މިއީ އެންމެ ހުޝިޔާރު އަންހެނަކަށް އަދި އެންމެ ހުޝިޔާރު ފިރިހެނަކަށްވާން ކޮންމެ ދެމަފިރިއަކު ދަސްކުރަންޖެހޭ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މިއީ އެންމެ ހުޝިޔާރު އަންހެނަކަށް އަދި އެންމެ ހުޝިޔާރު ފިރިހެނަކަށްވާން ކޮންމެ ދެމަފިރިއަކު ދަސްކުރަންޖެހޭ ފިލާވަޅެއް!

ހުޝިޔާރުވުން ކިތަންމެ ގޮތަކަށް މާނަކުރެވިދާނެއެވެ. އެއިގެ ތެރެއިން އަހުރެން މިފަހަރު މާނަމިކުރަނީ ކަންބޮޑުވާންޖެހޭ ވަޤުތުތަކުގައި ތިމާއަށް އެންމެ ފައިދާބޮޑުވާނެ ގޮތަށް ކަންކަން ނިންމުމުގެ ޤާބިލުކަން ހުރުމަށެވެ. 

ފިރިހެނަކު ރުޅިގަދަވެއްޖެނަމަ އޭނާކުރާ ކަންތައްތަކުގެ ސަބަބުން އޭނާގެ ވަށައިގެން ތިބޭ އެންމެންނަށް (ޢާއިލާގެ އެންމެންނަށް) ކިތަންމެ ބޮޑު އަނިޔާއެއްވެސް ކުރެވިދާނެއެވެ. ހަމައެފަދައިން އަންހެނަކު ރުޅިގަދަވެއްޖެނަމަ އޭނާގެ އަނގަ ބޭނުންކޮށްގެން (ދައްކާ ވާހަކައިން) އޭނާގެ ވަށައިގެން ތިބޭ އެންމެންނަށް ކިތަންމެ ބޮޑު އަނިޔާއެއްވެސް ކުރެވިދާނެއެވެ. މާނައަކީ ސިއްރުތައް ބޭޒާރުކުރުމާއި ފިތުނަ އުފެއްދުން ފަދަ ކަންކަން ކޮށްގެން ކިތަންމެ ބޮޑު ގެއްލުމެއްވެސް ދެވިދާނެއެވެ. 

ވީމާ ރުޅިއަންނަހިނދު ނުވަތަ ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވާހިނދު ފިރިހެނުންނަށް އެންމެ މުހިންމީ އަމިއްލަ ނަފްސް ކޮންޓްރޯލްކުރުމެވެ. އަންހެނުންނަށް އެންމެ މުހިންމީ އެމީހުންގެ އަނގަ ކޮންޓްރޯލްކުރުމެވެ. 

ބާރުގަދަ ފިރިހެނަކަށްވާން ބޭނުންނަމަ ފުރަތަމަ ކަމަކީ ކޮންމެ ކަމެއް ކުރިމަތިވިޔަސް ތިމާގެ ކޮންޓްރޯލް އެހެން އެއްވެސް މީހަކާއި ޙަވާލުނުކޮށް އަމިއްލަ ކަންކަން އަމިއްލައަށް ނިންމުމުގެ ބާރުލިބިގަތުމެވެ. 

އަންހެނުންނަށް ބުނެލަން އޮތީ ކޮންމެކަމެއް ކުރިމަތިވިޔަސް ބަސްމަދުކުރާށެވެ. ނަމަވެސް ދެލޯބޮޑުކޮށް ވާނުވާ ބަލަންވާނެއެވެ. ކަންކަން ނިންމަންޖެހޭ ވަޤުތު ނިންމަންޖެހޭ ގޮތަކަށް ނިންމޭވަރަށް މައުލޫމާތު އޮޅުންފިލުވައި ތައްޔާރުވާންޖެހޭނެއެވެ. އަންހެނުންގެ ތެރެއިން އެންމެ ބުއްދިވެރި އަންހެނުންނަކީ ކަންކަން ކުރިމަތިވުމުން މިބުނެދިން މަގުން ކަންކަން ނިންމައި ފިޔަވަޅުއަޅާމީހުންނެވެ. 

މަސައްކަތްކުރަންވީ އެންމެ ހުޝިޔާރު މީހާކަމަށްވުމަށެވެ. ކަންބޮޑުވާންޖެހޭ ވަޤުތުތަކުގައި ތިމާއަށް އެންމެ ފައިދާބޮޑުވާނެ ގޮތަށް ކަންކަން ނިންމުމުގެ ޤާބިލުކަން ލިބިގެންހުރި މީހަކަށް ވުމަށެވެ. އެދަރަޖަ ޙާޞިލުކުރެވޭނީ މިބަޔާންކުރި މަގުން ޢަމަލުކޮށްގެންނެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން