އަބޫއައްޔޫބު އަލްއަންޞާރީ ރަޟިޔަﷲ ޢަންހު: ބަރަކާތްތެރި މެހެމާނަށް، ރަސޫލާ ޞޢޥ އަށް މެހްމާންދާރީ އަދާކުރެއްވެވި ފުރިހަމަކަން

ކިޔުމަށް ހޭދަވާނީ 6މ 13ސ
އަބޫއައްޔޫބު އަލްއަންޞާރީ ރަޟިޔަﷲ ޢަންހު: ބަރަކާތްތެރި މެހެމާނަށް، ރަސޫލާ ޞޢޥ އަށް މެހްމާންދާރީ އަދާކުރެއްވެވި ފުރިހަމަކަން

ޢަލީ އިޙްޞާން ފިރާޤް

 

أبو أيّوب الأنصاري رضى اللّـه عنــه ގެ ގެކޮޅަކީ ދެބުރިއަށް ހަދައިފައިވާ ގެކޮޅެކެވެ. އެންމެ ފުރަތަމަ أبو أيّوب الأنصاري ބޭނުންފުޅުވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެކޮޅުގެ މަތީބުރީގައި އުޅުއްވުމަށެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަރަށް ގިނަ މީހުން ޒިޔާރަތް ކުރަމުން ގެންދެއެވެ. އެހެންކަމުން ފަސޭހަފުޅުވާނީ ތިރީބައިގައި ހުންނެވުމުން ކަމުގައި ވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ހުންނެވީ ތިރީބައިގައެވެ.

ރޭގަނޑުވުމުން أبو أيّوب الأنصاري رضى اللّـه عنــه ގެ ދެމަފިރިކަނބަލުން އަވަހާރަފުޅުން ލައްޕަވަން އުޅުއްވަ އުޅުއްވައިވެސް އަވަހާރަފުޅެއް ނުލެއްޕެވުނެވެ. އެއީ އެދެބޭފުޅުންގެ ފައިތިލަފުޅުގެ ދަށުގައި (އޭގެ ތިރީބުރީގައި) މާތް ރަސޫލާ صلّى اللّـه عليه وسلّم ހުންނެވުމަކީ އެކަށީގެންވާ ކަމެއްނޫންކަމުގައި ދެކެވަޑައިގަންނަވާތީއެވެ.

އެ ޙާލުކޮޅެއްގައި އުޅުއްވަނިކޮށް ގެކޮޅުގައި ހުރި ފެން ރުނބައެއް ތެޅިއްޖެއެވެ. ފެން ތިރިއަށް ފައިބައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ގައިކޮޅަށް އެޅިދާނެތީ ވަރަށް ބިރުފުޅުގެން ވަޑައިގެންނެވިއެވެ.  އެންމެފަހުން އެދެބޭކަނބަލުން ގެންގުޅުނު ރަޖާގަނޑެއް ކަހަލަ އެއްޗެއް ބޭނުންފުޅު ކުރައްވައިގެން އަވަސް އަވަހަށް ފެންތައް ހިއްކަވައިލެއްވިއެވެ. އެރޭ أبو أيّوب الأنصاري رضى اللّـه عنــه ގެ ދެމަފިރިކަނބަލުން އެއްގޮތަކަށްވެސް އަވަހާރަފުޅެއް ނުލައްޕަވައެވެ.

ހެނދުނުވުމުން أبو أيّوب الأنصاري رضى اللّـه عنــه މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން އެރޭ ކަންތައް ހިނގައިދިޔަ ގޮތް ވިދާޅުވެދެއްވިއެވެ.  މާތް ރަސޫލާ صلّى اللّـه عليه وسلّم މަތީބުރިއަށް ވަޑައިގެންނެވުމަށް އެދިވަޑައިގެންނެވިއެވެ. އަބޫއައްޔޫބުގެފާނުގެ އެދިވަޑައިގެންނެވުމުގެ މަތީން މާތް ރަސޫލާ صلّى اللّـه عليه وسلّم އެގެކޮޅުގެ މަތީބުރިއަށް ބަދަލުވެވަޑައިގެންނެވިއެވެ. أبو أيّوب الأنصاري رضى اللّـه عنــه އާއި އެކަލޭގެފާނުގެ އަނބިކަނބަލުން ތިރީބުރީގައި ދިރިއުޅުއްވަން ފެއްޓެވިއެވެ.

ޞަޙީޙު މުސްލިމުގައި ރިވާވެގެންވެއެވެ.  أبو أيّوب الأنصاري رضى اللّـه عنــه އެއްފަހަރަކު ލޮނުމެދު އަޅައިގެން ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތެއް ތައްޔާރުކުރައްވައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ފަރީއްކޮޅު ދޮލަނގު ފޮނުއްވިއެވެ. އެ ދޮލަނގު އަނބުރާ ގެންނަވައިގެން ބެއްލެވިއިރު މާތް ރަސޫލާ صلّى اللّـه عليه وسلّم އެއްވެސް އެއްޗެއް ފަރީއްކުޅުއްވައިފައެއްނެތެވެ. މިކަމާ އެކަލޭގެފާނު ކަންބޮޑުވެވަޑައިގެން މާތް ރަސޫލާގެ އަރިހުގައި ދެންނެވިއެވެ.

[ލޮނުމެދަކީ ޙަރާމް އެއްޗެއްތޯއެވެ؟] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ލޮނުމެދަކީ ޙަރާމް އެއްޗެއް ނޫނެވެ. ނަމަވެސް ތިމަންކަލޭގެފާނު ކާހިއްވާ އެއްޗެއް ނޫނެވެ.]  أبو أيّوب الأنصاري رضى اللّـه عنــه ވިދާޅުވިއެވެ. [ކަލޭގެފާނު ފަރީއްކުޅުއްވާ ހިތްނުވާ އެއްޗެއް ކެއުމުގެ އެއްވެސް ޝައުގުވެރިކަމެއް އަޅުގަނޑުގެވެސް ނެތެވެ.]

أبو أيّوب الأنصاري رضى اللّـه عنــه ވިދާޅުވާ ގޮތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ލޮނުމެދު ފަރީނުކުޅުއްވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް މަލާއިކަތް ބޭކަލުން ވަޑައިގަންނަވާތީއެވެ. { صحيح مسلم، كتاب الأشربة، ޙަދީޘް ނަންބަރު 2053} ލޮނުމެދަކީ ނުބައި ވަހެއް ހުންނަ އެއްޗެކެވެ. ލޮނުމެދު ކައިފިނަމަ އޭގެވަސް ވަރަށް ގިނައިރު އަނގައިގައި ހުރެއެވެ.

މުސްނަދު އަޙްމަދުގައި ރިވާވެގެންވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ފަރީއްކުޅުއްވާ ނިމިވަޑައިގެންނެވުމުން  أبو أيّوب الأنصاري رضى اللّـه عنــه ދޮލަނގު ގެންނަވައި މާތް ރަސޫލާ އިނގިލިފުޅު ޖައްސަވައިފައި ހުންނެވި ތަންތަން ފާހަގަ ކުރައްވައެވެ. އެތަންތަނުން އަބޫއައްޔޫބުގެފާނު ފަރީކުޅުއްވައި އުޅުއްވިއެވެ. އެއީ ބަރަކާތް ހާސިލުކުރުމަށްޓަކައެވެ. {މުސްނަދު އަޙްމަދު، ވޮލިޔުމް 9، ޞަފްޙާ 135، ޙަދީޘް ނަންބަރު 23567}

މާތް ރަސޫލާ صلّى اللّـه عليه وسلّم، أبو أيّوب الأنصاري رضى اللّـه عنــه ގެ މެހެމާނެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އަދާކޮށްދެއްވަން ޖެހޭ ހުރިހާ ޚިދުމަތެއް ވަރަށް ފުރިހަމައަށް އަބޫއައްޔޫބުގެފާނުގެ ދެމަފިރިކަނބަލުން އިންތިޒާމު ކުރައްވަމުން ގެންދެވިއެވެ. އޭގެ ހަތް ވަރަކަށް މަސްދުވަސްފަހުން މަސްޖިދުއްނަބަވީއާ އިންވެގެން ދެކޮޓަރިކޮޅު ތައްޔާރުކުރެއްވުމަށްފަހު އެކޮޓަރިކޮޅުތަކަށް މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އެކަލޭގެފާނުގެ އަހުލުބައިތުން ބަދަލުވެވަޑައިގެންނެވިއެވެ.

 

--ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން