މަންމައާ އޭނާގެ ކުޑަދަރިފުޅު ވަކިކުރާ މީހާ، ހަމަކަށަވަރުން ޤިޔާމަތްދުވަހު މާތްﷲ، އޭނާއާއި އޭނާ އެންމެ ލޯބިވާ ފަރާތްތަކާ ވަކިކުރައްވާނެއެވެ!: ޙަދީޘް

ކިޔުމަށް ހޭދަވާނީ 2މ 39ސ
މަންމައާ އޭނާގެ ކުޑަދަރިފުޅު ވަކިކުރާ މީހާ، ހަމަކަށަވަރުން ޤިޔާމަތްދުވަހު މާތްﷲ، އޭނާއާއި އޭނާ އެންމެ ލޯބިވާ ފަރާތްތަކާ ވަކިކުރައްވާނެއެވެ!: ޙަދީޘް

ޢަލީ އިޙްޞާން ފިރާޤް

 

އަބޫއައްޔޫބު އަލްއަންޞާރީ ރަޟިޔަ ޢަންހު: ޖިހާދުގެ މައިދާނުގައި 

أبو أيّوب الأنصاري رضى اللّـه عنــه އަކީ އިސްލާމްދީނަށްޓަކައި ފިދާވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ބޭކަލެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ބައިވެރިވެވަޑައިގެންނެވި ކޮންމެ ޣަޒުވާއެއްގައި أبو أيّوب الأنصاري رضى اللّـه عنــه ބައިވެރިވެވަޑައިގެން ޖިހާދުގެ މައިދާނުގައި އެކަލޭގެފާނުގެ ހިތްވަރުފުޅާއި ފަންވަރު ދައްކަވައިލެއްވިއެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖްރައަށް ވަޑައިގެންނެވުމަށްފަހު މަދީނާގެ އަންޞާރުންނާއި މުހާޖިރުންނާ ދެމެދުގައި އަޚްވަންތަކަމުގެ ގުޅުން ޤާއިމުކޮށްދެއްވެވިއެވެ. އެގޮތުން أبو أيّوب الأنصاري رضى اللّـه عنــه އާ އަޚުކޮށްދެއްވީ މަޝްހޫރު ޞަޙާބީ مصعب بن عمير رضى اللّـه عنــه އާއެވެ. مصعب بن عمير رضى اللّـه عنــه އަކީ އިސްލާމްދީނަށްޓަކައި ގިނަގުނަ ގުރުބާނީތަކެއް ވެވަޑައިގެންނެވި ދަރަޖަމަތިވެރި ޞަޙާބީއެކެވެ. އެކަލޭގެފާނު ޝަހީދުވީ އުޙުދު ހަނގުރާމައިގައެވެ. 

އެއްފަހަރަކު ހަނގުރާމައެއްގެ ޣަނީމާ މުދަލާއި އަސީރުން ބެހެވެމުން ދިޔަ ތަނެއްގައި أبو أيّوب الأنصاري رضى اللّـه عنــه ހުންނެވިއެވެ. އެތަނުގެ ކައިރީގައި ހަނގުރާމައިގައި ހައްޔަރު ކުރެވުނު އަންހެނަކު ގިސްލަގިސްލައިފައި ރޮމުން ގެންދިޔައެވެ. އެތަން ފެނިވަޑައިގެން އަބޫއައްޔޫބުގެފާނު ވިދާޅުވިއެވެ. [އޭނާ އެ ރޮނީ ކީއްވެގެން ހެއްޔެވެ؟] މީސްތަކުން ދެންނެވިއެވެ. [އެއީ ހަނގުރާމައިގެ އަސީރެކެވެ. އޭނާ ރޮނީ އޭނާ ކުޑަދަރިފުޅާ ވަކިކުރުމުންނެވެ.]  

أبو أيّوب الأنصاري رضى اللّـه عنــه ވިދާޅުވިއެވެ. އޭނާގެ ދަރިފުޅު އަނބުރާ އޭނާއާ ޙަވާލުކުރާށެވެ. އެހެނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވި އަޑު އަހަރެން އެހީމެވެ. [މަންމައާ އޭނާގެ ކުޑަދަރިފުޅު ވަކިކުރާ މީހާ ދަންނާށެވެ. ހަމަކަށަވަރުން ޤިޔާމަތްދުވަހު މާތްﷲ، އޭނާ އާއި އޭނާ އެންމެ ލޯބިވާ ފަރާތްތަކާ ވަކިކުރައްވާނެއެވެ. {މުސްނަދު އިމާމު އަޙްމަދު، ޙަދީޘް ނަންބަރު 23546} 

- ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން