ކޮންމެ މީހަކުވެސް އުފަންވަނީ އެމީހަކު ބޭނުން ނަމަ ނަރަކައަށް ދިއުމާއި ސުވަރުގެ އިޚްތިޔާރުކުރުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެންވާ ޙާލުގައެވެ. ވީމާ އެމީހަކު ބޭނުންވާ މަންޒިލެއް ހަމަ އިޚްތިޔާރުކުރަންވީއެވެ. އެއީ ހަމަ އެމީހެއްގެ ކަމެކެވެ.
މަރުވެ ވަޅު ލެވުމުން ކޮންމެ ދުވަހަކުވެސް އެމީހަކަށް ނަރަކައިގައި ތައްޔާރުކުރެވިފައިވާ ޖާގަ ޢާއި ސުވަރުގޭގައި ހުރި ޖާގަ އެމީހަކަށް ދައްކަވާނެތެވެ. ހެޔޮ އަމަލުތައް ކުރި މީހުންނަށް ދާނީ ސުވަރުގޭގެ މީރުވަސް ދުވަމުންނެވެ. ﷲ ތަޢާލާއަށް އުރެދުނު މީހުންނަށް ދާނީ ކައްވަޅުގައިވެސް އެކަމުގެ ހިތިކަން ފެންނަމުންނެވެ.
ބައެއް މީހުން ﷲ ޙަރާމް ކުރެއްވެވި ފާފަތައް ކުރުމަށްފަހު ދެކެނީ އެއީ ކުރެވުނު ވަރަށް މޮޅު ކަމެއް ކަމަށެވެ. އަދި އެއީ ކުރެވުނު ފަޚުވެރިކަމެއް ކަމަށް ދެކެ މީސްތަކުންގެ ގާތު އެފަދަ ވާހަކަތައް ދައްކައިވެސް އުޅެއެވެ. މިފަދއިން ކަންކަން އެކުރަނީ އެމީހެއްގެ ބުއްދީގައި އެއްވެސް ތެތްކަމެއް ނެތުމުންނެވެ.
އެކަން އެންމެ ފަސޭހައިން ޔަޤީން ކުރެވޭ ކަމަކީ އެއްވެސް މީހެއްގެ ކިބައިން ނުވަތަ އެއްވެސް ފަރާތެއްގެ ކިބައިން އެއްވެސް ކަމަކަށް ﷲ ތައާލާ ބޭނުންފުޅުވެވޮޑިގެން ނުވާތީއެވެ. ވީމާ މީހަކު ކިތަންމެ ގިނަ ފާފަތަކެއް ކުރި ނަމަވެސް އެކަމުގެ ސަބަބުން ﷲ ތަޢާލާއަށް ލިބިވޮޑިގަންނަވާނެ އެއްވެސް އުނިކަމެއް ނެތެވެ. އަދި ދެރައެއް ވެސް ނެތެވެ.
ﷲ ތަޢާލާއަށް އުރެދި ފާފަކުރުމުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހިއްޖެނަމަ އެކަމުގެ ހުރިހާ ހިތާމަތަކެއް އުފުލަންޖެހޭނީ ހަމަ އެމީހަކަށެވެ. ވީމާ އަހަރެމެންނަށް އޮތީ ބިރުވެތިވެ ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމެވެ. އެކަމުން ފައިދާކުރާނީ ހަމަ އެމީހަކަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން