އަނެއްކާ ޢިލްމު ޙާސިލް ކުރަމުން ދިޔަވަރަކަށް އެމީހާއަށް އަޅުކަންކަމަށް ޝައުޤުވެރިކަން އިތުރުވެގެން ދާނެ. އެހެންވާނެތާ. މިސާލަކަށް ރަމަޟާންމަހުގެ މާތްކަމާ މަތިވެރިކަން އޭނާއަށް އެނގުން ވަރަކަށް ރަމަޟާން މަހުގެ ދަރުމަޔާއި ސަވާބު ހޯދަން އޭނަ މަސައްކަތް ނުކުރާނެތަ؟ ކުރާނެ. ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަމާ މަތިވެރިކަން އޭނާއަށް އެނގުން ވަރަކަށް ކީރިތި ޤުރްއާން އޭނާ ގިނައިން ކިޔެވުމަށް ޝައުގުވެރިވާނެ. މީ އާންމުކޮށް މިކަން ހިނގާނެ ގޮތް. ނަމާދަށް މިސްކިތަށް އައުމާ، ނަމާދު ޖަމާޢަތުގަ ކުރުމާ، އަވަހަށް މިސްކިތަށް އައުމާ، ނަމާދުގަ ހުޝޫއަތްތެރިކަމާ މި ކަންކަން ގެންގުޅުމުގަ ހުރި މާތްކަމާ މަތިވެރިކަން އެމީހާއަށް ބޮޑަށް އެނގެމުން ދިޔަ ވަރަކަށް، އެމީހާ އެކަންކަމުގެ ތެރެއަށް ބޮޑަށް ޝައުޤުވެރިކަމާ އެއްކޮށް ވަދެވޭގޮތް ވާނެ.
އެއާ ޚިލާފަށް އެކަންކަމުގެ ޢިލްމު ނެތްމީހާ އެކަންކަމުގެ އެއްވެސް ޚަބަރެއް ނެތް މީހާ، އޭނާ މުޅިން އެހެން ދުނިޔެއެއްގަ އުޅޭ މީހާ، އޭނާ މިކަންކަމަށް އެހާ ބޮޑަށް ޝައުޤުވެރިއެއް ނުވާނެ. އެހެންވީމަ، ޢިލްމަކީ ވަރަށް މުހިއްމު އެއްޗެއް، ވީމަ ޢުމަރުގެ ފާނާއި އަންޞާރިއްޔަ ބޭފުޅަކާ ދެބޭފުޅުން، ޑިޔުޓީ ހަދައިގެން، މިހާރު އަޅުގަނޑުމެންގެ މި ޒަމާނުގަ ނަމަ އެއަށް ކިޔާނީ ޝިފްޓް ޑިޔުޓީ ހެދުމޭ. ދަންފަޅިތަކަށް ބަހާލައިގެން މަސައްކަތް ކުރުން. ދެ ބޭފުޅުން އެއްބަސް ވަނީ ކޮން ގޮތަކަށް. މަސައްކަތްވެސް ދުނިޔަވީގޮތުން އެބަ ކުރަންޖެހޭ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަޖިލީހުގަ ތިބެގެން ޢިލްމުވެސް އެބަ ޙާސިލްކުރަންޖެހޭ. އެހެންވެ ދެބޭފުޅުން އެއްބަސްވަނީ އެކަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގަ މިއަދު ޢިލްމު ޙާސިލްކުރަން މަޑުކޮށްފިއްޔާ، އަނެއް ބޭފުޅާ އެދުވަހު މަސައްކަތް ކުރާނީ، އަނެއްދުވަހު ދެބޭފުޅުން ބައްދަލުވެގެން އެދުވަހު އެ ޙާސިލްކުރި ޢިލްމު އެކަކު އަނެކަކަށް ކިޔައިދޭނީ. އެހެންވެ އެގޮތަށް ބަދަލުކުރަނީ. ކޮންމެދުވަހަކު މަޖިލީހަށް ޙާޒިރުވާ ބޭފުޅާ އެދުވަހު އެ ހޯދި އެއްޗެއް އަނެއް ބޭފުޅާއަށް ކިޔާދެނީ. އެގޮތަށްވެސް ޢިލްމު އެބަ ޙާސިލްކުރޭ. އެހެންވީމަ އެއްވެސް ދުވަހެއްގެ އެއްޗެއް ނުގެއްލި ޢިލްމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން އެބޭފުޅުންވެސް ޢިލްމު ޙާސިލްކުރެއްވީ.
އެހެންވީމަ އަޅުގަނޑުމެންނަށް މިއަދު މި ޒަމާނުގާ ޢިލްމު ޙާސިލްކުރުމުގެ މަގަކީ ކޮބާތޯ ބުނެފިއްޔާ ވަރަށް ގިނަ ގޮތްތައް އެބަހުރި. ދީނީ ޢިލްމުވެރިން ކުރެން އަހާ، ފޮތް އެއްޗެހި ކިޔާ، ޓީވީ ރޭޑިއޯ ޕްރޮގްރާމްތައް ގަވާއިދުން އަޑުއަހާ، ދީނީ ދަރުސްތަކާއި އެއްޗެހި ބަލާ އަޑުއަހައި މި ކަންކަމުގެ ތެރެއަށް ވަދެ މީހާ އުޅޭކަމަށް ވަނީނަމަ ވަރަށް ގިނަ ކަންކަން އެމީހާއަށް ރޯފިލާގޮތްވާނެ. އަސްލު ހަޤީޤަތުގައި އެނގޭ މީހާ އާއި ނޭނގޭ މިހާއާ ވަރަށް ތަފާތުވާނެ. " قل هل يستوي الذين يعلمون والذين لا يعلمون " ކަލޭގެފާނު ވިދާޅުވާށޭ ދަންނަމީހުންނާ ނުދަންނަ މީހުން ހަމަހަމަ ވާނެހޭ؟ ﷲތަޢާލާ އޭގެ ޖަވާބު ދެއްވީތޯ އޭގެފަހުން. ސުވާލެއް ކުރެއްވީ ޖަވާބެއް ނުދެއްވާ. ޖަވާބުދެއްވުމުގެ، އޭގެ މާނައެއްނުވެސްނެތް. ހުރިހާއެންމެންނަށްވެސް އެނގޭ އޭގެ ޖަވާބު. މާނައަކީ ހަމަހަމައެއް ނުވާނޭ. އެހެންވީމާ، ދީނީ ޢިލްމު، ކަންކަން އޮންނަ ގޮތް ރަނގަޅަށް އެނގިގެން އެކަން ކުރާ މީހާއާ އެކަންކަން އެގޮތަށް ނޭންގި ކުރާ މީހާއާ، އުޑާއި ބިމާހާ ތަފާތުވާނެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ބާރު އަޅުއްވަނީ އެހެންވީމާ، ނަމާދުވެސް ތިމަންކަލޭގެފާނު ކުރެއްވި ގޮތަށް "صلّوا كما رأيتموني أصلي " ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ދެކުނު ގޮތަށް ނަމާދުކުރާށޭ.
އެ ޢިލްމު ޙާސިލް ކޮށްގެން އެގޮތަށް ކުރަން. ޙައްޖުގެ އަޅުކަން އެތައް ބައެއްގެ ކުރިމަތީގަ އެކަލޭގެފާނު ކުރައްވާފަ ޙަދީޘް މިކުރައްވަނީ " خذوا عن مناسككم" ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހުން އުނގެނި ދަސްކުރާށޭ ކޮންކަމެއް؟ ޙައްޖު ކުރާގޮތް. އެހެންވީމަ އެ ޢިލްމު ހާސިލްކޮށްދޭ. މިހާރު މިޒަމާނުގާ އެންމެބޮޑަށް މީހުންނަށް އުނގަންނައިދޭ ގޮތަކީވެސް ބުނަނީ ޢަމަލީގޮތުން ދަސްކޮށްދިނުން. އުޘްމާނުގެފާނު ވުޟޫކުރާގޮތް ދަސްކޮށްދެއްވަން ވެގެން ކިހިނެއް ހެއްދެވީ. ފެން ގެންނެވީ. ފެން ގެނެސް ފެނުން ވުޟޫކުރާގޮތް ބޭކަލުންނަށް ދައްކަވާފަ މިއޭ ވުޟޫކުރާ ގޮތަކީ ބުނެދެއްވަނީ. އެހެންވީމާ ޢިލްމު އުނގެނުމާ، އުނގަންނައިދިނުމާ ދަސްކުރުމަކީ މީ ވަރަށް ހެޔޮކަމެއް. އެހެންވީމާ އަޅުގަނޑުމެން ކޮންމެ މީހަކު ކޮންމެ އުމުރެއްގައި ހުރިކަމުގައި ވިޔަސް އެމީހާ އަބަދުވެސް މަސައްކަތް ކުރަންވިއްޔޭ، ޢިލްމު ޙާސިލް ކުރުމަށް، ވަކިން ޚާއްސަގޮތެއްގައި ދީނީ ޝަރުޢީ ޢިލްމުގެ ތެރެއިން ކުޑަ އެއްޗެއްވެސް އެނގިފަ އޮންނަން. ބައެއްމީހުން، އެމީހުންގެ ހަޔާތް ނިމިގެންގޮސްފަވާ މިއުންމަތުގެ ހެޔޮލަފާ ބޭފުޅުންގެ ހަޔާތަށްބަލާ އިރުގާ، އެބޭފުޅުންގެ ހަޔާތުގެ އެންމެ ފަހުކޮޅުގައިވެސް އެކަންތައް ދެނެގަންނަން، ބައެއް ދީނީ މައްސަލަތައް ދެނެގަންނަން އެބަ މަސައްކަތް ކުރޭ. ބޭފުޅުން ސުވާލުކުރައްވަނީ ކަލޭގެފާނު ތިހާލުކޮޅުގަ އޮންނަވައިގެންވެސް ތިކަން އުނގެނެންތޯއޭ ތިބޭނުންފުޅުވަނީ. ވިދާޅުވަނީ ތިމަންނަ އެކަން ނޭންގި މަރުވުމަށްވުރެން ތިމަންނާ ލޯބިކުރަނީ އެކަންވެސް އެނގިގެން މަރުވެގެންދާށޭ..
ﷲ ތަބާރަކަ ވަތަޢާލާ އަޅުގަނޑުމެންނަކީ ޢިލްމަށް ލޯބިކުރާ އެކަމަށް ޝައުޤުވެރިވާ ބައެއްކަމުގައި ލައްވާށި. ﷲ ތަބާރަކަ ވަތަޢާލާ އެންމެފުރަތަމައިނުން ވަޙީކުރެއްވި އާޔަތުގައިވެސް ކިޔެވުމަށް ބާރު އެޅުއްވީ އެއީ ހުރިހާ ހެޔޮކަމެއްގެ ދޮރު ހުޅުވިގެންދަނީ އޭގެން ކަމަށްވާތީ. ﷲތަބާރަކަ ވަތަޢާލާ އަޅުގަނޑުމެންނަކީ ޢިލްމަށް ލޯބިކުރާ، ޢިލްމަށް އިޙްތިރާމްކުރާ، ޢިލްމަށް ޤަދަރުކުރާ އަދި ޢިލްމު އުނގެނުމަށް މަސެއްކަތް ކުރާ ބައެއްކަމުގައި ލައްވާށި. وآخر دعوانا أن الحمد لله رب العالمين، والسلام عليكم ورحمة الله وبركاته
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން