ކަންފަތަށް ބަންގީގެ އަޑު އިވުނަސް ނީވޭ މީހުން ގިނަވެއްޖެއެވެ. ވަރަށް ގިނަވެއްޖެއެވެ. ވީމާ އެކަމުގެ މައްޗަށް ތަންކޮޅެއް ތަފްޞީލުކޮށް ބަލައިލަމާ ހިނގާށެވެ!
ކަންފަތަށް ބަންގީގެ އަޑުއިވުނަސް ނުއިވޭ މީހުންކަމަށް ޢިލްމުވެރިން ބަޔާންކުރައްވަނީ ބަންގީގެ އަޑަށް ޢިޖާބަނުދޭމީހުންނެވެ. އެއީ ވަގުތުން ނުވަތަ ވީހާއަވަހަކަށް ނަމާދުނުކުރާ މީހުންނެވެ. ބައެއް ޢިލްމްވެރިން ވިދާޅުވާ ގޮތުގައި ބަންގީގެ އަޑުއިވުމަކީ ހަމައެކަނި ތާޅަފިލިން ބަންގިގޮވާއަޑު އުވުމެއްވެސް ނޫނެވެ. އެއިގެ ތެރޭގައި ނަމާދުވަގުތު ޖެހިއްޖެކަން އެނގުންވެސް ހިމެނެއެވެ.
މިޒަމާނުގައި ހުރި ލުއިފަސޭހަތަކަށް ބަލާނަމަ ނަމާދުކުރަން ޝައުޤުވެރިވާ ކޮންމެ މީހަކަށްވެސް ވަގުތު ޖެހުމުން އެކަން ދަނެގަނެވޭނެއެވެ. އެއީ އެކަމަށް ތިމާއަށް ސަމާލުކަން ނުދެވުނަސް ގެންގުޅޭ ފޯނުންވެސް އެކަން ބުނެދޭނެތީއެވެ. ނަމާދު ވަޤުތު ޖެހިއްޖެކަން ފޯނުންވެސް އަންގައިދޭނެތީއެވެ.
ވީމާ ކަންފަތަށް އަޑުއިވޭޙާލު ބީރު މީހަކަށް ނުވާށެވެ! ނަމާދުގެ ވަޤުތު ޖެހުމުގެ 10 ވަރަކަށް މިނިޓްކުރިން ފޯނުން އެލާމް ނުވަތަ ސޯނާ ނުވަތަ މެސެޖް ލިބިގަންނާށެވެ! ވަޤުތު ޖެހޭއިރު މިސްކިތުގައި ހުންނަން މަސައްކަތްކުރާށެވެ! ވަޤުތު ޖެހުމުން ޥީހާ އަވަހަކަށް ގޭގައި ނަމާދުކުރަން އަންހެނުން އަވަސްވެގަންނާށެވެ! ނަމާދުކުރަން ނުވަތަ ނަމާދަށް ލޯބިކުރުމަކީ އެއީއެވެ.
ބަންގީގެ އަޑު ނުއިވޭ މީހަކަށްވެގެން މިއަދު އުޅެވިދާނެއެވެ. ކޮންމެ މީހަކަށްވެސް އެގޮތް އިޚްތިޔާރުކުރެވިދާނެއެވެ. ވިސްނާލަންވީ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ނިކަމެތިޙާލުގައި ހުއްޓިހުންނަންޖެހޭ ވަޤުތު ތިމާ ދަންނަވާ އާދޭސްތަކުގެ އަޑު ﷲ ތަޢާލާ އައްސަވައިވޮޑިނުގެންފިނަމަ ތިމާއަށް ކުރިމަތިވާނެ ނިކަމެތި ޙާލަށެވެ. ނަރަކައަށް ވަންނަންޖެހޭނެ ކަމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން