ތިބާ ކުރަން މަސައްކަތްކުރާ ކަމެއް ޙާޞިލުނުކުރެވޭނެކަމަށް މީހަކު ބުނާތީ މާޔޫސްނުވާތި! އެކަން ވަކީލުކުރަން އޮތީ ﷲ ތަޢާލާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ތިބާ ކުރަން މަސައްކަތްކުރާ ކަމެއް ޙާޞިލުނުކުރެވޭނެކަމަށް މީހަކު ބުނާތީ މާޔޫސްނުވާތި! އެކަން ވަކީލުކުރަން އޮތީ ﷲ ތަޢާލާއަށް!

ބައެއް މީހުން އެންމެ ބޮޑަށް މާޔޫސްވާ އެއްކަމަކީ އެމީހަކު ކުރަން މަސައްކަތްކުރާ ކަމެއް އެމީހަކަށް ޙާޞިލުނުކުރެވޭނެކަމަށް ކޮންމެވެސް މީހަކު ނުވަތަ ބައަކު ބުނުމެވެ. އެފަދަ ބަހެއް ބުނާތީ މާޔޫސްވުމެއް ނެތެވެ. ކަންބޮޑުވުމެއްވެސް ނެތެވެ.  

އެމީހަކާއި ސުވާލުކޮށްލާށެވެ! ތިމާއަށް އެކަން ޙާޞިލުނުކުރެވޭނެކަން އޭނާއަށް އެނގުނު ގޮތަކާއިމެދުގައެވެ. އެހެނީ މީސްތަކުންނަށް ކަންކަން މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ. އެކަމުގެ ބާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އަދި އެއްވެސް މީހަކަށް ޙާޞިލް ނުކުރެވޭނެ ކަންކަމާއި ޙާޞިލްކުރެވޭނެ ކަންކަން އެނގޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ.  

ކުރަން އުޅޭ ބައެއް ކަންކަން ނުކުރެވިދެއެވެ. އެހެން އެވަނީ ކިތަންމެ ބޮޑު ބާރުވެރިއެއްނަމަވެސް، އަދި ކިތަންމެ ތަނަވަސް މީހެއް ނަމަވެސް އެއްވެސް މީހަކު ކުރަން ބޭނުންވާ ހުރިހާ ކަމެއް ދުނިޔޭގައި ޙާޞިލްނުކުރެވޭނެތީއެވެ. 

އަދި ކުރަން މަސައްކަތްކުރާ ބައެއް ކަންކަން ކުރެވުން ލަސްވެސްވެއެވެ. އެއީވެސް ﷲ ތަޢާލާ އެކަން ނިންމަވާފައިވާ ގޮތެވެ. ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ އެކަމެއް ވުމަށް ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ ވަގުތުޖެހުމުންނެވެ. ވަކީލްކުރުން މިކިޔަނީ މިބުނި ކަންކަން އެގޮތަށް ޤަބޫލުކުރުމަށެވެ.

އެހެން މީހުން ތިބާ އާއިމެދު ބުނާ ބަސްތަކަށާއި ކުރާ ކަންކަމަށް ކަންބޮޑުނުވާށެވެ! އެހެނީ އެއީ އޭނާ ބުނާ ބަސްތަކެކެވެ. އޭނާ އެހާމަކުރަނީ އޭނާގެ ވިސްނުމެވެ. އެއްވެސް މީހަކަށް ޙާޞިލުކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ.  

ވީމާ މީހުން ކިޔާ އެއްޗަކަށް ބަލައި ތިމާ ދެކެން ބޭނުންވާ ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތަށް ދޫނުދޭށެވެ! ތިބާ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރުމުގެ ޙައްޤު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ވީމާ ފުރުޞަތު ދޫކޮށްނުލާށެވެ! 

ﷲ ތަޢާލާއަށް ވަކީލުކުރުމާއިއެކު ކުރިއަށްދާށެވެ! އެކަމަކީ ތިބާއަށް އެކަމަކުން ފައިދާކުރާނެ ކަމެއްނަމަ އެކަން މިންވަރުކުރައްވަވާނެތެވެ. ޙާޞިލުނުކުރެވޭ ކަންކަމަކީ އެކަމެއް ޙާޞިލުކުރެވުމުން ތިމާއަށް ލިބޭނެ ގެއްލުމަކުން ސަލާމަތްކުރެއްވެވުމަށްޓަކައި މިންވަރު ނުކުރެއްވެވި ކަންކަން ކަމުގައި ޤަބޫލުކުރާށެވެ! އުފަލުގައި ދުނިޔޭގައި އުޅެވޭނީ އެއިރުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން