ކައިވެނިކުރަންޖެހޭތޯ އާއި ކައިވެނިކުރުމުގެ ބޭނުމަކީ ކޮބައިތޯ ބައެއް މީހުން ސުވާލުކުރެއެވެ. ވީމާ ކައިވެނިކުރަންޖެހޭ ސަބަބަށް ދުނިޔަވީ ގޮތަކަށް ބަލައިލާނަމެވެ. މިރޭ މިދައްކަނީ ދީނުގެ ބައި ނުލައެވެ. އެހެން ދަރުސެއްގައި އެބައިތައް ކިޔައިދޭނަމެވެ.
ދުނިޔަވީ ގޮތުން ބަލާނަމަ ކައިވެނިކުރަންޖެހޭ ފުރަތަމަ ސަބަބަކީ ކޮންމެ މީހަކަށްވެސް އެހީތެރިކަން ބޭނުންވާ ކަމެވެ.
އެއްވެސް މީހަކީ އަބަދު އެއް ޙާލަތެއްގައި އެއްގޮތަކަށް ދެމިހުރެވޭނެ މީހެއް ނޫނެވެ. އުފާވެރިކަން ލިބޭ ފަދައިން ހިތްދަތިކަންވެސް ލިބޭނެއެވެ. އަތްމަތި ތަނަވަސްވާފަދައިން އަތްމަތި ދަތިޙާލުގައިވެސް އުޅެންޖެހޭނެއެވެ. ބަލިވެސްވާނެއެވެ. ހިތްދަތިކަމުގައިވެސް އުޅެންޖެހޭނެއެވެ.
މިނޫންވެސް މިފދަ އެތައް ޙާލަތުތަކެއް އަބަދުވެސް ދާނީ ކުރިމަތިވަމުންނެވެ. މިފަދަ ކޮންމެ ޙާލަތެއްގައިވެސް އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުންވާނެއެވެ. ބައިވެރިޔާ ނޫނީ އެހީތެރިވުން ވާޖިބު މީހަކު ނުހުންނާނެއެވެ. އެހެން މީހުންނަށް އެކަން އޮންނާނީ އިޚްތިޔާރީ ކަމަކަށެވެ. ނަމަވެސް ބައިވެރިޔާއަށް އެކަން ވާނީ ކޮންމެހެން އަދާކުރަންޖެހޭ ވާޖިބަކަށެވެ.
ދެން މިބުނަނީ އެންމެ ބޮޑުވާހަކައެވެ. މިބަޔާންކުރި ފަދައިން ކައިވެނީގެ ދުނިޔަވީ ފުރަތަމަ މަޤްޞަދު ޙާޞިލް ނުކުރެވޭނަމަ، ބައިވެރިޔާއަށް އެހީތެރިވާންޖެހޭ ޙާލަތުގައި އެހީތެރިނުވާނަމަ އެމީހަކާއިއެކު ދުވަސްތައް ބޭކާރުކޮށް ނުލާށެވެ! ކެތްތެރިވެލައިގެންހުރެ ދުޢާކޮށް އެހެން ގޮތެއް ހޯދަން މަސައްކަތްކުރާށެވެ! ފިރިމީހާކަމަށްވީނަމަވެސް އަނބިމީހާކަމަށްވީނަމވެސް ތިމާއަދާކުރަންޖެހޭ ވާޖިބް އަދާނުކުރާނަމަ ކައިވެނީގައި އެމީހެއްގެ ޙައިޞިއްޔަތު އެވަނީ ގެއްލިފައެވެ. ކައިވެނި ފޭލްވެފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން