ހިތްހަމަޖެހިގެން އުފަލުގަ ހުންނަން އެދޭ މީހާ އަބަދުވެސް ކުރަމުންގެންދަން ޖެހޭނެ 5 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ހިތްހަމަޖެހިގެން އުފަލުގަ ހުންނަން އެދޭ މީހާ އަބަދުވެސް ކުރަމުންގެންދަން ޖެހޭނެ 5 ކަމެއް!

އިންސާނެއްގެ ގޮތުގައި އުފަންވިނަމަވެސް ފުރިހަމަ އިންސާނަކަށްވެވޭނީ އޭނާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ ބުއްދީގެ ބޭނުންކުރުމުންނެވެ. ނޫންނަމަ އިންސާނެއްގެ ސިފައިގައި ހުރިނަމަވެސް އޭނާގެ ޢަމަލުތަކުން އެކަމެއް ނުފެންނާނެއެވެ.

ވީމާ މުސްލިމުންނަކީ އަބަދުވެސް ބުއްދީގެ ބޭނުންކޮށް ކުރިއަށް ވިސްނައިގެން ކަންކަން ކުރަންޖެހޭނެ ބައެކެވެ. އެގޮތަށް ކަންކަން ކުރާނަމަ އުފަލުގައި ހުރެވޭނެއެވެ. އިން ޝާ ﷲ ހަމައެފަދައިން އެގޮތަށް ކަންތައްތައް ނުކުރެވޭނަމަ ފަހުން ހިތާމަކުރަންވެސް ޖެހޭނެއެވެ. އެހެންވެ މިރޭގެ ދަރުސް ފެށުމުގެ ކުރިން ސިކުނޑިތައް ތާޒާކޮށްލުމުގެ ގޮތުން ކޮންމެ މީހަކުވެސް އަބަދުވެސް ކޮންމެހެން ކުރަން ޖެހޭ 5 ކަމެއް ބުނެދޭނަމެވެ!

1 ވާހަކަ ދެއްކުމުގެ ކުރިން އެހެން މީހުން ދައްކާ ވާހަކައަށް އިޙްތިރާމްކޮށް އަޑުއެހުން

2 އެއްޗެއް ލިޔާނަމަ ލިޔުމުގެ ކުރިން މިލިޔެވޭ އެއްޗަކާއިމެދު ވިސްނުން

3 ކަމެއް ނުވާނެ ކަމަށް ނިންމުމުގެ ކުރިން އެކަމެއް ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން

4 މަރުވުމުގެކުރިން ޞަދަޤާތް ކުރެވެން ހުރި ހުރިހާ އެއްޗެއް ޞަދަޤާތްކުރުން

5 އެއްވެސް ކަމަކާއިމެދު ޝަކުވާކުރުމުގެ ކުރިން ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވެ އލްހަމްދުލިﷲ ކިޔުން

މީގެ ތެރެއިން ބައެއް ކަންކަން މިހާރުވެސް ބައެއް މިހުން ކުރެއެވެ. ނަޞޭޙަތަކީ މި 5 ކަންތައް ކުރުމުގައި އަބަދުވެސް ސާބިތުވުމެވެ!

5 ވނައަށް މިބުނި ކަންތަކުގައި ހިފަހައްޓައިފިނަމަ ދެމަފިރިން އެކަކު އަނެކަކަށް ކުރަން ޖެހޭ ޝަކުވާތައްވެސް މަދުވެގެންދާނެއެވެ. ކުރާނެ އެއްވެސް ޝަކުވާއެއް ނެތްހައި މިންވަރަށެވެ. އެއީ އެއްވެސް ކަމެއް ނުވެގެން އެކަކު އަނެކަކަށް ޝަކުވާ ކުރުމުގެ ކުރިން، އެހައިތަނަށް ކޮށްދީފައި ހުރި ކަންކަމަށް ޝުކުރުވެރިވެއްޖެ ނަމަ ޝަކުވާ ކުރާނީ ހަމަ ވަރަށް މަދު މީހަކު ވަރަށް މަދު ފަހަރަކުއެވެ.

ހަމައެފަދައިން ﷲ ތަޢާލާ ދެއްވެވި ނިޢްމަތެއް އަނބުރާ ގެންދެވިނަމަވެސް ނުގެންދަވައި ތިމާއާއިއެކު ލައްވަވާފައިވާ ނިޢްމަތްތަކާއިމެދު ވިސްނާނަމަ އަނބުރާ ގެންދެވި ނިޢްމަތާއިމެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން