ކޮންމެ މުސްލިމަކަށްވެސް އެންމެ މުހިންމު ކަމަކަށްވާނީ ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ އުފުލިގެންވުމެވެ. ކިހައި މިންވަރަކަށް ހެއްޔެވެ؟ އެންމެ މައްޗަށެވެ.
ވީމާމިކަންކަމަށް ސަމާލުކަންދޭށެވެ!
މީހަކަށް ކުރެވޭނެ އެންމެ ފައިދާހުރި އެއްކަމަކީ އެހެން މީހަކު ތިމާއަށް ކަންކަން ކުރާގޮތަށްވުރެ ރަނގަޅަށް އެމީހަކަށް ތިމާ ކަންކަން ކުރުމެވެ. ވީމާ ތިބާއަށް އޯގާތެރި ނޫން މީހުންނަށްވެސް އޯގާތެރިވާށެވެ! ރަޙުމް ނުކުރާ މީހުންނަށްވެސް ރަޙުމްކުރާށެވެ!
ދެވަނަ ކަމަކަށް މާފުކުރމުގައި އިސްނަގާ މީހަކަށްވާށެވެ! ކުށްކުރީ އަނެކާ ނަމަވެސް އޭނާ މާފަށް އެދެންދެން މަޑުނުކޮށް އިސްވެ މާފުކުރާ މީހަކަށްވާށެވެ! އަދި ތިބާއަށް ގެއްލުންދީ ކޮއްޕައި ތިބާ ވައްޓާލަން މަސައްކަތްކުރި މީހާ ނަގައި ގޮޅަށްޖަހާށެވެ! ތިބާއަށް ނަފްރަތުކުރާ މީހުންނަށްވެސް ނުބައި ބަސް ނުބުނެ ހެޔޮ ބަސް ބުނާށެވެ!
މާބޮޑު ކަމެއް މެދުވެރި ނުވި ނަމަވެސް ހިނިތުންވުންމަތީގައި ދެމި ހުންނާށެވެ! ހަމަ އެންމެ ސަބަބަކަށްޓަކައެވެ. ތިބާއަކީ ޝުކުރުވެރިވާ މީހަކަށްވުމަށްޓަކައެވެ. އެއިރުން ތިބާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދާނީ އުފުލި މަތިވެރިވަމުންނެވެ. އިން ޝާ ﷲ
ޢާންމުކޮށް މީހުން ކިޔައި އުޅޭ "ޓިޓް ޓު ޓިޓް" ނުވަތަ މިނެދޭ ނާޅިން މިނެދިނުމުގެ އުޞޫލަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ސިފައެއް ނޫނެވެ. ވީމާ އަހުރެމެންނަށް އޮތީ އެސިފައާއި ދުރުހެލިވެ އަނެކާ ކަންތައް ކުރި ގޮތަށް ނުބަލައި އޭނާއަށް އެހީތެރިވުމެވެ. އޭނާއަށް ހެޔޮކޮށް ހިތުމެވެ. ބަދަލަށް އެދެންވީ އޭނާގެ ކިބައަކުން ނޫނެވެ! ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން