޔާ ބޭނުންވާ ވަރަށް ލޯބި ނުދެވިވެސްދެއެވެ. އެއީ ލޯބިނުވާތީއެއް ނޫނެވެ. ބައެއް މީހުންގެ މިޒާޖުގައި ހުންނަ ސިފައަކަށްވާތީއެވެ. އަދި ބައެއް އަނބިންގެ ލަދުވެތިކަން ބޮޑުކަމުންނެވެ.
މިފަދަ ކަމެއް ދިމާވިނަމަވެސް އެއީ އަނެކާ ތިމާދެކެ ލޯބިނުވަޏީކަމަށް ނުނިންމައި ކެތްތެރިވެލާށެވެ. މަޑުމަޑުން ކަންކަން ބަދަލުވާންފަށާނެއެވެ. އެކަމަށް މުއްދަތެއްވެސް ދޭންވާނެއެވެ. ކަންބޮޑުވާންޖެހޭނީ އެކަށީގެންވާ މުއްދަތެއް ދިނުމުންވެސް ބަދަލުނުވާނަމައެވެ.
ކަންކަން ބަދަލުވެ ތިބާއަށް ލޯބިދޭން ފެށުމުން އަވަހަށް ބަލައިގަންނާށެވެ! ކުރިން ލޯބިނުދީހުރި ވާހަކަނުވެސް ދައްކާށެވެ. އޭނާ މިހާރު އެހުރީ އޭނާގެ ހިތް ތިބާއަށް އެކުގައި ދީގެންނެވެ. އެހިތުގައި ޖެހޭނެ ފަދަ އެއްވެސް ކަމެއް ނުކުރާށެވެ.
އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. ފުރަތަމަ ކޮޅުގައި ގިނަ ފިރިން ބޭނުންވާ ވަރަށް ލޯބިނުދެވިދާނެ އަންހެނުން ވަރަށް ގިނަވާނެއެވެ. އެކަމަށް ބޮޑަށްނުހާކާށެވެ! އަނބިމީހާއަށް ތިބާ ލޯބިދޭނަމަ ކަންކަން އަންނާނީ ބަދަލުވަމުންނެވެ. ދުވަސްކޮޅަކުން ލޯބިދިނުމުގައި ފިރިމީހާއަށް މާކުރީގައި ހުންނާނީ އަނބިމީހާއެވެ.
ކައިވެނިކުރާތަނުން ދެމީހުންގެ މެދުގައި މައްސަލަތައް ޖެހެން ފަށަނީ މިކަންކަމަށް ނުވިސްނުމުންނެވެ. އެކަކު އަނެކަކަށް ދޭންޖެހޭ ފުރުޞަތު ނުދިނުމެވެ. ކުރިން މިބުނި ކަންކަމުގައި ބުނެފައިވާ ފަދައިން ކެތްތެރިވެލައިފިނަމަ ހުރިހާ ކަންކަން ޙައްލުވެ އެންމެ ލޯބިން އުފަލުގައި އުޅެވެން ފަށާނެއެވެ. އިން ޝާ ﷲ
- އަލަފް / މިއަދުނޫސް