އަޅުގަނޑަކީ ޢުމުރުން 50 އަހަރުވެސް ނުވަނީސް ހުވަފަތްވި އަންހެނަކީމެވެ. 4 ދަރިން އެބަތިއްބެވެ. ވަރަށް ދަތިޙާލުގައި އުޅެމުން އައިސް މިހާރު މިވަނީ 60 އަހަރާއި ގާތްވެފައެވެ.
ﷲ އަށްޓަކައި އަހުރެންނާއި ކައިވެނިކުރޭތޯ އެތައް ބައެއްގެ ކިބައިން އެދުނީމެވެ. 2 އަނތްބަށް ނުވަތަ 3 އަންތބަސްވިޔަސް ކައިވެނިކޮށްދޭތޯ އާދޭސްވެސް ކުރީމެވެ. ދުލުން ނުބުނިނަމަވެސް އެމީހުން ބޭނުންވަނީ އެހެން ކަމެކެވެ. ކައިވެނިކޮށް އަޅުގަނޑާއި 4 ދަރިންނަށް އެހީތެރިވެދޭކަށް ނޫނެވެ.
އެއިރު މުސާރަ ލިބުނީ 2 ކުދިންނަށްވީމާ އުޅެންޖެހުނީ ވަރަށް ދަތިޙާލުގައެވެ. އާދޭސްކުރެވުނީވެސް އެހެންވެގެންނެވެ. މިހާރު ހުރިހާ ދަރިންނަށް މުސާރަ ލިބެންފަށައިފިއެވެ. ވީމާ މިހާރު ކަންބޮޑުވުމެއް ނެތެވެ.
މިއަދުނޫހުގައި ހުންނަ ބައެއް ލިޔުންތައް ކިޔާތީ އަޅުގަނޑަށް ކުރަންޖެހުނު ތަޖުރިބާވެސް ޙިއްޞާކޮށްލީއެވެ. އަޅުގަނޑުގެ ސުވާލަކީވެސް ސުންނަތަކަށްވާތީ ގިނަ އަނބިންނާ ކައިވެނިކުރަން ބޭނުންވާއިރު ދަތިޙާލުގަ އުޅޭ އެކަނިވެރިމައިންނާ ނުވަތަ ޢުމުރުން ދުވަސްވީ ހުވަފަތް އަންހެނުންނާ ކައިވެނި ނުކުރަނީ ކީއްވެ ހެއްޔެވެ؟
ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާއަށް ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
މިހާރަކަށް އައިސް ފުދުންތެރިކަން ނެތް މީހުންވެސް ސުންނަތުގައި އޮތުމުން ކަމަށްބުނެ ގިނަ އަނބިންނާއި އެކައިވެނިކުރެއެވެ. އަހުރެންގެ ސުވާލަކީ ނިކަމެތި ޙާލުގައި ތިބި ހުވަފަތް އަންހެނުންނާއި ކައިވެނިނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ނިކަމެތި ޙާލުގައި ތިބި ތިމާއަށްވުރެ ދޮށީ އަންހެނުންނާއި ކައިވެނި ނުކުރަނީ ކީއްވެގެންހެއްޔެވެ؟ އެކަންކަން ސުންނަތުގައި ނެތީހެއްޔެވެ؟ ސުންނަތުގައި އޮތީ ހަމައެކަނި ރީތި، ޒުވާންކުދިން ހޯދައިގެން ކައިވެނިކުރަން ހެއްޔެވެ؟
އާނއެކެވެ! އެއްބަސްވަމެވެ. މާތް ﷲ ފިރިހެނުންނަށް 4 އަނބިން ހުއްދަކުރައްވަވާފައި ވަނިކޮށް އެކަމާއި ދެކޮޅަށް ވާހަކައެއް ނުދެއްކޭނެއެވެ. އަދި އެއީ ސުންނަތެއް ނޫންކަމަކަށްވެސް ނުބުނެވޭނެއެވެ.
ހަމައެފަދައިން އެކަނިވެރިވެ ދަތިޙާލުގައި އުޅެންޖެހޭ އަންހެނުން ގިނަވުމަކީ ޒިނޭކުރުން އިތުރުވުމަށް މަގުފަހިވެގެންދާ ކަމެކެވެ. ވީމާ އިތުރު އަނބިން ގެންގުޅުމުގެ ތަނަވަސްކަން ހުރިނަމަ އިތުރު އަނބިން ހޯދައި ހެޔޮ ގޮތުގައި އެކަނބަލުން ބެލެހެއްޓުމަކީ ޒިނޭކުރުން އިތުރުވުމަށް ހުރި ދޮރުތައް ބަންދުވެގެންދާނެވެސް ކަމެކެވެ.
ހުރިހާވެސް މައްސަލައަކީ ކައިވެނީގެ ސުންނަތްތަކުގެ ތެރެއިން ވަކިތަންކޮޅެއްގައި ނުވަތަ ވަކިކަމެއްގައި މާބާރަށް ހިފާތީއެވެ.
މުސްލިމް ފިރިހެނުންނަށް 4 އަނބިން ހުއްދަ ކުރައްވަވާފައި އޮތް އޮތުމަކީ ކޮންމެ ފިރިހެނަކު 4 އަނބިން ގެންގުޅެން ލާޒިމް ކުރާ ކަމެއް ނޫނެވެ. އަދި އެއް އަންތބަށްވެސް ، ގިނަ އަނބިންނާއިވެސް ކައިވެނިކުރަން އޮތީ އަންހެނުން އެކަމަށް ބޭނުންވެ ރުހިގެންނެވެ. އަންހެނެއްގެ ނުރުހުމުގައި ކުރާ ކައިވެނި ޞައްޙައެއްވެސް ނުވާނެއެވެ.
ހަމައެފަދައިން މިއީވެސް ވިސްނައިލަން ޖެހިފައިވާ ކަމެކެވެ. ބައެއް އަންހެނުންނަށް އެންމެ އަންތބަކަށް ކައިވެނިކޮށްގެން ވެސް ދިރި ނުއުޅެވުމުގެ ސަބަބުންނާއި އަދި ބައެއް ފިރިހެނުންނަށް އެންމެ އަންތބަކު ނުގެންގުޅެވިގެން ކޮންމެ ދުވަހަކު އެތައްބައިވަރު ކައިވެނިތަކެއް ރޫޅެމުންދާއިރު، އަދި އަންހެނުން އެކަކު ކައިރިން ވަރިވެ އަނެކަކު ކައިރިން ވަރިވެ އެތައް ފިރިހެނުންނަކާއި ކައިވެނިކުރަމުންދާއިރު ކުރިމަތިވެފައިވަނީ އަނބިންގެ އަދަދުގެ މައްސަލައެއް ކަމަށް ބުނެ ނިންމައިލެވެން އޮތް ކަމަކަށްވެސް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.
ހަމަ މިފަދައިން ބަލައިފިނަމަ އެއްބައި ފިރިހެނުން ވަރަށް ހަމަހަމަކަމާއިއެކު ގިނަ އަނބިން ގެންގުޅޭއިރު އިން އެންމެ އަނބިމީހާ އަބަދު ނޯށުން ރޮއްވާފައި ބައިންދާ ފިރިހެނުން ތިބިކަން ވެސް ފާހަގަކުރަން ޖެހެއެވެ.
ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި މިފަދަ ހުރިހާ މައްސަލަތަކެއްވެސް ކުރިމަތިވަމުން މިދަނީ އިސްލާމް ދީނުގެ ޙުކުމްތަކުގައި އެއްވެސް މައްސަލައެއް އޮތުމަކުން ނޫނެވެ. އިސްލާމް ދީނުގެ ޙުކުމްތަކަކީ އެންމެ ފުރިހަމަ ޙުކުމްތަކެވެ. ހުރިހާ މައްސަލަތަކެއް އުފެދެނީވެސް އިސްލާމް ދީނުގެ ޙުކުމްތަކަށް އަމަލު ނުކުރެވޭތީއެވެ. އެމީހަކު އެދޭ ކަންކަން އެމީހަކު ބޭނުންވާ ގޮތަށް ކުރަން ބޭނުންވާ މީހުން ގިނަވާތީއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން