އަނބިދަރިންނާ ޢާއިލާއާ އަދި މީސްތަކުންގެވެސް ލޯތްބާ ތާއީދު ހޯދޭނީ ލޯތްބާއި އަޅާލުންދީ ރަޙުމްކުރި ވަރަކުން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
އަނބިދަރިންނާ ޢާއިލާއާ އަދި މީސްތަކުންގެވެސް ލޯތްބާ ތާއީދު ހޯދޭނީ ލޯތްބާއި އަޅާލުންދީ ރަޙުމްކުރި ވަރަކުން-!

ތިމާއަށް ލިބިފައިވާ ބާރު ދައްކާލަން ބޭނުންވާ ބައަކު އުޅެއެވެ. އެމީހުންނަށް ނުފޫޒުފޯރުވައި އެމީހުންގެ މައްޗަށް ބާރުގަދަވެގަނެ ތިމާއަކީ އެންމެ ބާރު ގަދަ މީހާކަން ދެއްކުމަށެވެ. އެފަދަ މީހުން އަބަދުވެސް ބޭނުންވާނީ އެހެން އެންމެން އެމީހަކަށް ބޯލަނބައި ކިޔަމަންވާން ޖެހޭ ހާލަތުގައި ކަންކަން ބަހައްޓާށެވެ!

މިއީ ވަރަށް ނުބައި ސިފައެކެވެ. އެހެންކަމުން މިއީ މުސްލިމުންގެ ކިބައިގައި އެއްވެސް މިންވަރަކަށް ހުރެގެންވާނެ ސިފަތަކެއް ނޫނެވެ. މުސްލިމުން ވާން ޖެހޭނީ އެންމެ އޯގާތެރި، އެންމެ ރަޙްމްކުރާ މީހުންނަށެވެ.

އަނިޔާވެރިންގެ މައްޗަށް އޯގާތެރިން އަބަދުވެސް ކުރި ހޯދާކަން ދުނިޔޭގެ ކަންކޮޅުތކުން އަބަދުވެސް ދަނީ ފެންނަމުންނެވެ. އިސްލާމީ ތާރީޚަށް ބެލި ނަމަވެސް އެންމެ މަތިވެރި މަޤާމެއް ހޯއްދަވާފައިވަނީ މީސްތަކުންނަށް އެންމެ ބޮޑަށް އޯގާތެރިވެލެއްވެވި ބޭކަލުންނެވެ. މިއަދަށް ބެލިނަމަވެސް ކާފިރުންވެސް ގެންދަނީ އެބޭކަލުންނަށް ތަޢްރީފްކުރަމުންނެވެ.

އެބޭކަލުންގެ ޤަދަރު އެވަރަށް އުފުލިގެން ދިއައީ ފައިސާގެ ގޮތުން އެއްވެސް ބުރަދަނެއް ނެތް ފަޤީރު ޙާލުކޮޅުގައެވެ. އަދި އެބޭކަލުން ވެވަޑައިގެންފައިވަނީ އެބޭކަލުންގެ އަތްޕުޅުގައި ހުރިނަމަ ހުރި ތަނަވަސްކަމެއްވެސް ﷲ ތަޢާލާގެ މަގުގައި ޤުރްބާން ކުރެއްވެވި ބޭކަލުންނަށެވެ. އެބޭކަލުންނަށް ﷲ ތަޢާލާ ދެއްވެވި އާރާއި ބާރު އެންމެ ޢަދުލުވެރިކަމާއިއެކު ބޭނުންފުޅު ކުރެއްވެވި ބޭކަލުންނަށެވެ.

އަމިއްލަ ޢާއިލާގެ ވިޔަސް، އަނބިދަރީންގެ ވިޔަސް އަދި މީސްތަކުންގެ ކަމަށްވިޔަސް ތާއީދާއި ލޯބި ހޯދަން ބޭނުންނަމަ ރަޙުމާއި ކުލުނާއި ލޯބި އިސްކުރާށެވެ. ތިބާގެ މޫނު އުޖާލާކުރަން އެއަށްވުރެ ފުރިހަމަ ގޮތެއް ނެތެވެ.

ވީމާ އަމިއްލަ އަނބިދަރިންގެ މައްޗަށްނަމަވެސް ޢާއިލާއަށް ނަމަވެސް ބާރުވެރިވާން މަސައްކަތް ނުކުރާށެވެ! އެކަމުގެ ސަބަބުން ޢާއިލާގެ ތެރެއިންވެސް ކުރިމަތިވާނީ ނަފްރަތެވެ. ރުޅިވެރިކަމެވެ. އެއިގެ ބަދަލުގައި ހަމަ ކުރިން މިބުނި ފަދައިން ރަޙުމާއި ކުލުނާއި އޯގާތެރިކަމާއި ލޯބިދިނުން އިސްކުރާށެވެ! އެކަމުގެ ސަބަބުން އެމީހެއްގެ ޤަދަރު ޢާއިލާގައި އުފުލިގެންދާނެއެވެ. އިން ޝާ ﷲ.

އަދި ކީއްހެއްޔެވެ؟ އަމިއްލަ ޢާއިލާއަށް ނަމަވެސް އެހެން ބައެއްގެ މައްޗަށް ނަމަވެސް ބާރު ހިންގަން އުޅޭ މީހާ އެކަމުގެ ރަހަ ދެކޭނެއެވެ. ވަރަށް ހިތިކޮށެވެ. ވަރަށް ހިތާމަވެރިކޮށެވެ! މިކަންކަން ދުނިޔޭގެ ތާރީޚުން އެނގޭނެއެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން