ލޮބުވެތި ކަނބަލުންނަށް ހަނދުމަކޮށްދިނުމެއް!: ބައަކު ތިބާ ކަފުންކޮށް މޫނާއެކު މުޅި ހަށިގަނޑު ނިވާކުރުމުގެ ކުރިން ﷲ ތަޢާލާ އެންގެވި ފަދައިން ނިވާވެގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ލޮބުވެތި ކަނބަލުންނަށް ހަނދުމަކޮށްދިނުމެއް!: ބައަކު ތިބާ ކަފުންކޮށް މޫނާއެކު މުޅި ހަށިގަނޑު ނިވާކުރުމުގެ ކުރިން ﷲ ތަޢާލާ އެންގެވި ފަދައިން ނިވާވެގަންނާށެވެ!

ބައެއް އަންހެނުން ބުރުގާ އަޅައި ނިވާނުވަން ބަހަނާއަކަށް ދައްކަނީ ކޮންމެވެސް ޢިލްމްވެރިއަކު ވިދާޅުވާ ބަސްފުޅެކެވެ. ވިސްނާލަން އޮތް ކަމަކީ އަންހެނުންގެ އަޢުރަ ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ކަމެވެ. އަދި އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅުކަމާއި ﷲ ތަޢާލާ ކަމެއް ވަކި ގޮތަކަށް ކުރަން އެންގެވުމުން އެކަން ބަދަލުކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމެވެ.  

ލޮބުވެތި ކަނބަލުންނޭވެ! މަރު އައިސް ބައްދަލުކުރާނީ ކޮން ވަޤުތަކުކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގެ ފުރުޞަތާއި ތައުބާވުމުގެ ފުރުޞަތާއި ހެޔޮ ޢަމަލުތައް ކުރުމުގެ ފުރުޞަތު މީސްތަކުންނަށް އޮތީ ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތުން ތިމާގެ ލޮލަށް ފެނުމުގެ ކުރިންނެވެ. އެހިސާބުން ހުރިހާ ފުރުޞަތެއް ގެއްލިގެންދެއެވެ.  

ވީމާ ހޭލުންތެރިވާށެވެ! ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވާށެވެ! ހެޔޮލަފާ، ތަޤްވާވެރި މުސްލިމެއްގެ ގޮތުގައި ނޫނީ މަރުނުވަން ޢަޒުމް ކަނޑައަޅައި އެކަމަށް މަސައްކަތްކުރަމުން ގެންދާށެވެ! ނުކިޔަމަންތެރިވެފައި ޤިޔާމަތް ދުވަހު ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. ކޮންމެ މީހަކަށްވެސް ޖެހޭނީ އެމީހަކު ކުރި ކަންކަމުގެ ޒިންމާ އުފުލާށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ބައެއް އަންހެނުން އުމުރުން ދުވަސްވުމުން ނުވަތަ ފަހުގެ ތާރީޚެއްގައި އަޢުރަ ނިވާކުރަން މަޑުކުރަމުން ދަނިކޮށް އެކަން ނުކުރެވި އުޅެނިކޮށް އެބަ ދުނިޔެ ދޫކުރަން ޖެހެއެވެ. އެފަދަ ވިސްނުމުގައި މަޑުކުރަމުންދާ އަންހެނުން ވިސްނައިލާށެވެ!

ތިބާއަކީ ޝަހާދަތް ކިޔައި ﷲ ތަޢާލާއަށް އިމާންވެގެން ހުރި މުސްލިމެއް ނަމަ ދުނިޔޭގައި ތިބާ އަޢުރަ ނިވާނުކުރި ނަމަވެސް ވަޅުލެވޭނީ މޫނުވެސް ނިވާކުރެވިގެންނެވެ. އެކަންކުރީ ތިބާކަމަށްނުވުމުން އެކަމުން ތިބާއަށް އެއްވެސް ހެޔޮކަމެއް ނެތެވެ. ހެޔޮކަންވަނީ އެކަންކުރި ބައަކަށެވެ.  

 

އެކަން ކުރެވިގެންދާނީ ތިބާގެ އެއްވެސް ބާރެއް އަދި އިޚްތިޔާރެއްވެސް ނެތިއެވެ. ކަފުންކޮށް ނިމޭއިރު މޫނާއި ދެއަތްތިލަވެސް އޮންނާނީ ނިވާކުރެވިފައެވެ! މުޅި ހަށިގަނޑު އޮންނާނީ ނިވާ ކުރެވިފައެވެ. ނަމަވެސް ތިބާއަށް ހުރިހާ ބާރުތަކެއް ލިބިގެން ދުނިޔޭގައި އުޅުނުއިރު ﷲ ތަޢާލާގެ އާޔަތްތަކަށް ނުކިޔަމަންތެރިވެފައިވާނަމަ ކުރާ ކަފުނަކުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟  

ލޮބުވެތި ކަނބަލުންނޭވެ! ބައަކު ތިބާ ކަފުންކޮށް މުޅި ހަށިގަނޑު ނިވާކުރުމުގެ ކުރިން ﷲ ތަޢާލާ އެންގެވި ފަދައިން ނިވާވެގަންނާށެވެ! މަރާއިމެދު ބިރުވެތިވާށެވެ! މަރުވެދާނެ ވަގުތަކާއިމެދު ބިރުވެތިވާށެވެ! ނަރަކައިގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވުމަކީ އެއީ އެވެ. ނަރައިން ސަލާމަތް ވެވޭނީ ނަރަކައިގެ ގަދަފަދަ ޢަޛާބަށް ބިރުވެތިވެވިގެންނެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން