ޢިބްރަތްތެރި ވާހަކަ: އެންމެ ގާތް އެކުވެރިޔާ ފިރިމީހާއާއި ގުޅުމަކީ ލިބުނު ނަޞީބެއްކަން ތަޖުރިބާކުރި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 27ސ
ޢިބްރަތްތެރި ވާހަކަ: އެންމެ ގާތް އެކުވެރިޔާ ފިރިމީހާއާއި ގުޅުމަކީ ލިބުނު ނަޞީބެއްކަން ތަޖުރިބާކުރި އަންހެނެއްގެ ވާހަކަ-

އެއީ ފިރިމީހާކަމަށްވީނަމަވެސް އަދި އަނބިމީހާކަމަށްވީނަމަވެސް ބައިވެރިޔާ ބޭވަފަތެރިވެއްޖެނަމަ އެކުގައި ދިރިއުޅުމަކީ ފަސޭހަކަމަކަށް ނުވެއެވެ. މާފުކުރެވެނީ ވަރަށް މަދުމީހަކަށެވެ. ހަމައެފަދައިން އެންމެ ގާތް އެކުވެރިޔާފަދަ މީހަކު އެފަދަ ކަމެއްކޮށްފިނަމަ ހިތްހެޔޮކޮށް މާފުކުރެވެނީވެސް ވަރަށް މަދު މީހަކަށެވެ. އަދި އެކުވެރިޔާއާއި ޙަސަދަވެރިވެ ވަކިނުވަނީވެސް ވަރަށް މަދުމީހަކަށެވެ. 

ތިރީގައިވާ ވާހަކައަކީ ހުރިހާ ގޮތަކުންވެސް ވަރަށް ޢިބްރަތްތެރި ފިލާވަޅެކެވެ. އަނިޔާ ލިބުނު އަނބިމީހާގެ ވިސްނުމުގައިވެސް ބުރަދަނެއް އެބަހުއްޓެވެ. ވިދާޅުވެލައްވައި ފިލާވަޅު ޙާޞިލުކުރައްވާށެވެ!

މަރީނާ އާ އަޅުގަނޑަކީ އުމުރުން 15 އަހަރުން ފެށިގެން ބެސްޓްފްރެންޑުންނެވެ. އުޅެމުން އައީ އެންމެ ގާތް އެކުވެރިންގެ ގޮތުގައެވެ. ވަޒީފާ އަދާކޮށްގެން އަޅުގަނޑަށް ފައިސާކޮޅެއް ޖަމާވީމާ ފަހާތަނެއް ހުޅުވާފައި ހިންގަން އިސް މުވައްޒިފެއްގެ ގޮތުން ހަވާލުކުރީވެސް މަރީނާ އާއިއެވެ. 

އުމުރުން 20 އަހަރުގައި ކައިވެނިކޮށްފީމެވެ. އަޅުގަނޑުމެންނަށް ހަނީމޫނަށް ގޮސްލާނެ ފައިސާކޮޅެއް ޖަމާކުރެވުނީ ފުރަތަމަ ދަރިފުޅަށް އަހަރުވެސްވީފަހުންނެވެ. ފުރަން ވަރަށް ގާތްވެފައިވަނިކޮށް އެނގުނީ އެކުވެރި މަރީނާ އިނީ އަޅުގަނޑުގެ ފިރިމީހާއަށް ބަލިވެކަމެވެ. އެކަން އެނގުމުން އެއްވެސް މައްސަލައެއް ނުޖައްސައި ފިރިމީހާ މަރީނާއަށް ހަދިޔާކުރީމެވެ. އަދި ކުރަން އޮތް ދަތުރު ދެމީހުން އެކުގައި ކޮށްލަންވެސް ބުނީމެވެ.   

މަރީނާ ވަޒީފާއަކުން ވަތްކެއްވެސް ނުކުރަމެވެ. ހަމަ މުވައްޒިފެއްގެ ގޮތުގައި ބެހެއްޓީއެވެ. އެގޮތަށް ކަންތައްކުރީ އޭނާގެ ސަބަބުން ވީކަމެއްވެ ނިމިފައިވާތީއެވެ. އަދި ފިރިމީހާ ޚިޔާނާތްތެރިވެގެން ވަކިވާން ޖެހުން އެއީ ލެއްވެވި މާބޮޑު ރަޙްމަތެއް ކަމަށް ޤަބޫލުކުރެވޭތީއެވެ. ސަބަބަކީ ފިރިމީހާ ޚިޔާނާތްތެރިވާނީ ތެދުވެރި ނޫންވީމައެވެ. އެފަދަ ފިރިއެއްގެ ޙަޤީޤަތް އަވަހަށް ފަޅާއަރައި އެމީހެއްގެ ކިބައިން ވަކިވާނެ ފުރުޞަތުލިބުމުން ދެން ކުރާނެ ފައިދާ މާބޮޑުވާނެކަން ޤަބޫލުކުރެވޭތީއެވެ. ކުށްވެރިއަކީ ކާކުތޯ ބަލާކަށްވެސް ނުއުޅެމެވެ. ނަމަވެސް އެ ނިންމުން ފަހުން ބަޔާންކުރާނަމެވެ. 

ކޮންމެއަކަސް ވަރިވިތާ 6 ވަނަ މަހު ދެވަނަ ކައިވެނިކޮށްފީމެވެ. އެކައިވެނީގައި މިހާރު 12 އަހަރުވީއެވެ. އިރާދަފުޅުން ދެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހެއެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ އުފަލުގައެވެ. ދެވަނަ ކައިވެންޏަށް 2 ދަރިންވެސް ވަނީ ލިބިފައެވެ. މިއަދު މިއީ 3 ދަރިންގެ ފަޚުރުވެރި މަންމައެކެވެ.

ދެން ބުނެލަން ބޭނުމީ އެކުވެރި މަރީނާއަށް ޖެހުނު ޙާލެވެ. މަރީނާ ވިހައި ގަދަވެގެން ދެމީހުން ކައިވެނިކުރިއެވެ. އަހަރު ނުވަނީސް އަނެއްކާ އެހެން އަންހެނަކާއި ހިތާވެގެން މަރީނާ ވަރިކޮށްލައިފިއެވެ. ޚަބަރުލިބޭ ގޮތުން އަޅުގަނޑުގެ ފުރަތަމަ ފިރިމީހާ މިހާރު 5 ކައިވެނިކޮށްފިއެވެ. އެއްވެސް އަންތބަކާއިއެކުގައި ނުއުޅެވުނެވެ. ނަމަވެސް މަރީނާ ދެވަނަ ކައިވެނީގައި އެބައުޅެއެވެ. އަދިވެސް އުޅެނީ ހަމަ އަޅުގަނޑުގެ ވަޒީފާގައެވެ. 

އަޅުގަނޑުގެ ވިސްނުމަކީ އެކުވެރިޔާއަށް އަދިވެސް އަޅުގަނޑުގެ މިހާރުގެ ފިރިމީހާ އާއިވެސް ގުޅުން ހިންގިއްޖެނަމަ އެކަން ވާނީ އަޅުގަނޑަށް ލައްވަވާނެ ރަޙްމަތަކަށެވެ! އެކުވެރިޔާ އެފަދަ ކަމެއް ކުރަން ބޭނުންވި ނަމަވެސް އެކަން ކުރެވޭނީ ފިރިމީހާ ކުރަންހުރީތީއެވެ. ފިރިމީހާގެ ހިތުގައި އަޅުގަނޑަށް ވަފާތެރިކަމެއް ނެތީތީއެވެ. އެކަން އެހެން ވެއްޖެނަމަ އަނެއްކާވެސް އައު ފިރިއަކު ހޯދާނީއެވެ. އަންހެނުން ހުސްވެގެން އުޅޭކަށް ނުޖެހޭނެއޭ ބުނާފަދައިން ފިރިހެނުން ހުސްވެގެން އުޅޭކަށް ވެސް ނުޖެހޭނެއެވެ. 

އެކަމަކު އެކުވެރިޔާއަށް ފިޔަވޅެއް އެޅީމެވެ. އެއީ އަޅުގަނޑު ދިރިއުޅޭ ގެއަށް ނުވެއްދުމެވެ. އަދި ފިރިމީހާގެ ގާތުގައިވެސް އެކުވެރިޔާގެ ވާހަކަ ކިޔައިދީ އޭނާއަށް ސަމާލުވެގެން އުޅެން ބުނީމެވެ. 

ދެން މިދަންނަވަނީ އެކުވެރިޔާ އާއި އަޅުގަނޑުގެ ފުރަތަމަ ފިރިމީހާ އާއި ދެމީހުންކުރެ ކުށްވެރިއަކީ ކާކުކަން އަޅުގަނޑު ޤަބޫލުކުރާ ގޮތެވެ. އެކުވެރިޔާ ދެވަނަ ކައިވެނިމަތީގައި އެބަ ދިރިއުޅެއެވެ. އެއްވެސް މައްސަލައެއް ދިމައެއް ނުވެއެވެ. އަޅުގަނޑުގެ މިހާރުގެ ފިރިމީހާ އާއިވެސް މައްސަލައެއް ނުޖެހެއެވެ. ނަމަވެސް އެފިރިމީހާއަށް 5 ކައިވެނިކޮށްގެންވެސް ނުއުޅެވުނެވެ. ހަަމ އެއް މައްސަލައެއް ދިމާވާތީއެވެ. ވީމާ ކުށްވެރިއަކީ ކާކުކަން އެއޮތީ ވަރަށް ރަނގަޅަށް އެނގިފައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ވިސްނުމާއި ޢަމަލުކުރިގޮތާއިމެދު ޤަބޫލުކުރެވޭނީ ކޮން ގޮތަކަށް ކަމެއް ނުއެނގެއެވެ. އަޅުގަނޑުގެ މިވާހަކަކޮޅު ހިއްޞާކޮށްލި ބޭނުމަކީ ފިރިއަކު ބޭވަފާތެރިވެއްޖެ ނަމަ ހިތާމަނުކޮށް އަވަހަށް އެމީހާގެ ކިބައިން ސަލާމަތްވެ އައު ދިރިއުޅުމެއް ފަށަން ހިތްވަރުދިނުމެވެ. އަދި އަންހެނުންނަކީވެސް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާބައަކަށްވާން ހިތްވަރުދިނުމެވެ. ހުރިހާ ކަންކަމަށް ފިރިންނަށް ބަރޯސާނުވެ އަމިއްލައަށްވެސް ކަންކަން ކުރެވޭބައަކަށްވެގެން ނޫނީ ފިރިންގެ އަނިޔާވެރިކަމުން ސަލާމަތް ވެވޭނެކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. 

ނިންމާލަމުންވެސް ދަންނަވާލަން އޮތީ މިއީ އަޅުގަނޑުގެ ވިސްނުމެވެ.

 

- ޒައިނާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން