ސަމާލުކަންދޭތި!: ދެމަފިރިންގެ މެދުގަ މައްސަލަ ޖެހޭގޮތަށް ދޮގުވާހަކަ ފެތުރުމަކީ ޢަޛާބު އެތައް ގުނައަކަށް ބޮޑުވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ސަމާލުކަންދޭތި!: ދެމަފިރިންގެ މެދުގަ މައްސަލަ ޖެހޭގޮތަށް ދޮގުވާހަކަ ފެތުރުމަކީ ޢަޛާބު އެތައް ގުނައަކަށް ބޮޑުވާނެ ކަމެއް!

ދޮގުހަދަން ޖެހިލުންވާ މީހުން މަދުވުމުން މިހާރަކަށް އައިސް އެއްވެސް ޖެހިލުމެއްނެތި ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދަން ވެސް ދޮގު ހަދައެވެ. ބޮޑެތި އޮޅުވައިލުންތައް އޮޅުވާލައިގެން ބޮޑެތި ދޮގުވާހަކަތައް އެބަ ފަތުރައެވެ. އަމިއްލައަށް ކަންކަން ވިސްނޭ ގޮތް އެއީ ޙަޤީޤަތަކަށް ހަދައިގެން އެބަ ބޮޑެތި ދޮގުތައް ފަތުރައެވެ. 

އެކަމުގެ ވަރަށް ކުޑަ މިސާލެއް ބުނެފާނަމެވެ. އަންހެނަކު ނުވަތަ ފިރިހެނަކު މަސައްކަތު މާޙައުލުގައި މީހަކަށް ހިނިތުންވެދާނެއެވެ. އެއީ ކުރަންވެސް ޖެހޭނެ ކަމެކެވެ. އެފަދަ ކަމެއް ފެނުމުން އެދެމީހުން ލޯބީވެގެން ނުވަތަ ހިތާވެގެން އުޅޭކަމަށް ހަދައިގެން އެބަ ބޮޑެތި ދޮގުތައް ފަތުރައެވެ. އެފަދަ ދޮގުތަކުގެ ސަބަބުން ދެމަފިރިންގެ ގުޅުންކެނޑި ކައިވެނިރޫޅޭ ހިސާބަށް ކަންކަން އެބަދެއެވެ. 

ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭގޮތަށް ފަތުރާ ދޮގުވާހަކަތަކަށް ޢަޛާބު އެތައް ގުނައަކަށް ބޮޑުވާނެކަމަށްބުނީ މިބާވަތުގެ މައްސަލަތައް ކުރިމަތިވާތީއެވެ. އެފަދަ ކަމެއްގެ ސަބަބުން ކައިވެނި ރޫޅުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ އަދި އެދެމަފރިންގެ ދަރިން ތިބިނަމަ އެކުދިންނަށް ލިބުނު ގެއްލުން ކޮބައިހެއްޔެވެ؟ އެކަމަށް ޢަޛާބް ނުދެއްވަވާނެ ކަމަށް ހީކުރަނީހެއްޔެވެ؟  

ވީމާ މީހުން ފަތުރާ ވާހަކަތަކަށް ދެމަފިރިންވެސް ސަމާލުކަންދޭންވާނެއެވެ! ކަމުގެ ޙަޤީޤަތް ޔަޤީންނުކޮށް ޤަބޫލުކޮށްގެން ނުވާނެއެވެ. ތިބާ ހުރީ ތެދުވެރިކަމުގައި ކަމަށްވެފައި ޙަޤީޤަތް ބެލުމެއްނެތި ބައިވެރިޔާ އެފަދަ ވާހަކަތައް ޤަބޫލުކޮށްފިނަމަ އެއީ ހަމަ އެއްވެސް ވަރަކަށް ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫނެވެ. އަޅައިވެސް ނުލައި ކެތްތެރިވެލާށެވެ! 

ޙަޤީޤަތަށް ނުބަލައި މީހުން ދައްކާ ވާހަކަ ޤަބޫލުކުރާ ނަމަ އެއިގެ މާނައަކީ ތިބާއަށް އިތުބާރު ނުކުރާ ކަމެވެ. ޙަޤީޤަތް ކިޔައިދިނުމުން ޤަބޫލުކުރަން ބޭނުން ނުވާނަމަ އެއިގެ މާނައަކީ އެހެރީ އިންޞާފުން ބޭރުގައި ކަމެވެ. އެހިސާބުން އެކަމާއި އިތުރަށް ވިސްނަން ނުހަދައި ﷲ ތަޢާލާއަށް ވަކީލުކޮށްފައި ނިންމައިލާށެވެ. 

ދޮގު ހެދުމަކީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އަދި ބޮޑު ފާފަތަކުގެ ތެރެއިން ފާފައެއް ނަމަވެސް ދޮގު ހެދުން މިހާރު މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ. ދުނިޔަވީ ފައިދާއެއް ލިބިގަތުމަށް ނުވަތަ އެމީހަކު ރުޅި އަންނަ މީހެއްގެ ދުވަސް ދުއްވައިލަން ދޮގު ހަދަން ފަސް ޖެހޭ މީހުން ދަނީ ގިނަވަމުންނެވެ. 

ދޮގު ހަދައި އޮޅުވައިލެވޭނީ އިންސާނުންނަށެވެ. ކިތަންމެ ބައިވަރު ދޮގުތަކެއް ހެދި ނަމަވެސް އެއްވެސް ކަމެއް ﷲ ތަޢާލާއަށް އޮޅުވައެއް ނުލެވޭނެއެވެ. ވީމާ މީހަކު ނުވަތަ ބައަކު ކިތަންމެ ގިނަ ދޮގުތަކެއް ހެދި ނަމަވެސް އަލައިވެސް ނުލާށެވެ! އެކަމުގެ ސަބަބުން ބަރުވަމުންދާނީ ތިބާގެ ހެޔޮ އަމަލުތަކުގެ ފަތަށެވެ! 

"އެއުރެންގެ (ދޮގު) ވާހަކަތައް ކަލޭގެފާނު ހިތާމަވެރިކުރުވިއަ ނުދެއްވާށެވެ! ހަމަކަށަވަރުން، ހުރިހާ ޢިއްޒަތެއް މިލްކުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (ޔޫނުސް: 65)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން