ސުވާލު: ފިރިންގެ ބަސް ޤަބޫލުނުކުރާ އަނބިންނަށް ޚަރަދު ކުރަން ޖެހޭނެތޯ؟
ޖަވާބު: . `الْحَمْدُ للهِ رَبِّ الْعَالَمِيْن وَالصَّلاَةُ وَالسَّلاَم عَلَى أشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْن سَيِّدِنَا وَنَبِيِّنَا مُحَمَّدْ وَعَلَى آلِهِ وَأصْحَابِهِ أجْمَعِيْن : أمَابَعْد
السَّلام عَلَيكُم ورحْمَةُ اللهِ وَبَرَكَاتُه
ޙަޤީޤަތުގާ ﷲ އަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގާ އަނބި މީހާ ފިރިމީހާއަށް ކިޔަމަންތެރިވުމަކީ އެއީ އަނބިމީހާގެ މައްޗަށް އޮންނަ ވާޖިބެއް! އެކިޔަމަންތެރިކަން އަނބިމީހާ އަދާނުކޮށްފިކަމަށް ވަނީނަމަ ދެން އެކަނބަލުންނާ ދޭތެރޭގަ ކަންތައް ކުރަންޖެހޭގޮތް ސޫރަތުންނިސާގެ 34 ވަނަ އާޔަތުގާ ﷲ ވަނީ އަންގަވާފަ،
އެގޮތުން ﷲ އަންގަވާފަވަނީ، " وَاللَّاتِي تَخَافُونَ نُشُوزَهُنَّ " އެކަނބަލުން ނުކިޔަމަންތެރިކަން އަދާ ކޮށްފި ކަމަށް ވަނީނަމަ، ފުރަތަމަ ކަމަކަށް މިއޮތީ " فَعِظُوهُنَّ "އެކަނބަލުންނަށް ނަޞޭޙަތް ދޭށޭ! ދެން އެޔަށްފަހުގައި " وَاضْرِبُوهُنَّ فِى المَضاجِع " އެކަނބަލުން ތަންމަތިން ވަކިކުރާށޭ! އެޔަށްފަހު وَاضْرِبُوهُنَّ އެކަނބަލުންނަށް އަނިޔާނުވާ ގޮތަކަށް އެކަނބަލުންގެ ގައިގާ ޖަހާށޭ!
ދެން އެވަރުން ވެސް އިޞްލާޙް ނުވެއްޖެކަމަށް ވަނީނަމަ ދެން އޮތް ޙައްލަކީ ދެފަރާތުގެ ޢާއިލާގެ މެންބަރުން ގެނެސްގެން ދެމީހުންގެ މެދުގާ ސުލްޙަ ކުރެވޭތޯ މަސައްކަތް ކުރުން، އެގޮތުންވެސް އެކަން ކާމިޔާބު ނުވެއްޖެކަމަށް ވަނީނަމަ ދެން ދާންޖެހޭނީ ވަރިޔާހަމަޔަށް. ކޮންމެޔަކަސް ޖެހުމުގެ ވާހަކައިގާ މާނަޔަކީ ފުރަތަމަ ނަޞޭޙަތްދީފަ ދެން އެޔަށްފަހުން ތަންމަތި ވަކިކޮށްފަ ދެން މިއަންނަނީ އަދަބު ދިނުމާ ހަމައިން އަދަބު ދިނުމުގެ ގޮތުން މިސާލަކަށް ޚަރަދު ކުރުން މެދުކަނޑާލުން، އެކަހަލަ ކަންތައްތައް ކުރުން އެއީކީ މައްސަލައެއްނޫން! އަނބިމީހާ ނުކިޔަމަންތެރިކަން އަދާކުރާކަމަށް ވަނީނަމަ.
އެހެންނަމަވެސް މީގާހަމަ ފިރިމީހާ ހަނދާނުގާ ބަހައްޓަންޖެހޭ ވަރަށް މުހިއްމު ކަމެއް އެއީ އަނބިމީހާއަށް ޚަރަދު ކުރުމަކީ އެއީ ފިރިމީހާގެ ބޮލުގާ އެޅިފައިވާ ޒިންމާއެއްކަން! އެހެންވީމާ އެޒިންމާ ފުރިހަމަ ގޮތުގާ އަދާކުރަން ޖެހޭނެކަން. އަނބިމީހާ ކިރިޔާ ނުކިޔަމަންތެރިކަން އަދާކޮށްލުން އެއީ އަނބިމީހާޔަށް ކުރަން ޖެހޭ ޚަރަދުތައް ނުކޮށް ހިފެހެއްޓުމެއް ނޫން، ފުރަތަމަ ނަޞޭޙަތްދީ ދެން އެޔަށްފަހުގާ ތަންމަތިން ވަކިކޮށް ދެންވެސް އެވަރުންވެސް އިސްލާހު ނުވެއްޖެކަމަށް ވަނީނަމަ ޚަރަދު ކުރުން ހުއްޓާލުން.
ދެން ކިރިޔާވެސް ރަގަޅު ވެއްޖެކަމަށް ވަނީ ނަމަ އަނބުރާ ޚަރަދު ކުރަން ޖެހޭނެ! އެހެންވީމާ، މުޅިޢުމުރަށް އެއްކޮށް ޚަރަދު ކުރުން ހުއްޓާލުން އެއްޔެއްނޫން އޭގައެބުނާ ވާހަކަޔަކީ! އެހެންވީމާ، އެކަމަށް ވިސްނަންވާނެ!
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް