ޢަލީ އިޙްޞާން ފިޜާޤް
أبو أيّوب الأنصاري رضى اللّـه عنــه
މާތް ރަސޫލާ صلّى اللّـه عليه وسلّم މައްކާއިން މަދީނާއަށް ހިޖްރައަށް ވަޑައިގަންނަވާ ޚަބަރު މަދީނާގެ މުސްލިމުންނަށް ލިބުނު ފަހުން އެބައިމީހުންގެ ލޮލަށް ހަމަނިދި ނުލިބެއެވެ. އިސްލާމްދީނަށްޓަކައި ޤުރްބާންވެވަޑައިގަންނަވަން ތައްޔާރައްތިއްބެވި އަންޞާރިއްޔަ ބޭކަލުން ކޮންމެ ދުވަހަކު އިރުއޮއްސިއްޖެއުމަށް ދާންދެން މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އެކަލޭގެފާނުގެ މިތުރު އަބޫބަކުރުގެފާނު ވަޑައިގަންނަވާތޯ ބެއްލެވުމަށް މަދީނާގެ ރައްބޭރަށް ނުކުމެވަޑައިގެން ތިއްބަވައެވެ.
މިގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް އެންމެ ފަހުން އިންތިޒާރު ކުރެވެމުން ދިޔަ ވަގުތު އައިސް ޖެހިއްޖެއެވެ. ރަޙްމަތާއި ބަރަކާތާއެކު އިސްލާމްދީނުގެ މަތިވެރި ނަބިއްޔާ މަދީނާއަށް ވަޑައިގެންފިއެވެ. މަދީނާގެ ކުދިބޮޑު އެންމެންގެ މޫނުމަތި ވަނީ އުފަލުން ފޮޅިފައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަންޞާރުންގެ ގެތަކުގެ ކައިރި ވަޑައިގަންނަވަން ފެއްޓެވުމުން އެބޭކަލުން ވަޑައިގެން ރަސޫލާ صلّى اللّـه عليه وسلّم ގެ ޖަމަލުގެ ލަގަނުގައި ހިއްޕަވައިފައި ދަންނަވައެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑުމެންގެއަށް ފައިބައިވަޑައިގަންނަވާށެވެ. އެކަމުގެ ބަރަކާތަށް އެދިތިބީމުއެވެ.]
މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ޖަމަލުގެ ލަގަން ވައުފަށުން ދޫކޮށްލާށެވެ. އެއީ އަމުރުވެވިގެންވާ އެއްޗެކެވެ. އޭތި ބަނޑުޖަހާނީ މާތްﷲ އެދިވޮޑިގެންވާ ގެއެއްގެ ކުރި މަތީގައެވެ.]
އެންމެ ފަހުން ޖަމަލު ގޮސް ދެބުރިއަށް ހަދައިފައިވާ ގެއެއްގެ ކައިރީގައި ބަނޑު ޖަހައިފިއެވެ. އެވަގުތު އެގޭގެ ވެރިމީހާ އަވަސްއަވަހަށް އެތަނަށް ވަޑައިގެންފިއެވެ. ލަސްތަކެއް ނުކުރައްވާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ފޮށިތަންމަތި އެގެއަށް ގެންގޮސް ވައްދަވައިފިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ހަތް މަސްދުވަސް ވަންދެން އެގޭގައި ހުންނެވިއެވެ. މަސްޖިދުއް ނަބަވީ އާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅު ހައްދަވާ ނިމެންދެން މާތް ރަސޫލާ ހުންނެވީ صلّى اللّـه عليه وسلّم މިދެންނެވި ބާއްޖެވެރި ޞަޙާބީގެ މެހެމާނެއްގެ ގޮތުގައެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ވަޑައިގެންނެވުމުން މެހެމާންދާރީ އަދާކުރުމުގެ މަތިވެރި ޝަރަފު ލިބިވަޑައިގެންނެވި ބާއްޖަވެރި ޞަޙާބީއަކީ އަބޫއައްޔޫބު އަލްއަންޞާރީ ރަޟިޔަﷲ ޢަންހުއެވެ.
- ޢަލީ އިޙްޞާން ފިރާޤް