މައްސަލަތައް އުފެދެނީ ކުރެވޭ އަޅުކަމުގެ ޢަދަދުބެލުމާއި ކުރެވޭ ފާފަތަކުގައި މިން އަޅައި ކުޑަބޮޑު ބަލަންފެށުމުންނެވެ. ރަނގަޅަށް ވިސްނާށެވެ! މި ބުނި 2 ކަންތައް ކުރާ މީހަކު އެހުރީ ފޭލްވެފައެވެ. ސުވަރުގެ ލިބުމާއި ދުރަށް ޖެހެވިފައެވެ. ވީމާ އެއީ ކުރަން ވަރަށް ނުރައްކާތެރި 2 ކަންތަކެވެ.
ކުރެވޭ އަޅުކަމުގެ ޢަދަދު ބެލުން ކަމަށް މިބުނަނީ ކުރާ ފަރުޟުނަމާދުތަކާއި ސުންނަތް ނަމާދުތައް ފަދަ ކަންކަމުގެ ޢަދަދު ބެލުމަކަށް ނޫނެވެ. އެކަންކަން ފުރިހަމައަށް ކުރެވޭކަން އެނގޭނީވެސް ޢަދަދު ބަލައިގެންނެވެ. ނަމަވެސް މިބުނަނީ މިއަދުވެސް މިހައި ގިނަ އަޅުކަންކޮށްފިން ކަމަށްޤަބޫލުކޮށް ހިތްހަމަޖައްސައިލާ މީހުންގެ ވާހަކައެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ފަރުޞު 5 ނަމާދުކޮށްލައި ރަމަޟާން މަހު ރޯދަ ހިފޭނަމަ ޤަބޫލުކުރެވުނީ އެއޮތީ ހުރިހާ އަޅުމެއް ފުރިހަމަކުރެވިފައި ކަމަށެވެ. ނަމަވެސް އެއީ ހަމަ މުޅިން ނުބައި ވިސްނުމެކެވެ. ކުށް ހީއެކެވެ.
ފުރިހަމައަށް އީމާން ވެވިއްޖެނަމަ ސުވަރުގެ ވަދެވެންދެން ވެސް އުޅޭނީ ކުރެވޭ އަޅުކަން މަދުވެގެންނެވެ. ކިތަންމެ ގިނަ އަޅުކަން ކުރެވުނު ނަމަވެސް ހިތެއް ނުފުރޭނެއެވެ.
އަހަރެމެން ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުލު ކުރެއްވވިކަން މިދުނިޔޭގައި ހުއްޓައި އެނގޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެންމެ އަވަހަށްވެސް އެނގޭނީ މަރުވުމުންނެވެ. މަރުގެ މަލާއިކަތާ ފުރާނަ ހިއްޕަވަން ވަޑައިގަތުމުންނެވެ. އެހެންކަމަށްވާއިރު ފުދޭވަރަށް އަޅކަން ކުރެވިއްޖެ ކަމަސް ބަލައި ނިންމައިލާނީ ކިހިނަކުން ހެއްޔެވެ؟
Prophet Muhammad (ﷺ) said,
"A believer never satisfies doing good until he reaches Jannah."
At- Tirmidhi, Book 13, Hadith 1386
މީސްތކުންނޭވެ! އަޅުކަން ކުރުމަކީ ހަށިގަނޑުގައި ނޭވާ ހިނގާހައި ހިނދަކު ހުއްޓައިލެވެން އޮތް ކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ގަދަ އަޅައި މަސައްކަތް ކުރަންވީ ވީހައިވެސް ގިނައިން އަޅުކަން ކުރެވޭތޯއެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބުން ވަނީ އެއިރުންނެވެ. މިބަޔާންކުރި ޙަދީޘްފުޅުން މިކަންކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. ޙަދީޘްފުޅުގައި އެއޮތީ އީމާންވެގެން ހުރި މީހަކުނަމަ ސުވަރުގެ ވަދެވެންދެން އޭނާގެ ހިތް ނުފުރޭނެކަމަށެވެ. ހެޔޮ ޢަމަލުތައް ކުރުން ހުއްޓައިނުލާނެ ކަމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން