ޚުޠުބާ: ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުން!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 19ސ
ޚުޠުބާ: ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުން!

މާތް اللهގެ އަޅުތަކުންނޭވެ! އަންނަ އާދީއްތަ ދުވަހަކީ ހިޖުރީ އާ އަހަރެއް ފެށޭ ދުވަހެވެ. އެހެންކަމުން، ކީރިތި ރަސޫލާ z މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު  ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާންވެއްޖެ ކަމެކެވެ. ހިޖުރައިގެ މާނައަކީ، ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ މާ ފުޅާ މާނައެއް އޮތް ކަމެކެވެ. އެ ގޮތުން ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުމެވެ. ފަހެ ރަސޫލާ z ޙަދީޘް ކުރައްވައިފައި ވެއެވެ.  

عَنْ عَبْدِ اللهِ بْنِ عَمْرٍو قَالَ: (قَالَ رَجُلٌ: يَا رَسُوْلَ اللهِ أَيُّ الْـهِجْرَةِ أَفْضَلُ ؟ قَالَ: أَنْ تَـهْجُرَ مَا كَرِهَ رَبُّكَ عَزَّ وَجَلَّ)[1] މާނައީ: ޢަބްދުالله ބުނު ޢަމްރުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ zގެ އަރިހުގައި މީހަކު ދެންނެވިއެވެ. اللهގެ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯއެވެ؟ ރަސޫލާ z ޙަދީޘްކުރެއްވިއެވެ. އެއީ، ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކާ ދުރުވުމެވެ." 

މުސްލިމް އަޚުންނޭވެ! ކީރިތި ރަސޫލާ z މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއް ވެއެވެ. ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށް ޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅެވެ. އެ ގޮތުން ބަލާ އިރު ކީރިތި ރަސޫލާ z، އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި، ޢާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މި ދެންނެވި ކަންކަން އިސްލާމް ދީނުގެ ދިފާޢުގައި ޤުރުބާންކުރައްވައިފައެވެ. މި ދަތުރުފުޅަށް މައްކާއިން ނުކުމެވަޑައިގަންނަވަމުން އެކަލޭގެފާނު ވިދާޅުވި ބަސްފުޅު މުސްލިމުން ހަނދާންކުރާން ޖެހެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ.  

(وَاللهِ إِنَّكِ لَـخَيْرُ أَرْضِ اللهِ، وَأَحَبُّ أَرْضِ اللهِ إِلَى اللهِ، وَلَوْلَا أَنِّيْ أُخْرِجْتُ مِنْكِ مَا خَرَجْتُ)[2]

މާނައީ: "الله ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަ ބިމަކީ الله ގެ ޙަޟްރަތުގައި އެންމެ މާތް ބިމެވެ. އަދި اللهގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ބިމެވެ. ތިމަންކަލޭގެފާނު ތިޔަ ބިމުން ނެރެ ނުލެވުނު ނަމަ، ތިމަން ކަލޭގެފާނު ތިޔަ ބިމުން ނުކުމެވަޑައެއްނުގެންނެވީމުހެވެ."  

އަދި ހަމަ އެހެންމެ، صُهَيْبُ الرُّوْمِيْ رَضِيَ اللهُ عَنْهُގެ ހިޖުރައިގެ ޙާދިޘާއަކީ ވެސް ވަރަށް މަތިވެރި ޤުރުބާނީއެކެވެ. އެކަލޭގެފާނުގެ އަރިހުގައި މައްކާގެ މުޝްރިކުން ބުނީ ކަލޭގެފާނުގެ މުޅި މުދާ ދޫކުރައްވައި ހިޖުރައަށް ވަޑައިގެންނެވިދާނެކަމުގައެވެ. އެހެންކަމުން އެކަލޭގެފާނުގެ މުޅި މިލްކިއްޔާތު اللهގެ މަގުގައި ދޫކޮށްލެއްވުމަށް ފަހު ހިޖުރަކުރެއްވިއެވެ. މި ކަން އެނގިވަޑައިގަތުމުން ރަސޫލާ z ޙަދީޘްކުރެއްވިއެވެ. (رَبِحَ صُهَيْبٌ، رَبِحَ صُهَيْبٌ)[3] މާނައީ: "ޞުހައިބު ފައިދާހުރި ވިޔަފާރިއެއް ކުރައްވައިފިއެވެ. ޞުހައިބު ފައިދާ ހުރި ވިޔަފާރިއެއް ކުރައްވައިފި އެވެ." މި ކަމާ ގުޅޭ ގޮތުން الله ތަޢާލާ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި اللهގެ ރުހިވޮޑިގަތުން އެދި (އެކަލާނގެ އަށް) ތިމާގެ ނަފުސު ދޫކޮށްލާ މީހުން ވެސް މީސްތަކުންގެ ތެރެއިން ވެއެވެ. اللهއީ، އަޅުތަކުންނާ މެދު، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ."  

މިއަދު އޮންލައިން