ޚުޠުބާ: ހިޖުރައިގެ މަތިވެރި ޒިކުރާ، ގުޅިފައި ވަނީ ރަސޫލް ޞޢޥ މައްކާއިން މަދީނާ އަށް ވަޑައިގެން މަދީނާގަ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ދިޔަ ޙާދިޘާ!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 15ސ
ޚުޠުބާ: ހިޖުރައިގެ މަތިވެރި ޒިކުރާ، ގުޅިފައި ވަނީ ރަސޫލް ޞޢޥ މައްކާއިން މަދީނާ އަށް ވަޑައިގެން މަދީނާގަ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ދިޔަ ޙާދިޘާ!

މުސްލިމް އަޚުންނޭވެ! ހިޖުރައިގެ މަތިވެރި ޒިކުރާ، ގުޅިފައި ވަނީ مُحَمَّدٌ رَسُولُ اللهِ z ހިޖުރަ ކުރައްވައި، މައްކާއިން މަދީނާ އަށް ވަޑައިގަތް މަތިވެރި ޙާދިޘާއާއެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ދިޔަ ޙާދިޘާއެވެ. ކީރިތި ރަސޫލާ  z  اللهގެ މަގަށް ގޮވައިލައްވާން މައްކާގައި ތޭރަ އަހަރު ދުވަސް ހޭދަކުރެއްވިއެވެ. އެ ރަށުގެ އަހުލުވެރީންގެ ފަރާތުން މި ކަމަށް އެކަށީގެންވާ އިޖާބައެއް ލިބިވަޑައި ނުގަތުމުގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލަން އެބައިމީހުން ދިޔައީ ރާވަމުންނެވެ. އެ ހިނދު اللهގެ އަމުރުފުޅަށް މައްކާ ދޫކުރައްވައި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވިއެވެ. އެ ހިސާބުން ފެށިގެން، ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅިގެން ދިޔައެވެ. 

މުސްލިމް އަޚުންނޭވެ! ކަންކަމުގައި اللهއަށް ވަކީލުކުރާން ޖެހޭކަމީ، ހިޖުރައިގެ މި މަތިވެރި ޙާދިޘާއިން އަޅަމެންނަށް ލިބޭ އެންމެ މުހިންމު އެއް ފިލާވަޅެވެ. اللهއަށް ވަކީލުކުރުމަކީ، އެއްވެސް ޙާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުމެއް ނޫނެވެ. ވަކީލުކުރުމަކީ، ކަންކަން ކުރުމަށްޓަކައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، اللهގެ ޙަޟުރަތުން ރައްކާތެރިކަން ލިބޭނޭކަމަށް ޔަޤީންކޮށްގެން ތިބުމެވެ. 

މުސްލިމް އަޚުންނޭވެ! الله سُبْحَانَهُ وَتَعَالَى އެކަލާނގެ އަޅުތަކުންނަށްޓަކައި ހެޔޮ ޢަމަލުކުރުމުގެ ދުވަސްތައް އަހަރުގެ ތެރޭގައި ލައްވައިފައިވެއެވެ. މި ގޮތުން މުޙައްރަމު މަހުގެ ދިހަ ވަނަ ދުވަހަކީ އެފަދަ ދުވަހެކެވެ. އެއީ އާޝޫރާ ދުވަހެވެ. ޢާޝޫރާ  ދުވަހު  ރޯދަ  ހިފުން  ސުންނަތް ވެގެންވެއެވެ.  މާތް ނަބިއްޔާ  z މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު ޢާޝޫރާ ދުވަހު ރޯދަ ހިފުމަށް މުސްލިމުންނަށް އަމުރު ކުރެއްވިއެވެ. އަލްއިމާމު އިބްނުލް ޤައްޔިމު رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ. "އެދުވަހުގެ ކުރިން އެއް ދުވަހު ނުވަތަ ފަހުން އެއް ދުވަހު ރޯދަހިފުން ސުންނަތް ވެގެންވެއެވެ." ވީމާ، މިސުންނަތް ޙާޞިލުކުރާން އެދޭ މީހާއަށް އޮތީ، މުޙައްރަމް މަހުގެ ދިހަވަނަ ދުވަހާއި، އެ ދުވަހުގެ ކުރީން ނުވަތަ ފަހުން އެއް ދުވަހު ރޯދަހިފުމެވެ. މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (صِيَامُ يَوْمِ عَاشُوْرَاء، إِنِّيْ أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِيْ قَبْلَهُ)[6] މާނައީ: "ޢާޝޫރާ ދުވަހުގެ ރޯދައަކީ، ފާއިތުވެ ދިޔައަހަރު ކުރެވިފައިވާ ކުދި ފާފަތަކުގެ ކައްފާރާއެއްކަމުގައި ލެއްވުމަށް ތިމަންކަލޭފާނު އުންމީދު ކުރައްވަމެވެ." މިފަދަ މާތް ދުވަސްތަކުގައި ރޯދަހިފުމަށް ދަހިވެތިވާ ބަޔެއްކަމުގައި الله سُبْحَانَهُ وَتَعَالَى އަޅަމެން އެންމެން ލައްވާނދޭވެ! އަދި އެ ދުވަސްތަކުގައި ރޯދަހިފުމުގެ ހެޔޮ ދަރުމަޔާއި ޘަވާބު އަޅަމެންނަށް މިންވަރުކުރައްވާނދޭވެ! އާމީން.

މިއަދު އޮންލައިން