ހަސަދަވެރިއެއްގެ ހިތް ހަމަޖައްސައިދިނުމަކީ ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫން! ޛިކްރްތައް ކިޔައި ސަލާމަތްވާން މަސައްކަތް ކުރީމާ ﷲ ތަޢާލާ ރައްކައުތެރިކަމާ ކުރިއެރުން ދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ހަސަދަވެރިއެއްގެ ހިތް ހަމަޖައްސައިދިނުމަކީ ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫން! ޛިކްރްތައް ކިޔައި ސަލާމަތްވާން މަސައްކަތް ކުރީމާ ﷲ ތަޢާލާ ރައްކައުތެރިކަމާ ކުރިއެރުން ދެއްވަވާނެ!

ކިތަންމެ އެކުގައި ކިތަންމެ ކައިރީގައި އުޅެމުން ނަމަވެސް އަދި ދުރުގައި ހުރެގެން ނަމަވެސް މީހަކު ތިބާއަށް ހަސަދަވެރިވާކަމަށް ވިސްނިއްޖެނަމަ އެމީހާ ހިތްހަމަޖައްސައިދީގެން އޭނާގެ ރުހުމާ ތާއީދު ހޯދަން މަސައްކަތް މަސައްކަތްކުރެވޭ މީހުން ވަރަށް ގިނައެވެ.

ނަމަވެސް ގިނަ ފަހަރަށް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ ޙަސަދަވެރިވާނީ ނުބައި ހިތެވެ. ނުބައި ހިތަކަށް ނުބައިކަން ނޫން މަގެއް ޚިޔާރުކުރަން ވަރަށް އުނދަގޫވާނެއެވެ. ނުބައި ހިތަށް ހަމަޖެހުން ލިބޭނީ އަނެކާއަށް އަނިޔާކުރެވުނު ވަރަކުންނެވެ. ގެއްލުންދެވުނު ވަރަކުންނެވެ. މީހަކަށް ގެއްލުމެއް ނޫނީ ދެރައެއް ދެވުމަކީ އެމީހުންނަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ.

މިކަމާއިގުޅިގެން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިފަދައިންނެވެ.

"ހަސަދަވެރިއެއްގެ ހިތްހަމަޖައްސައިދޭން ނުވިސްނާށެވެ! އެއީ ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫނެވެ. އޭނާގެ ހަސަދަވެރިކަމާއިއެކު ވާނެ އެއްޗެއް ވާން ދޫކޮށްލާށެވެ.

އޭނާގެ ހަސަދަވެރިކަމުން ސަލާމަތްވާން ޛިކްރްތައް ކިޔައި ރައްކާތެރިކަން ހޯދާށެވެ! ﷲ ޙައްޤަށް ނަޞްރު ދެއްވަވާނެކަން ކަށްވަރެވެ! އިން ޝާ ﷲ."

ޑރ. އިޔާޟްގެ މިބަސްފުލަކީ ވަރަށް ތެދު ޙަޤީޤަތެކެވެ. ހަސަދަވެރިއެއްގެ ހިތްހަމަޖައްސައިދޭން ކިތަންމެ ވަރަކަށް ވިސްނިޔަސް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެއީ ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެންމެ ރަނގަލު ގޮތަކީ އޭނާގެ ހަސަދަވެރިކަމާއިއެކު ވާނެ އެއްޗެއް ވާން އޭނާ ދޫކޮށްލާފައި އަމިއްލަ ކަންކަމާއިގެން ކުރިއަށް ދިއުމެވެ.

އަދި ހަމައެހެންމެ އޭނާގެ ހަސަދަވެރިކަމުން ސަލާމަތްވެ ހުރުމަށް ކުރަން އޮތްކަމަކީ އޭނާގެވެސް ތިބާގެވެސް އަދި އެންމެންގެވެސް ވެރި ރައްބުގެ ޙަޟްރަތުން ވާގިއެދުމެވެ. ޤުރައާން ކިޔަވައި ޤުރްއާނާއި ސުންނަތުން ޘާބިތުވާންހުރި ޛިކްރްތައް ކިޔައި ރައްކާތެރިކަން ހޯދުމެވެ. ﷲ ތަޢާލާ ޙައްޤަށް ނަޞްރު ދެއްވަވާނެކަން ކަށްވަރެވެ! އިން ޝާ ﷲ.

--މިއަދުނޫސް

މިއަދު އޮންލައިން