ޚުޠުބާ: ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ އެކަންކުރަން ފެށުމުގެ ކުރީން އެކަމެއް ފުރިހަމައަށް ރޭވުމާ، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖެއްސުން-

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 15ސ
ޚުޠުބާ: ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ އެކަންކުރަން ފެށުމުގެ ކުރީން އެކަމެއް ފުރިހަމައަށް ރޭވުމާ، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖެއްސުން-

الله ގެ އަޅުތަކުންނޭވެ! ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައި ވުމެވެ. މި ގޮތުން ބަހައިލެވިފައިވާ މަސައްކަތުގެ ތެރެއިން އަބޫބަކުރުގެފާނު ކުރެއްވި އެއް ކަމަކީ ހަތަރު މަސް ކުރިން ދަތުރުގެ ސަވާރީ ތައްޔާރުކުރައްވާން ފެއްޓެވުމެވެ. މިއީ ފުރިހަމަ ސިއްރިޔާތުގައި ކުރެއްވި ކަމެކެވެ. 

ހަމަ އެ ފަދައިން ހިޖުރައަށް ނުކުމެވަޑައިގަތް ރޭގައި ޢަލީގެފާނު ކީރިތި ރަސޫލާ zގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވިއެވެ. މައްކާގެ މުޝްރިކުން ރަސޫލާ z އަވަހާރަކޮށްލަން ރާވައިފައިވާ ރޭގައި އެކަލޭގެފާނުގެ ދާންމަތި ކޮޅުގައި ޢަލީގެފާނު އަވަހާރަފުޅުލެއްޕެވީ ފުރާނަފުޅު ޤުރުބާންވެ ދިޔަ ނަމަވެސް ރަސޫލާ z ދިފާޢުކުރައްވައި، އިސްލާމް ދީން ދިފާޢުކުރެއްވުމުގެ މަތިވެރި މަޤްޞަދުގައެވެ. މައްކާއިން ނުކުމެ ވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އެ ބޭކަލުން ތިއްބެވި އިރު ފަރިއްކޮޅު އެރުއްވުމުގެ ކަންތައް ކުރައްވާން ޙަވާލުވެވަޑައިގަތީ އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ رَضِيَ اللهُ عَنْهَاއެވެ. 

އެ ކަމަނާ ކާތަކެތި ހިއްޕަވައިގެން ވަޑައިގެން އެ ފަރުބަދައަށް އަރައިވަޑައިގެން އެ ބޭކަލުންނަށް ފަރިއްކޮޅުއެރުއްވުމަކީ ވެސް ބުރަ އަދި އެހާމެ އުނދަގޫ،  ބިރުވެރިކަން ބޮޑު ކަމެކެވެ. އޭރު މައްކާގައި ކަން ހިނގަމުން ދިޔަ ގޮތުގެ ޚަބަރުތައް ރަސޫލާ zއާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން ޢަބްދު اللهއެވެ. އަދި ތިން ރޭވަންދެން އެބޭކަލުންގެ އަރިހުގައި ކޮންމެ ރެއަކުވެސް ފަތިސްވަންދެން އެކަލޭގެފާނު އިންނަވައެވެ. 

މުސްލިމް އަޚުންނޭވެ! ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ޘާބިތުކަމާ އެކު ތިބޭނެކަމުގެ ފިލާވަޅު ހިމެނެއެވެ. ރަސޫލާ zއާއި އަބޫބަކުރުގެފާނު ޘައުރުފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި އިރު އަބޫބަކުރުގެފާނު ރަސޫލާ zއަށް ދެންނެވިއެވެ. اللهގެ ރަސޫލާއެވެ. މައްކާގެ މުޝްރިކުންގެ މީހަކު އެ މީހެއްގެ ދެ ފައިތިލައަށް ބަލައިލި ނަމަވެސް ތިމަންބޭކަލުން މި ތިއްބެވި ތަން ފެންނާނެއެވެ. ފަހެ އެހިނދު ރަސޫލާ z ޙަދީޘް ކުރެއްވިއެވެ. (يَا أَبَا بَكْرٍ، مَا ظَنُّكَ بِاثْنَيْنِ اللهُ ثَالِثُهُمَا)[4] މާނައީ: "އޭ އަބޫބަކުރުގެފާނެވެ. ތިމަންމެން ދެބޭކަލުން އެކަނި ތިއްބެވި ކަމަށް ހީފުޅުނުކުރައްވާށެވެ! ތިންވަނަ ފަރާތެއްގެ ގޮތުގައި الله ތިމަން ބޭކަލުންނާ އެކު ވޮޑިގެންވެއެވެ." މިފަދަ ބަސްފުޅުތަކުން ޢިބްރަތް ލިބިގަނެ، ހުރިހައި ވަގުތެއްގައި ވެސް އިސްލާމްދީން މަތީގައި ތެދުވެރިކަމާ އެކު، ދެމިތިބުމަށް ޢަޒުމު ކަނޑައަޅައި ތިމާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރެވޭތޯ ވެވުނުހައި މަސައްކަތެއް ކުރާށެވެ!   

މުސްލިމް އަޚުންނޭވެ! އިސްވެ މި ބަޔާންކުރެވުނު ސާބިތުކަމުގައި ރަސޫލާ z ދެމިހުންނެވުމުގެ ސަބަބުން އެކަލޭގެފާނަށް ޔަޤީންވެވަޑައިގެންފައި ވަނީ މާތް الله އެކަލޭގެފާނާއި، އަބޫބަކުރުގެފާނު ޙިމާޔަތްކުރައްވައި ނަޞްރު ދެއްވާނެކަމެވެ. އެ ގޮތުން މައްކާގެ މީހުން ބޮޑު އިނާމު ހުށައަޅައިގެން، ފިޔަވަޅުގެ އަސަރު ބަލައިގެން އެކަލޭގެފާނު ހޯދާން ކުރި މަސައްކަތް الله سُبْحَانَهُ وَتَعَالَى ނާކާމިޔާބުކުރައްވައި އެކަލޭގެފާނަށް ނަޞްރު ދެއްވިއެވެ. ފަހެ الله سُبْحَانَهُ وَتَعَالَى އެ ކަން ބަޔާންކުރައްވައި ވަޙީކުރެއްވި އާޔަތުގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން އެކަލޭގެފާނަށް ނަޞްރު ނުދިނަސް، ހަމަކަށަވަރުން، اللهُ، އެކަލޭގެފާނަށް ނަޞްރު ދެއްވިއެވެ. ދެ މީހުން ކުރެ އެކަކު ކަމުގައިވާ ޙާލު، ކާފިރުވި މީހުން، އެކަލޭގެފާނު ނެރެލި ހިނދުގައެވެ. އޭގެ ދެ ކަލުން (ޘައުރު ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، الله ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވި ހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން الله ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި ކާފިރުވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللهގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللهއީ، ޢަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ."

މިއަދު އޮންލައިން