އަނބިންނަށް ހެޔޮ އެދި ލޯބިން އަނބިންގެ ގައިގައި ފިރުމަމުންދާ ބައަކު ތިބިނަމަވެސް އަންނަ ރުޅީގައި އަނބިންނަށް އަތްއިސްކުރާ ބައަކުވެސް އުޅެއެވެ.
އަތްއިސްކޮށް ތަޅައި އަނިޔާކުރުމަށްފަހު އެއްބައަކު އެކަމާދެރަވެ ހިތާމަވެސް ކުރެއެވެ. އެމީހުންނަށް އެކަން ކުރެވުނުކަން މީސްތަކުންނަށް ވަންހަނާކުރަންވެސް މަސައްކަތްކުރެއެވެ. އެޙާލަތުގައި ހިތަށް ގެންނާށެވެ! މީސްތަކުންނަށް ސިއްރުކުރެވިދާނެއެވެ. ނަމަވެސް ކުރިއަނިޔާ ﷲ ތަޢާލާ ދެކެދެނެވޮޑިގެން ނުވޭހެއްޔެވެ؟
އަނބިން އުފެއްދެވީ ފިރިހެނުންގެ ހަށިގަނޑުންނެވެ. އެކަން ޤަބޫލުކޮށް ވަރަށް ގިނަ ފިރިހެނުން އަނބިންނަށް ކަންކަން ކުރަނީ ވަރަށް އޯގާތެރި ގޮތުގައެވެ. ނަމަވެސް ކުރިން މިބުނިފަދައިން އަނބިންނަށް އަނިޔާވެރިވާ ބައަކުވެސް އުޅެއެވެ. އެހެންކަމުން ދެންކޮށްލަންޖެހޭ ސުވާލަކީ ތިބާހަށިގަނޑުގެ އެއްބައަށް ތިއަ އަނިޔާކުރަނީ ހަމަ ތިބާއަށް ތަދުނުވާތީހެއްޔެވެ؟
"ތިއަބައިމީހުންނަށްޓަކައި ހަމަތިއަބައިމީހުންގެ ނަފްސްތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިއަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިއަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބައަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (އައްރޫން: 21)
"ތިއަބައިމީހުންނަށްޓަކައި ހަމަތިއަބައިމީހުންގެ ނަފްސްތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިއަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ." ވީމާ އަހަރެމެންގެ ނަފްސްތަކުން އަނބިން އުފެއްދެވި ސަބަބު މިއޮތީ އެނގޭށެވެ! "އެއީ ތިއަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ." ވީއިރު އަނބިންނަށް އަނިޔާވެރިވާން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟
"އަދި އެކަލާނގެ ތިއަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބައަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." ވީމާ ރަނގަޅަށް ވިސްނާށެވެ! މިއޮތީ އަނހެނުންނާއި ފިރިހެނުން ވެސް ވިސްނަންވީ ބައެވެ. ﷲ ތަޢާލާ ހަމައެކަނި އަނބިން އުފެއްދެވީއެއް ނޫނެވެ. "އެކަލާނގެ ތިއަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވެވިއެވެ." ވީއިރު ލޯތްބާއި ކުލުނާއި އޯގާތެރިކަން ދޫކޮށްލަން ފިރިމީހާވެސް އަދި އަނބިމިހާވެސް ހެޔޮވާނީ ކޮންފަދައަކުން ހެއްޔެވެ؟
އަނބިންގެ ކިބައިން ނުރަނގަޅު ކަންކަން ފެންނަނަމަ އިޞްލާޙްކުރަން މަސައްކަތްކުރަންޖެހެއެވެ. އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަންޖެހެއެވެ. ނަމަވެސް އެކަންކަން ކުރަން އޮތީ އެކަނބަލުންނަށް އަނިޔާއަކަށް ނުވާނެ ގޮތަކަށެވެ. އިސްލާމް ދީނުގައި އޮތީ ހަމައެކަކަށްވެސް އަނިޔާވެރި ނުވުމަށެވެ.
އަންނަން އޮތީ މިފދަ އެންމެހައި ކަންކަމަށް ސުވާލުކުރެވޭނެ ދުވަހެވެ. ވީމާ އެންމެ މުހިންމީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވެވޭނެ ގޮތަށް އާޚިރަތަށް ދިއުމެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން