އިމާރާތްތައް ފޮޅާ ސާފު ކުރުމުގެ ޚިދުމަތްދޭން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ތައްޔާރުވެއްޖެއެވެ.
މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް ވާހަކަދައްކަވަމުން ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލްކަރީމް ވިދާޅުވީ އިމާރާތްތައް ފޮޅާ ސާފު ކުރުމުގެ ޚިދުމަތް ދިނުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ބުނަން ކުނި އުކުމުގެ ޚިދުމަތަކަށް ތިހާ ފައިސާއެއް ނުދެޔޭ. އެހެންވެ މި ދެ ޚިދުމަތް އެއްކޮށްފައި ސަރުކާރު އޮފީސްތަކަށް ޚާއްސަކޮށްގެން ފަށާ ޕްރޮގްރާމުގައި ބައެއް ބޭފުޅުންނާއި މަޝްވަރާ ކުރަމުން މިހާރު ދަނީ. އަދި އެ ޚިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ވަމުން. އަޅުގަނޑުމެންނަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވުމުން ބިޑިންގއެއް ނޯންނާނެ" މުހައްމަދު އަބްދުލްކަރީމް ވިދާޅުވިއެވެ.
މި ޚިދުމަތް ރަސްމީކޮށް ލޯންޗުކުރުން ވަރަށް އަވަހަށް އިއުލާން ކުރާނެކަމަށާއި ފޮޅާ ސާފުކުރުމުގެ ޚިދުމަތްދޭ މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމުތައް ވެސް މިހާރު ފަށާފައިވާކަމަށް މުހައްމަދު އަބްދުލްކަރީމް ވިދާޅުވިއެވެ.