ސަމާލުވާތި! އެކުވެރިން ގިނަނަމަވެސް މިތުރުން ވަރަށް މަދުވާނެ! މައްސަލައެއް ޖެހުނަސް މިތުރަކާ ވަކިނުވާން ކުރެވެންހުރި ހުރިހާ ކަމެއް ކުރަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ސަމާލުވާތި! އެކުވެރިން ގިނަނަމަވެސް މިތުރުން ވަރަށް މަދުވާނެ! މައްސަލައެއް ޖެހުނަސް މިތުރަކާ ވަކިނުވާން ކުރެވެންހުރި ހުރިހާ ކަމެއް ކުރަންވާނެ!

ވަރަށް މަދުމީހެއްގެ ނޫނީ އެކުވެރިން ގިނަވާނެއެވެ. ކޮންމެ މީހެއްގެވެސް ކޮންމެވެސް ވަރަކަށް އެކުވެރިން ތިބޭނެއެވެ. އެކުވެރިން ކިތަންމެ ގިނަ ނަމަވެސް މިތުރުންނަކީ ވަރަށް މަދުބައެކެވެ.

މިތުރުންގެ ކިބައިން ފެންނާނެ ސިފަތަކަށްބަލާއިރު މުޞީބާތުގެ ވަގުތުތަކުގައިވެސް ހެޔޮ އެދޭ މިތުރުން ތިބާ ގާތު ބުނާނީ ތެދު ބަހެވެ. ދޭނީ ހެޔޮ ނަޞޭޙަތެވެ. ތިބާއަށް އުފާވެރިކަމެއް ލިބިއްޖެ ނަމަ އެކަން ފާހަގަކުރުމުގައިވެސް މިތުރުން ބައިވެރިވާނެއެވެ. އަދި ހިތާމައިގެ ވަގުތުތަކުގައި މިތުރުން ތިބޭނީ ތިބާ އާއި އެކުގައެވެ. އެހީތެރިވެސްވާނެއެވެ.

މިތުރުންގެ ތެރެއިންވެސް އެންމެ ހެޔޮކަންބޮޑު މިތުރުންނަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކޮށްދޭ މީހުންނެވެ. ނަމާދުކުރުވަން ބާރުއަޅާ މީހުންނެވެ. ރިވެތި އަޚްލާޤް ހަނދުމަކޮށްދޭ މީހުންނެވެ. ފާފަތަކަށް ބިރުވެތިކުރުވައި ފާފަކުރުމުން ސަލާމަތްކޮށްދޭން ގަދައަލައި މަސައްކަތް ކުރާ މީހާއެވެ.

މިފަދަ ހެޔޮ ލަފާ މިތުރުން މިއަދު ވަރަށް މަދެވެ. އެހެންކަމުން އެފަދަ މިތުރަކު ލިބެނީ ވެސް ވަރަށް މަދުންނެވެ. މިފަދަ ހެޔޮލަފާ މިތުރަކު ލިބިއްޖެ ނަމަ އެމީހަކާއި ވަކިނުވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

އެފަދަ މިތުރުން ދޭ ނަޞޭޙަތް ބަލައިގަންނާށެވެ! ބަލައިގަންނަން އުނދަގޫވި ނަމަވެސް ދޫނުކުރާށެވެ! ބަލިވުމުން ޑޮކްޓަރު ދޭ ބޭހަކީވެސް މީރު އެއްޗެއް ނޫނެއް ނޫން ހެއްޔެވެ؟ އެހެންކަމާއިއެކުވެސް ބަލި ފަސޭހަވަނީ ގަދަކަމުން ނަމަވެސް ބޭސް ބުއިމުން ނޫން ހެއްޔެވެ؟ އެ މިސާލުން ހިތްވަރު ހޯދާށެވެ!

ކިތަންމެ ގާތް އެކުވެރިއަކާއިވެސް ޚިޔާލުތަފާތުވެދާނެއެވެ. މައްސަލަވެސް ޖެހިދާނެއެވެ. ނަމަވެސް މިތުރުން ކަމަށް މިބުނިފަދަ ހެޔޮލަފާ މީހަކާއި ދުރުނުވާށެވެ! ދެންމެ މިބުނެދިނީ އެކަންކުރަން ޢަމަލުކުރަންވީ ގޮތުގެ މިސާލެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން