ތާޅަފިލި ފުމެވޭ ވަޤުތު ކަންތައްތައް ވެގެންދާނެ ގޮތް-: ޝައިޚް މުޙައްމަދު ޣާލިބް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 48ސ
ތާޅަފިލި ފުމެވޭ ވަޤުތު ކަންތައްތައް ވެގެންދާނެ ގޮތް-: ޝައިޚް މުޙައްމަދު ޣާލިބް

ޤިޔާމަތުގެ ވަގުތު ޖެހި ތާޅަފިލި ފުމެވޭހިނދު ކަންތައް ވެގެންދާނީ ކިހިނެއްތޯ؟ 

އިސްރާފީލް ޢަލައިހިއް ސަލާމް ފެނި ވަޑައިގެންނެވުމުން، ދުނިޔެއަށްވާ އެންމެހާ އެދުންތައް އެއްކޮށް ނެތި ފިލައިގެން ގޮސްފައިވަނީ ކީއްވެގެންތޯ؟ ތާޅަފިލި ފުމެވޭނީ ކޮން ދުވަހެއްގައިތޯ؟ އާދެ މިވަގުތު އަޅގަނޑުމެން ބަލާލާނީ މި ސުވާލުތަކުގެ ޖަވާބުތަކަށް. 

އާދެ ޤިޔާމަތްދުވަހުގެ ތާޅަފިލި ފުމެލެއްވުމުގެ މައްސޫލިއްޔަތު ﷲ ސުބުޙާނަހޫ ވަތަޢާލާ ހަވާލު ކުރައްވާފައިވަނީ އިސްރާފީލް ޢަލައިހިއް ސަލާމްއާ. އާދެ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިސްރާފީލް ޢަލައިހިއް ސަލާމް، ފެނިވަޑައިގެންނެވުމުން، ދުނިޔެއަށްވާ އެންމެހާ އެދުންތަކެއް އެއްކޮށް ނެތި ފިލައިގެން ދިޔަ. އެގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އިސްރާފީލް ޢަލައިހިއް ސަލާމް ފެނިވަޑައިގެން އެ މަންޒަރު ސިފަކުރައްވަމުން ޙަދީޘް ކުރައްވާފައިވަނީ (އަރަބި) " ތާޅަފިލި ހަވާލު ކުރެވިގެންވާ މަލާއިކަތާއަށް އެކަން ހަވާލު ކުރެވުނީއްސުރެ އެސްފިޔަ ޖަހާނުލާ ނަޒަރު ހުއްޓިފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަރުޝިއަށެވެ." (އަރަބި) " އެހެނީ އެކަލޭގެފާނު ބިރުވެތިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ތާޅަފިލި ފުމެލެއްވުމަށް ޢަމުރު ކުރައްވާ ހިނދު، ނަޒަރު ސީދާ ކޮށްލާ ބަލައިލާނެ ވަޤުތުވެސް ނުލިބިދާނެތީއެވެ. އެހެންކަމުން ތާޅަފިލި ފުމެލެއްވުމުގެ މައްސޫލިއްޔަތު ހަވާލު ކުރެވުނީއްސުރެ އެކަމުގެ އަމުރު ކޮންމެ ވަޤުތެއްގައިވެސް އަތުވެދާނެކަމަށްޓަކައި ތައްޔާރަށް ނަޒަރު ޢަރުޝިއަށް ސީދާ ކޮށްގެންވާޙާލު ހުށިޔާރަށް، އެސްފިޔަ ޖަހާލަންވެސް ބިރުވެތިވާޙާލު އެކަލޭގެފާނު ހުންނަވަނީ." (އަރަބި) " އަދި އެކަލޭގެފާނުންގެ ދެލޯ ހީވަނީ ވިދަވިދާ ހުރި އަލިގަދަ ދެ ތަރި ހެންނެވެ." 

އާދެ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެ މަންޒަރު ފެނިވަޑައިގެންނެވުމުން، މި ދުނިޔެއަށްވާ އެންމެހާ އެދުންތަކެއް ވަނީ ނެތިގެން ގޮސްފަ. އެހެންވެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ (އަރަބި) " ކިހިނެއްތޯއޭ ތިމަންކަލޭގެފާނު މި ދުނިޔޭގެ ލައްޒަތުތައް ޙާޞިލް ކުރާނީ،

ކިހިނެއްތޯއޭ ތިމަންކަލޭގެފާނު މި ދުނިޔޭގަ މަޖާ ކުރާނީ." (އަރަބި) " އިސްރާފީލް ޢަލައިހިއް ސަލާމް ހުންނެވީ އެކަލޭގެފާނުގެ ތުންފަތުގައި އެ ތާޅަފިލި ޖައްސަވައިގެންނެވެ." (އަރަބި) " އަދި އެކަލޭގެފާނު ހުންނެވީ އިސް އުފުލާ ބައްލަވާށެވެ." (އަރަބި) " އަދި އެކަލޭގެފާނު ހުންނެވީ ކަނުލާ އަޑުއައްސަވާށެވެ." (އަރަބި) " ތާޅަފިލި ފުމެލެއްވުމުގެ އަމުރު އަންނާނެ ވަޤުތެއްގެ އިންތިޒާރުގައޭ އެކަލޭގެފާނު ހުންނެވީ، އަމުރުފުޅު އަންނައިރަށް ވަޤުތުން އެ ތާޅަފިލި ފުމެލެއްވުމަށްޓަކައި." 

އާދެ އިސްރާފީލް ޢަލައިހިއް ސަލާމް މިހާރުވެސް ހުންނެވީ ތައްޔާރަށް. އެހެންކަމުން ސުވާލަކީ ކޮން ދުވަހެއްގަތޯއޭ ތާޅަފިލި ފުމެލެވޭނީ؟ 

އާދެ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ (އަރަބި) " ތިމަންކަލޭގެފާނަށް ދުވަސްތައް ދެއްކެވުނެވެ." (އަރަބި) " އަދި އޭގެތެރެއިން ހުކުރު ދުވަސްވެސް ތިމަންކަލޭގެފާނަށް ދެއްކެވުނެވެ." (އަރަބި) " އަދި ހުކުރު ދުވަހަކީ ސާފު ރީތި މޫނުބަލާ ރީތި ލޯގަނޑެއް ފަދައިން ވާތީ ތިމަންކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ." (އަރަބި) " ނަމަވެސް އެ ލޯގަނޑުގެ މެދުގައި ކަޅުކުލައިގެ ތިއްކެއް ވާތީ ތިމަންކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ." (އަރަބި) " އެހިނދު ތިމަންކަލޭގެފާނު ދެންނެވީމޭ މިއީ ކޮން އެއްޗެއްތޯއޭ؟" (އަރަބި) " އެހިނދު ތިމަންކަލޭގެފާނަށް ދެންނެވުނެވެ، ތީ ޤިޔާމަތް ޤާއިމް ވާނެ ވަޤުތެވެ." 

އާދެ، ތާޅާފިލި ފުމެލެއްވޭނީ ހުކުރު ދުވަހެއްގައިކަން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިވަނީ އަޅުގަނޑުމެންނަށް އަންގަވާދެއްވާފަ.  އެހެން ޙަދީޘްއެއްގައި ރަސޫލާ ޞައްލަﷲ ޢަލައިހި  ވަސައްލަމަ އަޅުގަނޑުމެންނަށް ބަޔާން ކޮށްދެއްވާފަވަނީ (އަރަބި) " އިރުއަރާ އެންމެ ހެޔޮވެގެންވާ ދުވަހަކީ ހުކުރު ދުވަހެވެ." (އަރަބި) " ޢާދަމް ޢަލައިހިއްސަލާމް އުފެދުނީ އެދުވަހުއެވެ." (އަރަބި) " އަދި އެކަލޭގެފާނު ބިމަށް ފައިބާ ވަޑައިގަންނަވާފަ ވަނީވެސް ހަމަ އެދުވަހުއެވެ." (އަރަބި) " އަދި އެކަލޭގެފާނުގެ ތަޢުބާ އެކަލާންގެ ޤަބޫލު ކުރައްވާފައި ވަނީވެސް ހަމަ އެދުވަހުއެވެ." (އަރަބި) " އަދި އެކަލޭގެފާނު އަވަހާރަވީވެސް ހަމަ އެދުވަހުއެވެ." (އަރަބި) " އަދި ޤިޔާމަތުގެ ވަޤުތު ޖެހޭނީވެސް ހަމަ އެދުވަހުއެވެ." (އަރަބި) " އަދި ހުރިހާ ޖަނަވާރުންތަކެއްވެސް ކޮންމެ ހުކުރު ދުވަހެއްގައި ތިބެނީ ބިރުންނެވެ." (އަރަބި) " ފަތިސް ވީންސުރެ އިރު އެރުމަށް ދާންދެން އެ ބިރުވެރިކަންމަތީގައޭ ތިބެނީ." އެ ކީއްވެގެންތޯ؟ (އަރަބި) " ސަބަބަކީ ހުކުރު ދުވަހަކީ ޤިޔާމަތް ވާނޭ ދުވަސްކަން އެސޮރުމެންވެސް ދަންނާތީ." 

އެ ދުވަހެއްގައި ތާޅަފިލި ފުމެވޭ ދުވަހަކީ އެ ހުކުރުދުވަސް ކަމުގައި ވެދާނެތީއެވެ." (އަރަބި) " އަދި މިކަން ނުދަންނަ ހަމައެކަނި ބަޔަކަށް އުޅެނީ އިންސީންނާއި ޖިންނީންނެވެ." އާދެ މަޚްލޫޤާތުންގެ ތެރެއިން ޣާފިލް ކަމުގެ ތެރޭގައި ނިދާފަ ތިބެނީ އަޅުގަނޑުމެން އިންސާނުން. އަދި އިންސީންނާއި ޖިންނީން ފިޔަވާ އެހެން ހުރިހާ މަޚްލޫޤާތުންތަކެއް ކޮންމެ ހުކުރު ދުވަހަކުވެސް ބިރުން ތިބެނީ، ޤިޔާމަތުގެ ތާޅަފިލި ފުމެވޭ ދުވަހަކީ އެދުވަސް ކަމުގައި ވެދާނެތީވެ.  ނަމަވެސް އަޅުގަނޑުމެން އިންސާނުން މި ތިބެނީ ދުނިޔަވީ ކަންކަމުގައި މަސްއޫލުވެ ބިޒީ ވެފަ. އާދެ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތް ލެއްވި މަދު މީހަކު މެނުވީ، ޤިޔާމަތްދވަހަށް ތައްޔާރުވާން އެއްވެސް މަސައްކަތެއް ނުކުރޭ. 

އާދެ، އަޅުގަނޑުމެންގެ ގިނަ މީހުންގެ ޙާލުގެ ދުލުން ބުނާ ކަހަލަ ޤިޔާމަތުގެ ވަޤުތަކީ އެއީ ދުވަހަކުވެސް އަންނާނެ ވަޤުތެއް ނޫނޭ. އާދެ ޤިޔާމަތުގެ ވަޤުތު ޖެހި ތާޅަފިލި ފުމެވޭނީ މީސްތަކުން މިފަދަ ޙާލެއްގާ ތިއްބާ. 

އާދެ، ތާޅަފިލި ފުމެވޭ ވަޤުތު އަންނާނީ ކުއަލިއަކަށް މީސްތަކުން ނުވިސްނާ ތިއްބާ. އެވަޤުތު ކަންތައް ވެގެންދާނެ ގޮތް ބަޔާންކުރައްވަމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ (އަރަބި) " ޤިޔާމަތުގެ ވަޤުތު އަންނާނީ ދެމީހަކު ވިޔަފާރިއެއްގެ މުޢާމަލާތެއް މަޝްވަރާ ކުރަން ތިއްބައެވެ. އެކަކު ދާނީ އަނެކަކަށް ފޮތިގަނޑެއް ވިއްކަމުންނެވެ. އެހިނދު ޤިޔާމަތް ވާނެއެވެ. އަދި ޤިޔާމަތުގެ ވަޤުތު އަންނާނީ ކުއްލި ގޮތަކަށް ކަމުން އެދެމީހުންނަށް އެ ވިޔަފާރީގެ މުޢާމަލާތް ނިންމާވެސް ނުލެވޭނެއެވެ. އަދި އެ ފޮތިގަނޑު ފަތްޖަހާލާނޭ ވަޤުތެއްވެސް ނުވާނެއެވެ." (އަރަބި) " އަދި ޤިޔާމަތުގެ ވަޤުތު އަންނާނީ، މީހަކު އޭނާގެ ޖަމަލުން ތާޒާ ކިރު ހިފައިގެން ގެއަށް ދިއުމުގެ މަގުމަތީގައި ވަނިކޮށެވެ. އެހެންމަވެސް ޤިޔާމަތުގެ ވަޤުތު އަންނާނީ ކުއްލި ގޮތަކަށްކަމުން އޭނާއަށް އޭގެ ރަހަ ބަލައިލެވޭނެ ވަރެއްވެސް ނުވާނެއެވެ." (އަރަބި) " އަދި ޤިޔާމަތުގެ ވަޤުތު އަންނައިރު މީހަކު އޭނާގެ ކާއެތިކޮޅު އަނގައަށް ލުމަށްޓަކައި އަތް ހިއްލާލާނެއެވެ. ޤިޔާމަތުގެ ވަޤުތު އަންނާނީ ކުއްލި ގޮތަކަށްކަމުން، އޭނާއަށް އެ ކާއެތި ކޮޅުވެސް އަނގަޔަށް ނުލެވޭނެއެވެ. އެ ކާއެތިކޮޅުވެސް ރަނގަޅަށް ނުކެވޭނެއޭ، ރަސޫލާ ޞައްލަﷲ އަލިހި ވަސައްލަމް ބަޔާންކޮށްދެއްވާފައި މިވަނީ. 

އާދެ ޤިޔާމަތުގެ ވަގުތަކީ އެހާވެސް ކުއްލިގޮތަކަށް އަންނަ ކަމެއް. އެވަގުތު އައިސްޖެހި ތާޅަފިލި ފުމެލެވުމުން ދެން އިތުރު އެއްވެސް ކަމެއް ކުރާނޭ ވަޤުތެއް ނުލިބޭނެ. އާދެ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ (އަރަބި) " ތާޅަފިލި ފުމެލެވޭ ހިނދު އުޑުތަކާއި ބިމުގައިވާހާ ބަޔަލު ހޭނެތި މަރުވެ ދާނޭ." (އަރަބި) " ﷲ އިރާދަކުރެއްވި މީހަކު މެނުވީއެވެ." (އަރަބި) " ދެން އަނެއްފަހަރު ފުމެލެވޭ ހިނދު" (އަރަބި) " ވަޤުތުން މީސްތަކުން ތެދުވެ މަޚްޝަރު ބިމުގައި ބަލަބަލާ ތިބޭނެއެވެ." 

އެގޮތުން މި އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވާފައިމިވަނީ ތާޅަފިލި ފުމެލެވުމުން އެންމެހާ މީސްތަކުން މަރުވެގެން ދާނެ ވާހަކަ. އެހެންނަމަވެސް މި އާޔަތުގައި އޭގެތެރެއިން ބަޔަކު އެބަ އިސްތިސްނާވޭ. އެހެންކަމުން ސުވާލަކަށް އުފެދިދާނެ މި އިސްތިސްނާ ވެގެންދަނީ ކޮން ބައެއްތޯ؟ 

އާދެ، އެ އާޔަތުގައި އިސްތިސްނާ ވާ ބަޔަކީ ސުވަރުގޭގައިވާ ހޫރުއްލީނުން ކަމުގައިވެސް ބުނެވޭ. ސުވަރުގޭގް ޚިދުމަތް ކޮށްދޭން އުޅޭ ކުދިން ކަމުގައިވެސް ބުނެވޭ. އަދި އެއީ ޖިބްރީލަ ޢަލައިހިއް ސަލާމާއި، އިސްރާފީލް ޢަލައިހިއް ސަލާމާއި، މީކާއީލް ޢަލައިހިއް ސަލާމް ކަމުގައިވެސް ބުނެވޭ. އަދި އެއީ ޝަޙީދުން ކަމުގައިވެސް ބުނެވިފައިވޭ. އަދިވެސް މިފަދަ އެތައް ގިނަ ގޮތްތަކަކަށް ބުނެވޭ. 

އާދެ. އަލް އިމާމް ޤުރުތުބީ ވިދާޅުވަނީ މީގެން އެންމެ ރަނގަޅު ރަޢުޔަކީ މީން އެއްވެސް ގޮތަކަށް ބުރަވުމަށްޓަކައި އެއްވެސް ސައްޚަ ދަލީލެއް ނެތްކަމެވެ. އެ ހުރިހާ ގޮތަކީވެސް ވުން އެކަށީގެންވާ ގޮތްތަކެވެ. އެހެންނަމަވެސް ސައްޚަ ދަލީލެއް ނެތްކަމުން މިވެނި ގޮތަކަށޭ މިކަން ވާނީ ބުނެވެން އަޅުގަނޑުމެންނަށް ނެތް ކަމެވެ. އާދެ، އަޅުގަނޑުމެން މިކަމުގައި މާބޮޑަށް ބަހުސްކުރާކަށް ނުޖެހޭ. ސަބަބަކީ އަޅުގަނޑުމެންނަށް އެނގުން މުހިއްމު ކަންތައް ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެނގެން އޮތީމަ. އެއީ މިއާޔަތުގައިވާ ތާޅަފިލި ފުމެލެވޭ ހިނދު ނެތިފަނާވެގެން ދިޔުމުން އިސްތިސްނާ ބަޔަކީ އަޅުގަނޑުމެން ނޫން ކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގެން އޮތީތީވެ. 

އާދެ، މީއަބަދުވެސް އަޅުގަނޑުމެން ހަނދާން ބަހައްޓަންޖެހޭ ވަރަށް މުހިއްމު އުސޫލެއް. އަޅުގަނޑުމެންނަށް އެނގުން މުހިއްމު ކަންކަން އަޅުގަނޑުމެން އުނގެނި ދަސްކުރަންޖެހޭ. ނަމަވެސް އެކަމެއް އެނގިގެން އެއްވެސް ކަހަލަ ފައިދާއެއް ނުވާނެ ކަންކަން ހޯދާ ބެލުމުގަ ވަޤުތުތައް ހޭދަކުރުމަކީ އެއީ ބުއްދިވެރި އުސޫލެއް ނޫންކަން އަޅުގަނޑުމެން ދަންނަންޖެހޭ. އާދެ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް އިސްތިރާޒާ ކުރައްވާފައިވަނީ ފައިދާއެއް ނުކުރާ ޢިލްމުން. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ކުރައްވާފައިވަނީ (އަރަބި) "ތިމަން ކަލޭގެފާނު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޒްރަތުން ރައްކާތެރިކަމަށް އެދެމޭ ފައިދާއެއް ނުކުރާނެ ޢިލްމުން." 

އެހެންވެ އެއްދުވަހެއްގައި އެކަލޭގެފާނުގެ އަރިހަށް ބަދަވީއެއް އައިސް (އަރަބި) އޭ ސުވާލު ކުރެއްވުމުން ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމަ ދެއްވި ޖަވާބުންވެސް މިކަން ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ފެނިގެން ދޭ. އެމީހާ މި ސުވާލު ކުރަނީ ޤިޔާމަތް ވާނީ ކޮން އިރަކުންހޭ. އާދެ، ނަބިއްޔާ ޞައްލަﷲ ޢަލއިހި ވަސައްލަމަ ޤިޔާމަތް ވާނީ މިވެނި ވަޤުތަކުއޭ، އެވެނި ވަޤުތަކުއޭ ޙަދީޘް ކުރެއްވުމުގެ ބަދަލުގައި އެކަލޭގެފާނު ޖަވާބު ދެއްވާފައިވަނީ ސުވާލަކުން. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ (އަރަބި) "ތިބަ އެދުވަހަށްޓަކައި ތައްޔަރު ކުރީ ކޮންއެއްޗެއް ތޯއެވެ؟" ސަބަބަކީ އެ ދުވަހަކީ އަންނާނެ ދުވަހެއްކަން ޔަޤީން. އެހެންކަމުން އެދުވަސް އަންނާނެ ވަޤުތު ހޯދާ ބެލުމަށްވުރެން އެދުވަހަށްޓަކައި ތައްޔާރު  ކޮށްފައިވަނީ ކޮން ކަމެއްތޯ ހޯދާ ބެލުން މާ މުހިއްމު ކަމަކަށް ވާތީވެ، މި ސުވާލު ކުރުން މާ މުހިއްމުވީތީވެ، ނަބިއްޔާ ޞާއްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޖަވާނު ދެއްވާފައި މިވަނީ. 

އެހެންކަމުން އަޅުގަނޑުމެންވެސް އެންމެ ބޮޑު ސަމާލުކަމެއް ދީގެން ބަލަންވީ ތާޅަފިލި ފުމެލެވި ޤިޔާމަތްވާ ވަޤުތު އައުމުގެ ކުރިން އެދުވަހަށްޓަކައި އަޅުގަނޑުމެންވެސް ތައްޔާރު ކޮށްފައިވަނީ ކޮން ކަމެއްތޯ، މަޙްޝަރުގެ މައިދާނާ ކުރިމަތިލާން އަޅުގަނޑުމެން ތައްޔާރުތޯ؟

 

--ޝައިޚް މުޙައްމަދު ޣާލިބް

 

މިއަދު އޮންލައިން